މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ސަބްސިޑަރީ ކުންފުނި އައިލެންޑް ބެވެރެޖަސް މޯލްޑިވްސް (އައިބީއެމް)ން އުފައްދާ "ތާޒާ" ބްރޭންޑުގެ ފެން ބިއްލޫރި ފުޅީގައި ބަންދުކޮށްގެން ބާޒާރަށް ނެރުމުގެ ފަހުގެ ތައްޔާރީތައް ނިމިފައި ވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު މީޑިއާގައި ވިދާޅުވީ ކުންފުނިން މަސައްކަތް ކުރީ މިއަހަރުގެ ފުރަތަމަ ކުއާޓާގައި ބިއްލޫރި ފުޅީގައި ބަންދުކޮށްގެން ތާޒާ ފެން ބާޒާރަށް ނެރުމަށް ކަމަށެވެ. އެކަމަކު އެ މަސައްކަތް ލަސްވީ ކޯވިޑްގެ ހާލަތު ގޮސްވެގެން ކަމަށް ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ ބިއްލޫރި ފުޅި އުފެއްދުމަށް ބޭނުންވާ މެޝިނަރީސް އާއި ފެން ފުޅިލާ ޓްރޭގެ އިތުރުން ފެން ފުޅީގެ ޑިޒައިން ކަނޑައަޅައި ނިންމާފައިވާ ކަމަށެވެ.
މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ކުންފުނީގެ މި މަސައްކަތަކީ އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލެވޭ ޕްލާސްޓިކް ރާއްޖޭގައި މަދުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ތަމްފީޒު ކުރުމުގައި އެ ކުންފުނިން އަދާކުރަންޖެހޭ މުހިއްމު ދައުރެއް އޮތް ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ.
އެ ކުންފުނިން ނިންމާފައިވަނީ ފުރަތަމަ ގިނަ ފަހަރު ބޭނުން ކުރެވޭ 18 ލީޓަރުގެ ފެން ހަމާއި އެއް ލީޓަރުން ދަށުގެ ތާޒާ ފެން ބިއްލޫރި ފުޅީގައި ބަންދުކޮށް ބާޒާރަށް ނެރޭށެވެ. އަދި އައިބީއެމްއަކީ ހަމައެކަނި ފެން އުފައްދާ ކުންފުންޏެއްގެ ގޮތުގައި އޮތުން ނިމުމަކަށް ގެނެސް އެހެން އުފެއްދުންތައް އުފައްދައި ބާޒާރަށް ނެރުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ކުރިން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް