އަލީގެ ޝަރިއަތް އޮންލައިންކޮށް ގެންދާ މައްސަލަ ހައި ކޯޓުން ބޭރު ކުރުމުން ސުޕްރީމް ކޯޓަށް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިޔަށް ގެންދާ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ދައުލަތުން ނިންމައިފި އެވެ. ޖިންސީ ގޯނާގެ ތުހުމަތުގެ...

11 Jul 2021 | 08:02

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިޔަށް ގެންދާ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ދައުލަތުން ނިންމައިފި އެވެ.

ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަތަކުގެ ދައުވާ އުފުލާފައިވަނިކޮށް ކޯޓު މެދުވެރިކޮށް ޕާސްޕޯޓު ހޯދައިގެން އަލީ މިވަގުތު ހުންނެވީ ބޭސް ފަރުވާއަށް އިނގިރޭސިވިލާތުގައި އެވެ. ބޭސް ފަރުވާއަށް ދިން މުއްދަތު ހަމަވި އިރުވެސް އޭނާ ރާއްޖެ ވަޑައި ނުގެންނަވާއިރު ޝަރީއަތުގައި ބައިވެރިވެވަޑައިގެންނެވީ އޮންލައިންކޮށެވެ.

މި މައްސަލައިގަ ޕީޖީ އޮފީހުން ވަނީ އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންދާތީ އެކަން ހުއްޓުވުމަށް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެކަމަކު ހައި ކޯޓުން ވަނީ އެފަދަ އިޖުރާއީ މައްސަލަތައް ދަށު ކޯޓުގައި ކުރިއަށް ދަނިކޮށް އިސްތިއުނާފު ނުކުރެވޭނެ ކަމަށާއި ޝަރީއަތް ކުރިއަށްދަނިކޮށް އިސްތިއުނާފު ކުރެވޭނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ބެހޭ މައްސަލަ ކަމަށް ނިންމާފައި އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން މިއަދު ނިންމާފައިވާ ކަމަށެވެ. މައްސަލަ ހުށަހަޅާނެ ދުވަހަކާއި ބެހޭގޮތުން އަދި އެއްޗެއް ހާމައެއް ނުކުރައްވަ އެވެ.

އަލީގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު މެންދުރު ފަހު3:00 ގައިވެސް ކްރިމިނަލް ކޯޓުގައި އެބައޮތެވެ. އޭނާ ޝަރިއަތުގައި ބައިވެރިވެވަޑައިގެންނަމުންދަނީ އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި ހުންނަވައިގެންނެވެ.

އަލީ ވަހީދު ބޭރުގައި ހުންނަވައިގެން ޝަރީއަތް ކުރިއަށް ގެންދާ މައްސަލަ މާދަމާ ހައި ކޯޓުގައި ފަށާއިރު، އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ވެސް ހައި ކޯޓުގައި އިސްތިއުނާފް ކުރަން ދައުލަތުން ވަނީ ނިންމައިފަ އެވެ.

އަލީގެ މައްޗަށް ދައުލަތުން ހަތް ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިރު މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަތަކުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް