ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ ދާ މީހުން ރަޝިއާއަށް ޑެލްޓާ ވޭރިއަންޓު ގެންދާ ކަމަށް ބުނެފި

ރަޝިއާގައި ކޯވިޑް-19 ގެ ޑެލްޓާ ވޭރިއެންޓު ދިޔަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ބުނެފި އެވެ. ރަޝިއާގައި ޑެލްޓާ ވޭރިއަންޓު ފެތުރި ގައުމުގެ ހާލަތު ދަނީ އަނެއްކާވެސް ގޯސްވަމުންނެވެ. އެގޮތުން އި...

11 Jul 2021 | 06:19

ރަޝިއާގައި ކޯވިޑް-19 ގެ ޑެލްޓާ ވޭރިއެންޓު ދިޔަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ބުނެފި އެވެ.

ރަޝިއާގައި ޑެލްޓާ ވޭރިއަންޓު ފެތުރި ގައުމުގެ ހާލަތު ދަނީ އަނެއްކާވެސް ގޯސްވަމުންނެވެ. އެގޮތުން އިއްޔެ އެކަނިވެސް 24،607 މީހުން ކޯވިޑަށް ޕޮސިޓިވް ވެފައިވެ އެވެ.

ރަޝިއާ އެ ހާލަތަސް ދިއުމުގައި ރާއްޖޭގެ ހިއްސާ އޮތް ކަމަށް ވިދާޅުވީ ރަޝިއާގެ ފެޑްރަލް ސާވިސް ފޯ ކޮންސިއުމާ ރައިޓް ޕްރޮޓެކްޝަން އެންޑް ހިއުމަން ވެލްބީންގެ ވެރިޔާ އެނާ ޕޮޕޯވާއެވެ. އޭނާ ވިދާޅުވީ އެގައުމަށް ޑެލްޓާ ވޭރިއަންޓު އެތެރެވެފައިވަނީ ރާއްޖެ، އެމެރިކާ އަދި އަދި ޔޫރަޕްގެ ގައުމުތަކުން ކަމަށެވެ.

އެގޮތުން އެގައުމުގައި ޑެލްޓާ ވޭރިއަންޓު ފެތުރި ފެންނަމުންދަނީ ރާއްޖޭގައި އެ ގައުމުގެ ރައްޔިތުން ހޭދަ ކުރި ޗުއްޓީތަކުގެ ނަތީޖާ ކަމަށް ވިދާޅުވި އެވެ. އަދި އެމެރިކާ އާއި ޔޫރާޕްގެ ގައުމުތަކަށް ދަތުރު ކުރި މީހުންގެ ފަރާތުން ވަރަށް ބޮޑަށް ވޭރިއަންޓު ފެތުރިފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.

އެނާ ވިދާޅުވީ އެ ގައުމުން ޑެލްޓާ ވޭރިއަންޓު ފެނިފައިވަނީ މިދިޔަ އޭޕްރިލް މަހުގައި ކަމަށެވެ. އަދި މިހާތަނަށް އެ ވޭރިއަންޓު ޖެހިފައިވާ މީހުންގެ ތެރެއިން 70-90 ޕަސެންޓާއި ދެމެދުގެ އަދަދެއްގެ މީހުންނަކީ ރާއްޖެ އާއި، އެމެރިކާ އަދި ޔޫރަޕް ގައުމުތަކަށް ދަތުރުކޮށްފައިވާ މީހުން ކަމަށެވެ.

ރަޝިއާއިން މިހާރު ކޯވިޑް ޖެހޭ 66 ޕަސެންޓު މީހުން ދަނީ އެ ވޭރިއަންޓަށް ޕޮސިޓިވް ވަމުންނެވެ. އެކަމަކު މިހާތަނަށް ޑެލްޓާ ޕްލަސް ވޭރިއަންޓު ފެނިފައި ނުވާ ކަމަށްވެ އެވެ.

ރަޝިއާ އަކީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އަދި ރަޝިއާ ޓޫޜިސްޓުން ގިނަ ކަމުން އެގައުމުގެ ބައެއް އެއާލައިންތަކާއި ބައިނަލްއަގުވާމީ އެހެން ގިނަ އެއާލައިންތަކަކުން ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް ކުރާލެއް ވަރަށް ގިނަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް