ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންގެ މުސާރަ ސަރުކާރުން ބޮޑުކޮށްފައިވާކަމަށް ރިޕޯޓްކޮށްފައިވާއިރު އެއީ އެހެން ހިނގި ކަމެއް ނޫންކަމާއި ނަމަވެސް މި ބަދަލަކީ ކޮވިޑާއި ގުޅިގެން އެމްޑީންނާއި ޑީއެމްޑީންގެ މުސާރައިން އުނިކުރި ބައި އިއާދަކުރުމެއް ކަމުގައި ދުވަހަށް އެނގިއްޖެއެވެ.
އެގޮތުން ދުވަހަށް އެނގިފައިވާގޮތުގައި ފަސް ކެޓަގަރީއަކަށް ކުންފުނިތައް ގިންތިކޮށްފައިވާއިރު އެ ގިންތި ތަކުގެ ތެރެއިން ޑީ އަދި އީ ކެޓަގަރީގެ ކުންފުނިތަކުގެ އެމްޑީންނާއި ޑީއެމްޑީންގެ މުސާރަ މިހާރު ވަނީ އިއާދަކޮށްފައެވެ. ނަމަވެސް އޭ، ބީ އަދި ސީގެ އެމްޑީންގެ މުސާރަތައް އަދި އިއާދަކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް އޭ،ބީ އަދި ސީ ކެޓަގަރީގެ ކުންފުނިތަކުގެ އެމްޑީންނާއި ޑީއެމްޑީންގެ މުސާރަވެސް އިއާދަކުރުމަށް އެކަން ކުރިއަށް ގެންދެވިދާނެ އުސޫލެއް ފިނޭންސް މިނިސްޓްރީން މިވަނީ އެކުލަވާލާފައެވެ. އެއީ އެ ކެޓަގަރީތަކުގެ ކުންފުނިތަކުގެ ކޭޝްފްލޯ އަދި މާލީ ހާލަތު ރިޕޯޓް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައި އެކަމަށް ރިކުއެސްޓް ކުރުމެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އޭ، ބީ އަދި ސީ ކެޓަގަރީގެ ކުންފުނިތަކުގެ އެމްޑީންނާއި ޑީއެމްޑީންގެ މުސާރަތައް ކުރީގެ މުސާރަތަކަށް ރުޖޫއަ ކުރުމާއިމެދު ފިނޭންސް މިނިސްޓްރީން ގޮތެއް ނިންމާނީ އެ ޑާޓާތަކަށް ބެލުމަށްފަހުގައެވެ.
މި ބަދަލާއެކު މިކަންކަން ކުރާނެ ގޮތުގެ އުސޫލެއް ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވެއެވެ.
މި އުސޫލުގައިވާގޮތުން ސަރުކާރުގެ ޔުޓިލިޓީ ކުންފުނިތަކުގެ ތެރެއިން 111 ރަށަށްވުރެ ގިނަ ރަށުގައި ކުންފުނީގެ ގޮފިތައް ހިންގަމުންދާ ކުންފުނިތަކަށް "ހާޑްޝިޕް އެލަވަންސް" ގެ ގޮތުގައި ކުންފުނީގެ އެމްޑީއަށް 16،000 ރުފިޔާ ދެވިދާނެއެވެ. އަދި ޑީއެމްޑީއަށް 12،800 ރުފިޔާ ދެވިދާނެއެވެ.
މީގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަމުގެ ހިދުމަތްދޭ ކުންފުނިތަކަށް "އިޖުތިމއީ ރައްކާތެރިކަމުގެ ހާއްސަ އެލަވަންސް" ގެ ގޮތުގައި އެ ކުންފުނިތަކުގެ އެމްޑީންނަށް 12،300 ރުފިޔާ އަދި ޑީއެމްޑީންނަށް 9،840 ރުފިޔާ ދެވިދާނެއެވެެ. މި އެލަވަންސްތައްވެސް ދޭނީ ފިނޭންސް މިނިސްޓްރީން ބަލަންޖެހޭ ވަކި ކަންތައްތަކަކަށް ބެލުމަށްފަހުގައި ކަމަށް ބުނެފައިވެއެވެ.
މި އުސޫލުގައި އިތުރަށް ިންމާފައިވާ ކަމަކީ ކުންފުނީގެ "ފައިނޭންޝަލް ޕާފޯމަންސް" އަށް ބަލައި "ފައިނޭންޝަލް ޕާފޯމެންސް އެލަވަންސް" އެއް ދެވޭނެ ގޮތެއް ކަނޑައެޅުމެވެ. އެގޮތުން މި އެލަވަންސް ދެވޭނީ އެ ކުންފުނިތަކުގެ މާލީ ހިސާބުތައް ރިވިއު ކުރުމަށްފަހު ކުންފުނިތަކާއި ކުރެވޭ މަޝްވަރާތަކަށް ބިނާކޮށް ކަނޑައެޅޭ ޓާގެޓްތަކަށް ރީޗް ވެފައިވާ މިންވަރަށް ބެލުމަށްފަހުގައެވެ.
މިގޮތުން ރޭޓިންތަކެއް އެކުލަވާލައި އޭ، ބީ އަދި ސީ ކެޓަގަރީގެ ކުންފުނިތަކުގެ އެމްޑީ އަދި ޑިއެމްޑީންނަށް މި ރޭޓިންގެ މާކްސްއަށް ރިއާޔަތްކޮށް 5،300 އާއި 30،000 އާއި ދެމެދުގެ އެލަވަންސްއެއް ދެވިދާނެއެވެ. އަދި ޑީ އާއި އީ ކެޓަގަރީގެ ކުންފުނިތަކުގެ އިސްވެރިންނަށް މި ރޭޓިންގެ މާކްސް އަށް ބަލައި 8،000 އާއި 30،000 އާއި ދެމެދުގެ އެލަވަންސް އެއް ކުންފުނިތަކުގެ ވެރިންނަށް ދެވިދާނެއެވެ.
މި ބަދަލުތަކާއެކު ފިނޭންސް މިނިސްޓްރީން ގަބޫލުކުރާގޮތުގައި ކުންފުނިތައް ކުންފުނިތައް މިގޮތަށް ގިންތި ކުރެވި ކުންފުނީގެ "ޓޯޓަލް އެސެެޓާއި" ޕާފޯމަންސް" އަދި މުވައްޒަފުންގެ އަދަދަށް ބަލައި އެމްޑީންނާއި ޑީއެމްޑީންގެ މުސާރަ ކަނޑައެޅޭނެ އުސޫލެއް އޮތުމަކީ އެ ފަރާތްތައް ކުރާ މަސައްކަތާއި އުފުލާ ޒިންމާއާއި ކުންފުންޏަށް ހޯދައިދޭ ކާމިޔާބީއަށް ބިނާކޮށް މުސާރައާއި އިނާޔަތްތައް ދިނުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް