މިއަދަކީ ދުނިޔޭގެ އާބާދީ ދުވަސް

ޙައްލަކީ ޙައްޤުތަކާއި އިޚްތިޔާރުތައް: ދަރިން އުފަންވާވަރު އިތުރުވުމާއި މަދުވުމުގެ ސަބަބުން  ދަރިމައިވުމުގެ ނިސްބަތަށް އަންނަ ބަދަލުތަކުގެ ޙައްލަކީ އެންމެންގެ އުފަންވެނި ސިއްޙަތާއި ޙައްޤުތަކަށް އިސްކަނ...

11 Jul 2021 | 05:25

ޙައްލަކީ ޙައްޤުތަކާއި އިޚްތިޔާރުތައް: ދަރިން އުފަންވާވަރު އިތުރުވުމާއި މަދުވުމުގެ ސަބަބުން  ދަރިމައިވުމުގެ ނިސްބަތަށް އަންނަ ބަދަލުތަކުގެ ޙައްލަކީ އެންމެންގެ އުފަންވެނި ސިއްޙަތާއި ޙައްޤުތަކަށް އިސްކަންދިނުމެވެ.

ކޮވިޑް-19ގެ އާލަމީވަބާ އާއި ގުޅިގެން ކުރިމަތިވަމުންދާ ނޭދެވޭ އަސަރު ގިނަ ދުވަސްތަކަކަށް ދެމިގެން ދިޔުމަކީ އެކަށީގެންވާ ކަމަކެވެ. މިކަމުގެ ސަބަބުން ބައެއް ފަރާތްތަކަށް ދަރިން ހޯދަން ފަސްކުރަންޖެހިފައިވާއިރު ބައެއް ފަރާތްތަކަށް ޞިއްޙީ ޙިދުމަތްތައް ހޯދުމަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ވަނީ ދުރާލާ ތައްޔާރުވުމެއްނެތި މާބަނޑުވާން ދިމާވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ދަރިމައިވުމަށްކޮށްފައިވާ އަސަރު ފުރިހަމައަށް ދެނެގަނެވިފައިނުވި ނަމަވެސް ކުދިން އުފަންވުން އިތުރުވުމާއި މަދުވުމުގެ ސަބަބުން ފެންނަނީ ކަންބޮޑުވާންޖެހޭ ކަންތައްތަކެވެ.

މިކަމުގެ ޙަޤީޤީ ކަންބޮޑުވުމަކީ އަންހެނުންނަށް އެމީހުންގެ އުފަންވެނި ޞިއްޙަތާއި ގުޅެގޮތުން ލިބިދީފައިވާ ޙައްޤުތަކާއި އިޙްތިޔާރުތައް ކަށަވަރުނުވުމެވެ. ޞިއްޙީ ޙިދުމަތަށް ބުރޫއެރުމުގެ ސަބަބުން ނުވަތަ ވަކިޖިންސަކަށް ނިސްބަތްވާތީ ދިމާވާ ތަފާތުކުރުންތަކުގެ ސަބަބުން އަންހެނުނަށް ޞިއްޙީ ޙިދުމަތް ހޯދުމުގައި ދަތިތަކާއި ދިމާވެ އާއިލާ ރޭވުމަށް ބޭނުންވާ ވަސީލާތްތައް ލިބިގަތުގައި ގޮންޖެހުންތަކާއި ކުރިމަތިވެއެވެ.

ދުޅަހެޔޮ, އުފެއްދުންތެރި މުޖުތަމަޢުއެއް ބިނާވަނީ އަންހެނުންނަށް އެމީހުންގެ ދަރިމައިވުމުގެ ޞިއްޙަތާއި ގުޅޭ ފުރިހަމަ އިޙްތިޔާރު ލިބުމުގެ އިތުރުން އެކަން ކަށަވަރުކުރުމަށް ލިބިދޭންޖެހޭ ޙިދުމަތްތަކުގެ މައްޗަށެވެ. އެމީހެއްގެ ނަފްސުގެ މައްޗަށް ފުރިހަމަ ބާރުއޮތް އަންހެނަކަށް ލިބޭ ފައިދާއަކީ ހަމައެކަނި އަމިއްލަ ކަންކަންކުރުމަށާއި ނިންމުމަށް އޮންނަ ފުރިހަމަ އިޙުތިޔާރެއް ނޫނެވެ. މީގެ އިތުރުން ޞިއްޙީގޮތުންނާއި ތަޢުލީމީގޮތުން ކުރިއަރާއި, އާމްދަނީ ހޯދުމަށް މަގުފަހިވެ, ރައްކާތެރިކަން ލިބިގެންދެއެވެ. އެފަދަ އަންހެނުންނާއި އެމީހުންގެ އާއިލާއަށްވެސް މިކަމުގެ ސަބަބުން ފައިދާކުރެއެވެ.

ކޮވިޑް-19ގެ ސަބަބުން ޤައުމުތަކުގެ ޞިއްޙީ ނިޒާމުގެ ތެރޭގައި އަދި ދެމެދުގައިވާ ބަލިކަށިކަމާއި ތަފާތުކުރުންތައް ވަނީ ފެންމަތިވެގެން ގޮސްފައެވެ. ޞިއްޙީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުމުގެ ސަބަބުން އުފަންވެނި ޞިއްޙަތާއި ގުޅޭ ޙިދުމަތްތައް ފޯރުކޮށްދިނުމަކީ އަސާސީ ޙިދުމަތެއްކަމުގައި ނުދެކި ވަނީ ފަހަތަށް ޖައްސާލެވިފައެވެ. މިޙިދުމަތަކީ އިންސާނީ ޙައްޤެއްކަމުގައިވިނަމަވެސް, މިއަށްވުރެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށްބުނެވަނީ އެއްފަރާތްކުރެވިއެވެ. އިޤްތިޞާދީ ގޮތުން ކުރިމަތިވަމުންދާ ފިއްތުންތަކާއި ބަޖެޓްތައް ކަނޑަމުންދާ މިދަނޑިވަޅުގައި, ބައެއް ޤައުމުތަކަށް މިފަދަ ޙިދުމަތްތައް އަނބުރާ އިޔާދަނުކުރެވުމުގެ ބިރުވަނީ ބޮޑުވެފައެވެ.

ދުނިޔޭގެ އާބާދީ ދުވަހު, އުފަންވެނި ޞިއްޙަތަކީ އަސާސީ ޙިދުމަތެއްކަމުގައި ޤަބޫލުކޮށް, އެންމެން އެކުގައި  މިޙިދުމަތް ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ އުނދަގޫތަކުން އަރައިގަންނަން މަސައްކަތްކުރަމާހެވެ. ޞިއްހީ ނިޒާމަށް ބައިވަރު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް ޤަބޫލުކުރިނަމަވެސް, މިފަދަ ޙިދުމަތްތައް ފޯރުކޮށްދިނުމުގައި އިތުރަށް މަޑުޖެއްސޭކަށްނެތެވެ. މިފަދަ ޙިދުމަތްތައް ލަސްކުރުންވެގެންދާނީ އަންހެނުންނާއި އަންހެން ކުދިންގެ ޞިއްޙަތާއި ދުޅަހެޔޮކަން ހީނަރުކުރުވާއި މުޅި ޙަޔާތަށް އަސަރުކުރުވާނެ ކަމަކަށެވެ.

އަންހެނުންނާއި އަންހެން ކުދިންގެ އުފަންވެނި ޞިއްޙަތާއި ޙައްޤުތަށް އަދި އިޙްތިޔާރުތައް ކަށަވަރުކުރުމަށް އެންމެނެ އެކުގައި ތެދުވަމާހެވެ.

މިއީ ދުނިޔޭގެ އާބާދީ ދުވަހާއި ގުޅިގެން ޔޫއެންއެފްޕީއޭ އިން އާންމުކޮށްފައިވާ ސްޓޭޓްމެންޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް