ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އާއި މާދުރުނޫން ހިސާބެއްގައި ހުންނަ ޖޫސް އުފައްދާ ފެކްޓްރީ އެއް ކަމަށްވާ ހާޝިމްސް ފުޑް ލިމިޓެޑުގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެ ފެކްޓްރީގެ ވެރިޔާ އަބްދުލް ހާޝިމް އާއި އޭނާގެ ހަތަރު ފިރިހެން ދަރިންއި އިތުރު ދެ މީހުން ހައްޔަރުކޮށްފި އެވެ.
މި ހާދިސާގައި ފެކްޓްރީގައި މަސައްކަތް ކުރާ 52 މުވައްޒަފަކު މަރުވެ، 50 މުވައްޒަފަކަށް ވަނީ އެކިވަރުގެ އަނިޔާވުމާއި ހަށިގަނޑުން ބައެއް ފިހިފަ އެވެ. ފެކްޓްރީގައި ރޯވި އަލިފާންގަނޑު ނިވާލެވުނީ ރޯވިތާ 24 ގަޑިއިރު ވަނިކޮށެވެ.
މި މައްސަލައިގަ ވެރިޔާގެ މައްޗަށް ދައުވާ ކުރަނީ މީހުން މެރިކަމުގެ ތުހުމަތުގައި އެވެ. އެއީ ފެެކްޓްރީގައި އަލިފާން ރޯވުމުން މުވައްޒަފުންނަށް ސަލާމަތްވާން އެތަނުން ނުކުމެވޭނެ އެއްވެސް ގޮތެއް ހަދާފައި ނެތުމުންނެވެ. ހަ ފަންގިފިލާގެ އެ އިމާރާތުގެ ބޭރަށް ނުކުމެވޭ ހުރިހާ ދޮރެއް ހުރީ ތަޅުލާފަ އެވެ. އެގޮތުން ފެކްޓްރީގެ މައި ދޮރާއި އެންމެ މަތީ ފަންގިފިލާގެ ޓެރަސްއަށް ނުކުންނަ ދޮރުވެސް ތަޅުލާފައި ހުރުމުން އިމާރާތުގެ ތެރޭގައި އެމީހުން ތާށިވެ ގިނަ ބަޔަކު މަރުވުމަށް މެދުވެރިވީ ވެރިޔާގެ އިހުމާލުކަމަށް ފުލުހުން ބުނެ އެވެ.
އަދި އެކި ފަންގިފިލާތަކަށް އަރަން ފެކްޓްރީގައި ހުރީ ދެ ސިޑި ކަމާއި އަލިފާނުގެ ސަބަބުން ސިޑިތައް ހަލާކުވުމުން މުވައްޒަފުން މަތީ ފަންގިފިލާތަކުގައި ތާށިވީ އެވެ. މި ހާދިސާގައި ފެކްޓްރީގައި އަލިފާން ރޯވީ އެންމެ ތިރީ ފަންގިފިލާގައި އެވެ. އެވަގުތު ގިނަ މުވައްޒަފުން ތިބީ ތިން ވަނަ ފަންގިފިލާގައި ކަމަށްވެ އެވެ. ބައެއް މީހުން ވަނީ ދޮރުތައް ހަލާކު ކޮށްލައިގެން ފުންމާލާފައި އެވެ.
މި މައްސަލައިގަ ހާޝިމްގެ މައްޗަށް ވަނީ ގާނޫނާއި ހިލާފަށް ކުޑަކުދިން ލައްވައި މަސައްކަތް ކުރުވާފައިވާތީ ދައުވާ ކުރަން ނިންމާފައި އެވެ. މި ހާދިސާއި މަރުވި މީހުންގެ ތެރޭގައި 11 އަހަރުގެ ކުޑަ ކުއްޖަކު ހިމެނޭއިރު ޒަހަމްވި މީހުންގެ ތެރޭގައި 14 އަހަރުގެ ކުއްޖަކު ހިމެނެ އެވެ. އެ ކުދިންނަކީ އެތަނުގައި މަސައްކަތް ކުރާ ކުދިންނެވެ.
ތުހުމަތުތަކުން ދިފާއުއުމަށް ހައްޔަރު ކުރުމުގެ ކުރިން ހާޝިމް މީޑިއާގައި ބުނީ ފެކްޓްރީގައި އަލިފާން ރޯވެ މީހުން މަރުވީ އޭނާގެ އިހުމާލުން ނޫން ކަމަށެވެ. ހާޝިމް ބުނެފައިވާ ގޮތުގައި އަލިފާންް ރޯވީ މުވައްޒަފުންގެ ފަރުވާކުޑަކަމުން ދިމާވި ކަމަކުން ނުވަތަ އެތަނުގެ ތެރޭގައި މުވައްޒަފުން ސިނގިރޭޓު ބުއިމުންނެވެ.
ހާދިސާގައި މަރުވި މީހުންގެ ތެރެއިން ގިނަ މީހުންގެ ހަށިތައް ވަނީ ކާކުކަން ނޭނގޭ ވަރަށް އަނދާފަ އެވެ. އެހެންވެ އެމީހުންގެ އާއިލާތައް ދެނެގަތުމަށް ބަންގްލަދޭޝް ސަރުކާރުން ވަނި ޑީއެންއޭ ހެދުމުގެ މަސައްކަތް ފަށާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް