އައްބާސް ފާއިޒަކީ ތެދުވެރި ރަހުމަތްތެރިއެއް: މިނިސްޓަރ މާރިޔާ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ނިރުބަވެރި ހަމަލާ އާއި ގުޅިގެން، ކުރިޔަށްދާ ތަޙުޤީޤުގެ ކަންކަން ގާތުނ...

11 Jul 2021 | 04:18

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ނިރުބަވެރި ހަމަލާ އާއި ގުޅިގެން، ކުރިޔަށްދާ ތަޙުޤީޤުގެ ކަންކަން ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އައްޔަން ކުރައްވާފައި ޚާއްޞަ މަންދޫބު އައްބާސް ފާއިޒަކީ ދިވެހިންނަށް ތެދުވެރި ރަހުމަތްތެރިއެއް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ މެއި 6 ވަނަ ދުވަހުގެ ހަމަލާ އާއި ގުޅޭ ގޮތުން އައްބާސް ފާއިޒުއާ މަޝްވަރާ ކުރެއްވުމަށް އިއްޔެ ބޭއްވެވި ބައްދަލުވުމަށްފަހު މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އައްބާހަކީ އިނިގިރޭސި ވިލާތަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ ދިވެހިން ޑިމޮކްރަސީ ހޯދަން ކުރި ދަތުރުގައި އައްބާހަކީ ދިވެހިންނާއިއެކު ހުރި ދިވެހިންނަށް ހެޔޮ އެދޭ ރަހުމަތްތެރިއެއް ކަމަށެވެ.

https://twitter.com/MariyaDidi/status/1414038101131874308

"2012 ފެބްރުއަރީ 7 އަދި 8 ވަނަ ދުވަހު އައްބާސް ރައީސް ނަޝީދާއި އަދި ޑިމޮކްރަސީއަށް އަށް އަޑުއުފުލާ އެކްޓިވިސްޓުންނާއިއެކު އެއްބައިވަންތަކަން ދައްކަން ރާޅުގަނޑު ސަރަހައްދުގައި ހުރި ހަނދާން އަޅުގަނޑުގެ އެބަހުރި." މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާޢީ، ސަޤާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ ޚާއްޞަ މާހިރެކެވެ. އަދި، ދެކުނު އޭޝިޔާ ބައްރުގެ ޤައުމުތަކުގެ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތްކުރައްވައި، ކަމުގެ ތަޖުރިބާ އޭނާ އަށް ލިބިވަޑައިގެންފައި ވެއެވެ. އައްބާސް ފާއިޒަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެސެކްސްގައި ފާއިތުވި 3އަހަރު ޤާނޫނީ ލެކްޗަރަރއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން މަސައްކަތް ފެށުމުން އެމްޑީޕީން ބައިނަލްއަޤުވާމީ ސަމާލުކަން ހޯދަން އައްބާސް ފާއިޒްގެ އެހީތެރިކަން ހޯދިއެވެ. ރާއްޖެއަށް ބައިނަލްއަޤުވާމީ ޕްރެޝަރު ބޮޑުކުރަން އޭރު އެންމެ އިސްކޮށް ހުރީ އައްބާސް ފާއިޒެވެ.

އައްބާސް ފާއިޒަކީ ނަޝީދުގެ ވެސް ގާތް ރަހުމަތްތެރިއެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި މިހާރު އައްބާސް ފާއިޒް މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވަނީ ރައީސް އޮފީހުގައެވެ. އަދި، މިހާރުން ފެށިގެން މި ޙަމަލާޔާ ގުޅޭ އެންމެހާ ތަޙުޤީޤެއް ނިމި ތުޙުމަތު ކުރެވޭ މީހުނާ މެދު ޝަރީޢަތް ކުރެވި، ޙުކުމް ތަންފީޛު ކުރެވެންދެން އައްބާސް ފާއިޒު މި މަސައްކަތުގައި ދެމިހުންނަވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް