ކުޑަކުދިންތަކަކަށް މަސްތުވާތަކެތިދީ، ގިނަ ބަޔަކު ބައިވެރިވެގެން، ފުޅާ ދާއިރާއެއްގައި ފައިސާއަށް ހަށި ވިއްކުވައި، ބްލެކް މެއިލް ކުރަމުންދިޔަ މައްސަލާގައި ރޭ ފުވައްމުލަކުން ހައްޔަރު ކުރި 10 މީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފިއެވެ.
ފުލުހުންބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު މެންދުރު ފަހު 13:00 ގައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރު ކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 10 މީހުން ބަނދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިޔަށް ގެންދިއުމަށް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.
10 މީހަކު ކޯޓް އަމުރެއްގެ ދަށުން ފުވައްމުލަކުން ހައްޔަރު ކޮށްފައި ވަނީ އިއްޔެ ހަވީރު 16:00 އިން ފެށިގެން ރޭފެ ދަންވަރު 02:00 އާއި ދެމެދުއެވެ. އަދި މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 55 އަހަރުގެ މީހަކާއި 50 އަހަރުގެ 41 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއްގެ އިތުރުން 22 އަހަރުގެ 03 މީހުންނާއި 21 އަހަރުގެ 02 މީހަކާއި 19 އަހަރުގެ މީހެކެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.
މި މައްސަލައާއި ގުޅިގެން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްގެ ޚާއްޞަ ތަޙުޤީޤު ޓީމަކާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ތަޙުޤީޤު ގުޅިގެން ދަނީ ހަރަކާތްތެރި ވަމުން ދާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް