ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ދެމި އޮތުމުގެ ޢާލަމަށް ދަތުރުކޮށްފައިވާ އަލްމަރްޙޫމް ފަޞީލަތުއްޝައިޚް އިބްރާހީމް ފަރީދުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދުގެ ނޯޓިސް ރާއްޖޭގެ ހުރިހާ ރަށްތަކަށް އިސްލާމިކް މިނިސްޓްރީ އިން ފޮނުވައިފިއެވެ.
އިސްލާމިކް މިނިސްޓްރީއިން މިއަދުގެ ތާރީޚުގައި ރަށް ރަށުގެ ރަށު ކައުންސިލް އިދާރާތަކާއި، ސިޓީ ކައުންސިލް އިދާރާތަކާއި އަދި އަތޮޅު ކައުންސިލް އިދާރާތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ 13 ޖޫން ވާ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު، ރަށްރަށުގައި ހުކުރު ކުރާ ހުރިހައި މިސްކިތެއްގައި އެ ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަންނަވާކަމަށެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ހެނދުނު މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގައި ވިދާޅުވެފައިވަނީ 9 ޖޫން 2025 ގައި މެލޭޝިޔާގައި އަވަހާރަވި ރާއްޖޭގެ ޢިއްޒަތްތެރި އިލްމުވެރިޔާ ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދުގެ މައްޗަށް އަންނަ ހުކުރު ( 13 ޖޫން 2025) ގައި ހުކުރު ނަމާދަށް ފަހު، މާލޭގެ އިތުރުން މުޅި ރާއްޖޭގެ ހުރިހައި ރަށެއްގައި ހުކުރު ކުރާ މިސްކިތްތަކުގައި ޣައިބަށް ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
"މިހެންކަމުން ރަށްރަށު ކައުންސިލްތަކާއި އިމާމުން މިކަމަށް ސަމާލުވެލެއްވުން އެދެމެވެ. މިކަމާ ގުޅޭ ރަސްމީ ނޯޓް މިއަދު ކައުންސިލްތަކަށް ފޮނުވޭނެ، ޝައިޚް ފަރީދަކީ ދަޢުވަތުގެ މައިދާނުގައި ދިވެހިރާއްޖެއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ އަގުހުރި ދިވެހި އިލްމީ ދަރިއެއް" ހެނދުނު ފޮނުއްވި މެސެޖުގައި ވަޒީރު ވިދާޅުވެފައިވެއެވެ.
ވަޒީރު ވިދާޅުވެފައިވަނީ ޝައިޚު ފަރީދު، މި ވަގުތީ ދުނިޔެއާ އަބަދުގެ އަބަދަށް އަލްވަދާޢު ކީ އެންމެހައި ދިވެހިން ރޮއްވައިލާފައި ކަމަށާއި ޝައިޚު ފަރީދު ދަންނަ އެންމެހައި މީސްތަކުންގެ ހިތްތަކުގައި މިއަދު އާލާވަމުން ދަނީ އެ ބޭފުޅާގެ ހެޔޮ ހަނދާންތައް ކަމަށެވެ.
"އެ ބޭފުޅާއަކީ ހިތްވަރު ގަދަ، ޚުލްޤު ހެޔޮ، މީހުންނާ ގާތް ރަޙުމަތްތެރި ބޭފުޅެއް، އެ ބޭފުޅާގެ އަސަރުގަދަ ދަރުސްތަކުގެ ސަބަބުން ހިތަށް ފުން އަސަރެއް ކުރުވި، އެ ބޭފުޅާގެ ރީތި އަޑުފުޅުން ކީރިތި ޤުރްއާން ތިލާވަތުކުރައްވާ، މުޅި ޙަޔާތް ހޭދަކުރެއްވީ އިސްލާމީ ދަޢުވަތު ފެތުރުއްވުމުގައެވެ. ދުނިޔެއާ ވަކިވެގެން އެ ދިޔައީ ވެސް އެ މަގުގައި ހިންގަވައިފައި ވަޑައިގަންނަވަނިކޮށެވެ. މާތް ﷲ ޝައިޚް ފަރީދުއަށް ހެޔޮ ރަޙުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި" ވަޒީރުގެ މެސެޖުގައި ލިޔުއްވާފައިވެއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ޝައިޚު ފަރީދު ފަދަ ބޭފުޅުންގެ ޙަޔާތުން ފިލާވަޅުތައް ލިބިގަނެ، އެ ބޭފުޅުން ކޮށައިދެއްވި މަގުން ހިނގައި، އިސްލާމް ދީނާއި ވަޠަނުގެ ދިފާޢުގައި ދެމި ތިބޭނެ ޒުވާން އިލްމީ ޖީލެއް ބިނާކުރުމުރުމުގެ ބުރަ ބޮޑު މަސްއޫލިއްޔަތު އަޅުގަނޑުމެންގެ ކޮނޑުގައި މިއަދު އެޅިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް