ދުންފަތުގެ ވަބާއިން އަދުގެ ޖީލު ސަލާމަތްކުރުމަށް މިހާރަށް ވުރެން ބޮޑަށް މަސައްކަތް ކުރަން ޖެހޭ: މިނިސްޓަރ

ދުންފަތުގެ ވަބާއިން އަދުގެ ޖީލު ސަލާމަތްކުރުމަށް މިހާރަށް ވުރެން ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި މިކަމުގެ ނުރައްކާތެރިކަން ވިސްނަދޭން ޖެހޭ ކަމަށް މިނިސްޓަރ އޮފް ހެލްތް ޑރ. އަބްދުﷲ ޙަލީލް ވިދާޅު...

11 Jun 2024 | 17:17

ދުންފަތުގެ ވަބާއިން އަދުގެ ޖީލު ސަލާމަތްކުރުމަށް މިހާރަށް ވުރެން ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި މިކަމުގެ ނުރައްކާތެރިކަން ވިސްނަދޭން ޖެހޭ ކަމަށް މިނިސްޓަރ އޮފް ހެލްތް ޑރ. އަބްދުﷲ ޙަލީލް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ނ.މަނަދޫގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ފަހަކަށް އައިސް ވޭޕް ކުރުމާއި ޝީޝާ ބޭނުންކުރުން ޒުވާނުންގެ ތެރޭގައި އިތުރު ކަމަށް ފާހަގަކުރެވޭ ކަމަށެވެ. މިކަމުން ކުޑަކުދިންނާއި ސުކޫލު ކުދިން ސަލާމަތް ކުރުމަށް ބެލެނިވެރިން ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ސިގިރޭޓު ބުއިމަކީ ނުވަތަ ޝީޝާ ބުއިމަކީ މިއީ އެއްގޮތަކަށްވެސް ހިތްވަރު ހުރި ކަމެއް ނޫން ކަމަށާއި އަދި މިއީ އެއް ގޮތަކަށްވެސް ގަޓު ކަމެއް ނޫން ކަމަށެވެ. މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، ގަޓު ކަމަކީ ހައިބަތު ހުރި މީހަކަށް ވާން ކުރާ މަސައްކަތެވެ.

މިނިސްޓަރ ވިދާޅުވީ، ދަރިން އިހްތިޔާރު ކުރާ ރައްޓެހިންނާއި، ބޭރުގައި ކުރަނީ ކޮންކަމެއްތޯ ބެލުމާއި، ކުޑަކުދިން ދުންފަތުގެ އިސްތިއުމާލުކުރުމުން ރައްކާތެރިކުރުމަށް ބެލެނިވެރިން ކިބައިން އެދިލައްވާ ކަމަށެވެ. އަދި ދަރިންގެ ކިބައިގައި ރަގަނޅު އާދަތައް އަށަގަނެވިއްޖެ ނަމަ ސިއްހަތު ރަގަނޅު ޒުވާން ޖީލެއް ބިނާކުރމަށް މަގު ފަހިވެގެން ދާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރޭގަ ނ.މަނަދޫގައި ބެއްވުނު މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓްރީގެ އިސްވެރިންނާއި، ނ އަތޮޅު ހޮސްޕިޓަލާއި ހެލްތު ސެންޓަރުތަކާއި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް