އިންޑިޔާ ދަތުރު ވަރަށް ކާމިޔާބު: ރައީސް މުޢިއްޒު

ތިންވަނަ ދައުރަކަށް އިންތިހާބުވެލެއްވި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ކުރެއްވެވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމުގަ...

11 Jun 2024 | 10:08

ތިންވަނަ ދައުރަކަށް އިންތިހާބުވެލެއްވި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ކުރެއްވެވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސް އާއި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އިންޑީޔާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށާއި، އެ ދަތުރު ފުޅަކީ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ހެވާއި ލާބަ ލިބޭ ގޮތަށް ދެ ގައުމުގެ ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނެ މަގު ތަނަވަސްވެގެންދިޔަ ދަތުރެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅަކީ އިންޑިޔާގެ ބޮޑުވަޒީރު މޯދީގެ ޙާއްސަ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން ރައީސް އިންޑީޔާއަށް ކުރެއްވެވި ދަތުރު ފުޅު ސިފަ ކުރައްވާފައިވަނީ ވަރަށް ކާމިޔާބު ދަތުރުފުޅެއްގެ ގޮތުގައެވެ. އަދި އިންޑިޔާގެ ބޮޑުވަޒީރު ހުވާ ކުރުމުގެ ރަސްމިއްޔާތައް ދައުވަތު ދެއްވީތީ ރައީސް ވަނީ އިންޑިޔާގެ ބޮޑުވަޒީރު މޯދީއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން، ރައީސާ ދަރޫޕަދީ މުރްމުއާއި، އެކްސްޓަރަނަލް އެފެއަރޒް މިނިސްޓަރ ޑރ ސުބްރަމާނިއަމް ޖައިޝަންކަރާވެސް ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން ކުރިއަށް ވުރެން ބަދަހިވެގެން ދާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. ރައީސް ވިދާޅުވީ، ރާއްޖެއާއި އިންޑިޔާގެ ގާތް ގުޅުމުގެ ތެރެއިން ރަގަނޅު މަގުތަކެއް ރާއްޖެއަށް ފަހިވެގެން ދާނެ ކަމަށެވެ. މިގޮތުން ދިވެހި ރައްޔިތުން އަދި ގައުމަށްވެސް ހެވާއި ލާބަ ލިބޭނެގޮތަށް ދެ ގައުމުގެ ގުޅުން ފެނިގެން ދާނެ ކަމަށެވެ.

ރައީސް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅަކީ މަގާމާ ހަވާލުވެވަޑައިގެންނެވިފަހުން އިންޑިޔާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް