ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް)ގެ ފަރާތުން މާލެ ސިޓީގެ ކިންގް ސަލްމާން މިސްކިތާ އިންވެގެން އޮންނަ ގޮނޑުދޮށް ސަރަޙައްދު އިއްޔެ ސާފުކޮށްފިއެވެ.
މި ހަރަކާތުގެ މަޤްޞަދަކީ ތިމާވެއްޓާއި މޫސުމީ ބަދަލުތަކަށް މުޖުތަމަޢު ހޭލުންތެރިކުރުވުމާއި، މާލެ ސިޓީއަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ބެހެއްޓުމަށް ބާރުއެޅުން ކަމުގައި ބީސީއެމްއިން ބުނެއެވެ.
ސެލްޒޯންއާއި ޕޮލަރޮއިޑްސް އެމްވީ އަދި މާލޭ ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު ކުރިއަށް ދިޔަ މި ހަރަކާތުގައި ކަޅު ޑަސްބިން ކޮތަޅުގެ 20 ކޮތަޅު ފުރާ ޕްލާސްޓިކް ފުޅިއާއި ކުނިބުނި މި ސަރަޙައްދުން ނަގާފައިވެއެވެ. އެކަށީގެންވާ މިންވަރަށް ޑަސްބިން ބެހެއްޓިފައި ނެތުމުގެ ސަބަބުން، އެ ސަރަޙައްދު ފާހަގަކުރެވިފައި އޮންނަނީ އާދަޔާޚިލާފަށް ގިނަ އަދަދެއްގެ ކުނި ޖަމާވާ ސަރަޙައްދެއްގެ ގޮތުގައެވެ.
އިޖުތިމާޢީ މަސައްކަތްތައް ކުރުމަށާއި އެކި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން ރަޖިސްޓްރީކުރެވިފައިވާ ބީސީއެމްގެ ފަރާތުން އަންނަނީ ތިމާވެއްޓާއި މޫސުމީ ބަދަލުތަކަށް މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް