ސްޓެލްކޯއިން ހުޅުމަލޭ ދެވަނަ ފިޔަވހީގައި ހިޔާ މަޝްރޫއުގެ ދަށުން ހެދި ސްޓެލްކޯ ފްލެޓުތަކަށް ކުންފުނިން އަމިއްލަ ހަރަދުގައި ކަރަންޓު ލުމުގެ މަސައްކަތް ފަށައިފި އެވެ.
ސްޓެލްކޯއިން ހެދި ފްލެޓުތަކުގެ މަސައްކަތް މީގެ ދެމަހެއްހާ ދުވަސް ކުރިން ވަނީ ނިމިފަ އެވެ. އެހެންވެ އެ ކުންފުނިން ވަނީ އަންނަ ޖުލައި މަހު ފްލެޓުތައް ލިބުނު މުވައްޒަފުންނަށް އެތަނަށް ބަދަލުވެވޭނެ ކަމަށް ބުނެފަ އެވެ.
އެ ނިންމުމާއި އެކު ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ޓަވަރުތަކަށް ކަރަންޓުގެ ހިދުމަތް ދެވޭނީ އަންނަ ސެޕްޓެމްބަރު މަހު ކަމަށް ބުނެ ފަ އެވެ. އެމަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ކުންފުންޏެއް ކަމަށްވާ ބްރައުންސް ސީއެމްއީީސީ އާއި ކަމަށާއި ޖުލައިއަށް އެ މަސައްކަތް ނުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށެވެ.
އެހެންވެ ސްޓެލްކޯގެ ބޯޑުން ނިންމީ ކުންފުނީގެ އަމިއްލަ ހަރަދުގައި އެ މަސައްކަތް ކުރާށެވެ. ސްޓެލްކޯއިން ބުނީ އެ މަސައްކަތުގެ ދަށުން ކަރަންޓު ދިނުމަށްޓަކައި ބަހައްޓަންޖެހޭ ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓް ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫއުގައި ސްޓެލްކޯގެ ޒިންމާއަކީ ބްރައުންސް ސީއެމްއީީސީގެ ކަރަންޓު ނެޓްވޯކް ގާއިމް ކުރުމުގެ މަޝްރޫއުގެ ޑިޒައިންތައް ބަލާ ފާސްކޮށް ޓެކްނިކަލް ކޮންސަލްޓެންސީ ދިނުމެވެ.
އެކަމަކު އެ މަޝްރޫއު ބްރައުންސް ސީއެމްއީީސީން ކުރިޔަށް ގެންދަނީ ވަރަށް ލަސްކޮށް ދިގުލައިގެންދާ ގޮތަށެވެ. އެޗްޑީސީން ބުނީ އެ ކުންފުނިން ކަނޑައަޅާފައިވާ ތާރީހުތަކަށްވުރެ އަވަސް ކުރުވަން ބޭނުންވާނަމަ އިތުރު ފައިސާ ހަރަދު ކުރަން ޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް