ގއ. ވިލިނގިލީގައި އަންހެނެއްގެ އިނގިލި ބުރިކޮށްލި ފިރިހެން މީހާގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި އެވެ.
މި ހާދިސާ ހިނގީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު އެވެ. އަލީ ހަސަން ކިޔާ އެމީހާ ވިލިނގިލީ ގެއަކަށް ހުއްދަ ނުހޯދައި ވަދެ، އަންހެނެއްގެ އަތުގެ އިނގިލިން ބައެއްގައި ދަތް އަޅައި ވަކިކޮށްލުމުގެ އިތުރުން އެގޭ އެހެން ބަޔަކާއި މާރާމާރީ ހިންގާފައިވެ އެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އޭނާގެ މައްޗަށް ދައުވާއެއް އުފުލާފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ، ގައިގަ އަތްލުމުގެ ކުށުގެ ދައުވާ، އަނިޔާ ދިނުމުގެ ކުށުގެ ދެ ދައުވާ އެވެ. ދެން ދައުވާ އުފުލީ އަނިޔާއެއް ދިނުމުގެ ކުށުގައި އެވެ.
މި މައްސަލައިގަ އަލީ ބަންދުކޮށްފައި ހުއްޓަ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ވަނީ ދޫކޮށްލާފަ އެވެ. ޝަފީއު ވިދާޅުވީ އޭނާ ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ނުކުރާނެ ކަމަށެވެ.
އެކަމަކު އޭނާ އަލުން ބަންދުކޮށްދިނުމަށް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ. ޝަފީއު ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުމެއް މިމަހުގެ13 ވަނަ ދުވަހަށް ތާވަލު ކޮށްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް