ރައީސް ސޯލިހު އިންތިހާބުގައި ވާދަކުރުމާއި ގުޅޭ ހުރިހާ ބާރެއް އޮތީ ޖޭޕީއަށް: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާކަން އިއުލާނު ކުރެއްވީ އެމްޑީޕީ އާއި މަޝްވަރާ ނުކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ނ...

11 Jun 2022 | 09:06

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާކަން އިއުލާނު ކުރެއްވީ އެމްޑީޕީ އާއި މަޝްވަރާ ނުކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝިދު މިހެން ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ތިއްބަވާ ގްރޫޕަަކަށް ފޮނުއްވި މެސެޖެއްގައި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް ކެންޑިޑޭސީ އިއުލާނު ކުރެއްވީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި ޖޭޕީ އާއިވެސް މަޝްވަރާނުކޮށް ކަމަށެވެ. އެހެން ކަމުން އެ މަނިކުފާނުގެ ކެންޑިޑެސީ ކުރިއަށް ގެންދިއުމުގެ ހުރިހާ ބާރެއް މިހާރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީން2023 ވަނަ އަހަރު ނެރޭނެ ކެންޑިޑޭޓެއް ނުނިންމާ ކަމަށެވެ. ކެންޑިޑެސީގެ އުއްމީދުގައި ހުރިހާ ބޭފުޅުންނަށް ވެސް މަސައްކަތް ކުރެއްވޭނެ ކަމަށާއި ރައީސް ސޯލިހު ނޫން މީހުންވެސް އެމްޑީޕީގެ ޓިކެޓަށް ވާދަ ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިފަދައިން ވާހަކަފުޅު ދައްކަވާފައި މިވަނީ އިއްޔެ ގާސިމް އާއި ބައްދަލު ކުރައްވަން ރައީސް ސޯލިހު ސަން އައިލެންޑަށް ވަޑައިގެންނެވުމުންނެވެ. އެ ރިސޯޓަށް ވަޑައިގެން ރޭ ވަނީ ގާސިމް އާއި އެކު މަޝްވަރާ ބައްދަލުވުމެއް ޖޭޕީގެ އިސްވެރިންނާއި ރައީސްގެ އަރިސް އެމްޑީޕީގެ ބޭފުޅުންނާއި އެކު ބާއްވާފަ އެވެ.

އަދި މިދިޔަ ހަފްތާގައި ރައީސް ވަނީ ދެ ވަނަ ދައުރަކަށް ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފަ އެވެ. ރައީސް ވިދާޅުވީ އެމްޑީޕީއަށވެސް އަދި އެހެން ބަޔަކަށްވެސް އިންތިހާބު ކާމިޔާބު ކުރެވޭނީ ކޯލިޝަނަކާއި އެއްކޮށް ކަމަށާއި އެ ޕާޓީއަށް އޮތް ޗޮއިސް އަކީ އެމަނިކުފާނު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް