ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އުފައްދާފައިވާ ގައުމީ އިދާރާ ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ އިސް ވެރިއަކު އެތަނުގައި ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އެ ސެންޓަރު ހިންގަނީ ދަރުބާރުގޭގައި އެވެ. މި މައްސަލަ ފުލުހުންނާއި ހެލްތް މިނިސްޓްރީގެ ތެރެއިން ދަނީ ބަލަމުންްނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
ހެލްތް މިނިސްޓްރީގެ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާނު މީޑިއާގައި ވިދާޅުވީ އެ މައްސަލަ މިނިސްޓްރީގައި އޮންނަ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބަލާ ކޮމިޓީން ބަލަން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކަށް އަދި ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.
ސަރުކާރުގެ ކުންފުންޏަކަށް ނިސްބަތްވާ އެ މުވައްޒަފަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވެނީ ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރަކަށެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ޖިންސީ ގޯނާގެ މި މައްސަލަ ހޫނުވެ އެ އަންހެން މީހާގެ ފިރިމީހާވެސް ވަނީ ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރަށް ހަމަލާދޭން އުޅެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް