ރައްޔިތުންްގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފައިގެ އޮޕަރޭޝަނެއް ކުރައްވައިފި އެވެ.
މިދިޔަ މަހު ހަ ވަނަ ދުވަހުގެ ރޭ އެމަނިކުފާނުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެ ވަޑައިގެން މަޖީދީ މަގުގައި އޮތް ކާރުކޮޅަށް އަރައިވަޑައިގެންނަވަނިކޮށް ބޮމެއް ގޮއްވާލި ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް ހުންނެވީ ޖަރުމަނުވިލާތުގައި އެވެ. އެމަނިކުފާނު ޖަރުމަނަށް އިތުރު ފަރުވާއަށް ވަޑައިގެންނެވީ 16 ދުވަހު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށް ފަހު މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ.
ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއް ސައްތާރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ފައިގެ ކުޑަ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ. އެ އޮޕަރޭޝަން ކުރީ މިއަދު ކަމަށް ވިދާޅުވި އެވެ.
އެކަމަކު އިތުރު ތަފްސީލް ހާމައެއް ނުކުރައްވަ އެވެ.
https://twitter.com/nazimsat/status/1403343476142469124
ޖަރުމަނުގައި އެމަނިކުފާނު ފަރުވާ ހޯއްދެވީ އަސްކަރީ ހޮސްޕިޓަލެއްގައި އެވެ. ފަރުވާއަށް ފަހު އެ ހޮސްޕިޓަލުން މިދިޔަ މަހު 21 ގައި ނަޝީދު ވަނީ ދޫކޮށްލާފައި އެވެ.
ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދެވެ. ދެން ހައްޔަރުކޮށްފައިވަނީ ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދާއި ލ.ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ.
ފުލުހުން ބުނީ އެމީހުންނަކީ ހަރުކަށި ފިކުރާއި ގުޅުން ހުރި މީހުންކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް