ހަކުރު ބަލި (Diabetes Mellitus) އަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ލޭގައި ހަކުރުގެ މިންވަރު އިންތިޒާމްކޮށްދޭ އިންސިއުލިން އުފެއްދުމަށް ހަށިގަނޑު ނުކުޅެދުމުން، ނުވަތަ އިންސިއުލިން އަށް ހަށިގަނޑު އިޖާބަ ނުދިނުމުން ކާބޯހައިޑްރޭޓް މެޓަބޮލިޒަމްގައި އުފެދޭ އުނިކަމެކެވެ. މާނައަކީ މިދެންނެވި ގޮތަށް އިންސޫލިން އުފައްދައި ނުދިނުމުން، ލޭގައި ހަކުރުގެ މިންވަރު ނުވަތަ ގުލުކޯޒްގެ މިންވަރު މަތިވެގެން ގޮސް ހަކުރު ބަލި ކުރިމަތި ކުރުވަނީ އެވެ.
ހަކުރު ބަލި ހުރިކަމަށް ބެލެވެނީ މީހެއްގެ ލޭގައި ހަކުރު ހުންނަންވީ ވަރަށްވުރެ މައްޗަށް ގޮސްފައި ހުރުމުންނެވެ. މިބަލި ޖެހެނީ ހަކުރު ކޮންޓްރޯލްކުރުމަށް ހަށިގަނޑުގައި އުފައްދާ މާއްދާއެއް ކަމަށްވާ އިންސިއުލިން މަދުވުން، ނުވަތަ އޭގެ މަސައްކަތް ނުކުރާ ގޮތް މެދުވެރި ވުމުންނެވެ. ހަކުރު ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. މިއީ މުޅިން ރަނގަޅު ކުރެވިދާނެ ބައްޔެއް ނޫން ނަމަވެސް ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ.
ބައެއް މީހުނަށް ހީވެފައި އޮންނަނީ ހަކުރު ބަލި ޖެހެނީ ގިނައިން ހަކުރު ހުންނަ އެއްޗެހި ކައިގެން ކަމަށް!
އަހަރެމެންގެ ތެޜޭން ގިނަ ބަޔަކަށް ގަބޫލުކުރެވޭ ގޮތުގައި ހަކުރު ބަލި ޖެހެނީ މާ ގިނައިން ހަކުރު އެކުލެވޭ އެއްޗެއްހި ކެއުންބުއިމުގައި ބޭނުން ކުރުމުންނެވެ. ނަމަވެސް އެއީ މުޅިން ރަނގަޅު ގަބޫލުކުރުމެއް ނޫނެވެ. މި ބައްޔަކީ ގައިންގަޔަށް ނާރާ ބައްޔެއް ނަމަވެސް، އާއިލީ ގޮތުން ވާރުތަވުން އެކަށީގެންވެއެވެ. ހަކުރު ބަލީގެ ވައްތަރުތަކެއް ހުރެއެވެ. ފުރަތަމަ ވައްތަރަކީ ހަށިގަނޑުގައި އިންސިއުލިން އުފައްދާ ސެލްތައް ހަލާކުވެގެން އިންސޫލިން އުފެއްދުން ހުއްޓުމުން ޖެހޭ ހަކުރުބަލީގެ ވައްތަރެވެ. ދެވަނަ ވައްތަރުގައި ހަށިގަނޑުގައި އިންސިއުލިން އުފެދޭނެއެވެ. ނަމަވެސް، އިންސޫލިން އުފެދޭ މިންވަރު މަދުވުން ނުވަތަ އުފެދޭ އިންސިއުލިންގެ ބާރު ދައްވުން ފަދަ ކަމެއް މެދުވެރިވާނެއެވެ. އަދި ތިންވަނަ ވައްތަރީ ބަލިވެއިނުމުގެ ސަބަބުން ޖެހޭ ހަކުރު ބަލީގެ ވައްތަރެވެ. މީގެ ތެރޭން އެންމެ އާންމީ ފުރަތަމަ ވައްތަރުގެ ހަކުރު ބައްޔެވެ.
ހަކުރުބަލި ޖެހެނީ ކޮން ބަޔަކަށް؟
އިސްވެ ބަޔާންކުރެވުނު ވައްތަރުތަކުގެ ތެރޭން ފުރަތަމަ ވައްތަރުގެ ހަކުރުބަލި ޖެހެނީ ގިނައިން ކުޑަކުދިންނަށާއި ޒުވާނުންނަށެވެ. އަދި ދެވަނަ ވައްތަރުގެ ހަކުރު ބަލި ފެންނަނީ ގިނައިން އުމުރުން ދުވަސްވީ ފަރާތްތަކާއި ނުރަނގަޅު ސިއްހަތެއްގައި ތިބޭ މީހުންގެ ކިބައިންނެވެ. އަދި ތިންވަނަ ވައްތަރު ބަލިވެ އިންނަ މީހުންގެ ކިބައިންނެވެ. ބަލިވެ އިންނަ މީހުންނަށް ވާ ގޮތަކީ ޕްރެގްނެންސީ ހޯމޯންސްގެ ސަބަބުން އިންސިއުލިންގެ ބާރު ދައްވަނީއެވެ. މިކަމަކީ ރަނގަލުވާނެ ކަމެކެވެ. އެކަމަކު މުސްތަގުބަލުގައި މި ފަދަ މީހުނަށް ދެވަނަ ވައްތަރުގެ ހަކުރުބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. ވީމާ މި ފަދަ މީހުން ކޮންމެ އަހަރކު ވެސް ގަވާއިދުން ހަކުރަށް ޓެސްޓުކޮށް، ކެޔުމާއި ދުޅަހެޔޮކަމަށް ފަރުވާތެރިވުން އެދެވިގެންވެއެވެ.
އެންމެ ގިނައިން ހަކުރު ހުންނަނީ ކޮން ބާވަތެއްގެ ކާ އެއްޗެހީގައި؟
އެންމެ ގިނައިން ހަކުރު ހުންނަ ކާ އެއްޗެހީގެ ތެރޭގައި، ދޮންކެޔޮ، އަލުވި، ކުރުނބާ، ބަތް، ޕާން އަދި އެކި ބާވަތްތަކުގެ ފޮނި އެއްޗެހީގައެވެ. އަދި ބަންދުކޮށްފައި ހުންނަ ޖޫސްފަދަ ތަކެތީގައި ގިނަ އަދަދަކަށް ހަކުރު ހުރެއެވެ. ވީމާ ހަކުރު މަތިވަނީ ވަކި ފޮނި ރަހަ ދޭ އެއްޗެހި ކައިގެން ނޫންކަން އެބަ އެނގެއެވެ.
ހަކުރު ބަލީގެ އަލާމަތްތަކަކީ ކޮބާ؟
ހަކުރު ބަލީގައި އާއްމު އަލާމާތްތަކެއް ހުރެއެވެ. ވަރުބަލިވުން، ކަރުހިއްކުން، އާދަޔާޚިލާފަށް ބަނޑުހައިވުން، ބަރުދަން ލުއިވަމުން ދިއުން، ބަރުދަނަށް ބަދަލުއައުން، ގިނަ ގިނައިން ކުޑަކަމުދާން ޖެހުން އަދި އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން މިއީ އަލާމްތަކެކެވެ، ހަކުރު ބަލި ތަހައްމަލު ކުރަމުންދާ ކުއްޖަކު ބުނި ގޮތުގައި ފެން ބޮވުމަކީ ވަރަށް އާންމު ކަމެކެވެ. ކިތަންމެ ގިނައިން ފެން ބުޔަސް ކަރު ހިތްކުން ނުފިލާ ކަމަށް އޭނާ ބުންޏެވެ،
ހަކުރުބަލި ޖެހިފައިވާކަން ޔަޤީން ކުރެވޭނެ ގޮތަކީ ލޭގައި ހަކުރު ހުރިމިންވަރު ބެލުމެވެ. އާއްމު ގޮތެއްގައި ހައިބަނޑާއި ހުންނަމީހެއްގެ ލޭގައި ހަކުރު ހުންނާނީ 70 އާއި 99 މިލިގްރާމް ޕަރ ޑެސިލީޓަރ އާއި ދެމެދުގެ މިންވަރަކަށެވެ. ކެއުމަށްފަހު މީހާގެ ހަކުރުމައްޗަށް ދެއެވެ. ނަމަވެސް 200 މިލިގްރާމް ޕަރ ޑެސިލީޓަރ އަށްވުރެ މައްޗަށް ދިއުމަކީ ވަރަށް ނާދިރު ކަމެކެވެ.
އިންސިއުލިންއަކީ ކޮބާ؟
ޑރ. އަބަދުލް އަޒީޒް ހަމީދު ވިދާޅުވާ ގޮތުގައި އިންސިއުލިން (insulin) އަކީ ޗިސްމޭއިން އުފައްދާ ބާރުގަދަ ހޯމޯން އެކެވެ. ކާތަކެތީގެ ތެރޭގައި ހިމެނޭ ގުލްކޯޒުގެ ބައި ވަކިކޮށް، އޭގެ އެހީ ގަވާއިދުން ހަށިގަނޑަށް ލިބިދީ، ހަށިގަނޑުގައި ގުލްކޯޒު ހުންނަންވާ މިންވަރަށް ހިފަހައްޓައިދީ، އިތުރުވާބައި ގުލައިކޯޖަން އަށް ބަދަލުކޮށް، ފުރަމޭގައި ފަހަށް ރައްކާކުރުމަށް މިހޯމޯން އެހީވެދެއެވެ. އޭގެ އިތުރުން ހަށިގަނޑުގައި ހަކަތަ އުފެއްދުމަށް ބޭނުންވާ އެހެން ބައިތައް ހަށިގަނޑުގައި ބޭނުން ހިފުމާ، ފަހަށް ރައްކާކުރުމަށް އިންސިއުލިން އަކީ ނުހަނު ބޭނުންތެރި އެއްޗެކެވެ.
ހަކުރު ބަލީގެ ފުރަތަމަ ވައްތަރަކީ އިންސިއުލިން އަށް ބަރޯސާވާ ވައްތަރެވެ. ކުރިން ބަޔާންކުރި ފަދައިން މިވައްތަރުގައި ހަށިގަނޑުގައި އިންސިއުލިން އުފައްދައިދެނީ ވަރަށް މަދުންނެ. ނުވަތަ އެއްގޮތަކަށް ވެސް އުފައްދައެއް ނުދެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއަށް ގުލްކޯޒު އަކަށް ނުވަދެވެއެވެ. އަދި ލޭގައި ގުލްކޯޒު(ހަކުރު)ގެ މިންވަރު ވަރަށް މައްޗަށް ދެއެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ކޮންމެވެސް ސަބަބަކާހުރެ ޗިސްމޭއަށް ކުރާ ގޯނާއެއްގެ ސަބަބުން ފެށިގެން އަންނަ ކަމެކެވެ. އެހެންކަމުން ހަކުރު ކޮންޓްރޯލް ކުރަންޖެހެނީ އިންސިއުލިން އިންޖެކްޝަން ޖަހައިގެންނެވެ. ހަކުރުބަލީގެ ފުރަތަމަ ވައްތަރު ހުންނަ މީހަކަށް އިންޖެކްޝަން (އިންސިއުލިން ޕެން) ނުވަތަ އިންސިއުލިން ޕަންޕްގެ އެހީގައި ހަށިގަނޑަށް ބޭނުންވާ ވަރަށް އިންސިއުލިން ފޯރުކޮށްދެވެއެވެ.
ހަކުހަކުރުބަލި ހުރިކަން އިނގުމުން ލޭގައި ހަކުރުގެ މިންވަރު ރަނގަޅު ހިސާބުގައި ބެހެއްޓުމަށް ވަރަށް ސަމާލު ކަން ދޭންވާނެއެވެ. ރަނގަޅީ ކެއުމުގެ ކުރީންވެސް އަދި ފަހުންވެސް ހަކުރު މައްޗަށް ދިޔަނުދީ ފަރުވާތެރިކަމާއި އެކު ބަލަހައްޓަމުން ގެންދިއުމެވެ. ގަވާއިދުން ކަސްރަތު ކުރުމާއި، ކެއުމުގެ މިންގަނޑުތައް ރަނގަޅަށް ބެހެއްޓުމާއި، ބޭސްކެއުމުގައި ފަރުވާތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް