އަލީފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަކީ ކެރޭ، ހީވާގި ލީޑަރެއް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ، މެޑަމް ފަޒްނާ އަޙްމަދު އެ މަނިކުފާނަށް ތަޢުރީފުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މިހެން ވިދާޅުވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މެޑަމް ފަޒްނާ ވިދާޅުވީ، ބިގޭ ވާހަކަ ދެއްކެވީ ސީދާ މައްސަލައަށް ކަމަށާއި، ވަކި މީހަކު މޮޅުކޮށް ދެރަކޮށް ނޫންކަން ފާހަގަކުރެވުނު ކަމަށެވެ. އަދި ނިންމުންތައް ނިންމުމުގައި އިސްކަން ދެނީ ވަގުތާއި ހާލަތަށް ބަލައި، އެ އިރަކު ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށްވެސް ބިގޭ ފާހަގަކުރެއްވި ކަމަށް ފަޒްނާ ވިދާޅުވިއެވެ.
"ބިގޭ އަކީ ވެސް ބަސްމަދު އަމަލު ގިނަ، ސިޔާސީ ތަޖުރިބާ ހުރި، ކެރޭ، ހީވާގި ލީޑަރެއްކަން ހާމަވެގެން ހިނގައްޖެއް" ފަޒްނާ ވިދާޅުވިއެވެ.
ފަޒްނާ ބިގޭ އަށް ތައުރީފުކޮށްފައިވާއިރު، ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ އެމްޑީޕީގެ ބައެއް މެމްބަރުންގެ ވޯޓާއެކު ބޭރުކޮށްލުމުން އެ ޕާޓީގެ އެތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.
އެގޮތުން އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތުކުރާ ގޮތުގައި އެ މައްސަލަ އެ ކޮމިޓީން ބޭރުކޮށްލީ ބިގޭ އެ ކޮމިޓީގެ ބައެއް މެމްބަރުންނަށް ގުޅައި މައްސަލަ ބޭރުކޮށްލަން އެދުމުންނެވެ.
ނަމަވެސް، މި ތުހުމަތުތައް ބިގޭ ދޮގުކުރައްވައެވެ. ބިގޭ ވިދާޅުވާ ގޮތުގައި އޭނާ އަބަދު ވެސް ވާހަކަދައްކަނީ ހައްގު ގޮތުގައެވެ. އަދި ހައްގު ބަސްބުނުމުގައި ފަހަތަކަސް އޭނާ ނުޖެހޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް