ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުން ރުއް ގަސް އުފުރައިގެން އެހެން ރަށަކަށް ގެންދެވޭނީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ހުއްދަ އާއި އެކު ކަމަށް އެ އެޖެންސީން ބުނެފި އެވެ.
އީޕީއޭއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިފަހަކަށް އައިސް ރިސޯޓުތަކާއި ހިއްކާފައިވާ ބިންތަކުގައި އިންދުމަށް މީހުން ދިރިއުޅޭ ރަށްތަކުން ގަހާއި ރުއް ގެންދިއުމުގެ ހުއްދައަށް އެ އެޖެންސީގައި އެދެމުންދާ ކަމަށެވެ. ތިމާވެށި ރައްކާތެރިކުރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ރުއް ގަހާއި ބެހޭ ގަވައިދުގެ ދަށުން އެ އެޖެންސީގެ ހުއްދަ އާއި ނުލައި މިކަން ނުކުރެވޭނެ ކަމަށެވެ.
އެކަމަކު ބައެއް ފަރާތްތަކުން ކައުންސިލްތަކުން ދޭ ހުއްދައަކަށް އެކަނި ބިނާކޮށް އެ މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެވެ. އެހެންވެ، ރިސޯޓްތަކުގައި އިންދަން ރުއްގަސް ގެންދަނީ އެ ރަށެއްގެ ކައުންސިލުން ދޭ ހުއްދައިގެ އިތުރުން އެ އޭޖެންސީގެ ހުއްދަ ލިބިގެން ކަން ކަށަވަރުކުރަން އެ ބަޔާނުގައި އެދިފައިވެ އެވެ.
އެފަދަ ފާރާތްތަކުން ބަލަން ޖެހޭ ކަންތައްތައް:
އެ މަޝްރޫއަކަށް ދޫކޮށްފައިވާ އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގެ ޑިސިޝަން ސްޓޭޓްމަންޓްގައި ރުއްގަސް ނަގަން ދީފައިވާ ހުއްދަ
ރުއްގަސް ނަގަން ހުއްދަ ދީފައިވާ އަދަދު
ރުއްގަސް ނަގަން ހުއްދަ ދީފައިވާ ސަރަހައްދުގެ ބޮޑުމިން
ރުއްގަހާ އެކު ރަށްރަށުން ކަޅު ފަސް ބޭރު ނުކުރުން
އެ ބަޔާނުގައި ވަނީ އެކަންކަން ފުރިހަމަ ނުކޮށް، ރުއްގަސް އެހެން ރަށްރަށަށް ގެންދާ ފަރާތްތައް އީޕީއޭ އިން ހުއްޓުވައި، ފިޔަވަޅު އަޅާނެ ކަމަށެވެ.
ހުއްދަ ނެތި ރަށްރަށުން ރިސޯޓްތަކަށާއި ރާއްޖެ އިން ބޭރަށް ގިނަ އަދަދަކަށް ރުއްގަސް ގެންދިއުމުގެ މައްސަލަ މީގެކުރިންވެސް ފެންމަތިވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް