ދިވެހި ގައުމީ ޓީމު މިރޭ ޗައިނާ އާއި ދެކޮޅަށް ވޯލްޑް ކަޕް ކޮލިފައިންގައި ކުޅޭ މެޗުގައި މޮޅުވިޔަސް ބަލިވިޔަސް މައްސަލައެއް ނެތް ކަމަށް މިވަގުތު ސަސްޕެންޑު ކޮށްފައި ހުންނެވި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
މަހުލޫފު މިނިސްޓަރުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ސަސްޕެންޑުކޮށްފައި ހުރީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވިކަމަށް ތުހުމަތުކޮށް އޭސީސީން އޭނާ އާއި ދެކޮޅަށް ދައުވާކޮށްދޭން ޕީޖީ އޮފީހުގައި އެދުމާއި ގުޅިގެންނެވެ. މަހުލޫފުގެ މައްޗަށް ދައުވާ ކުރުމާއި މެދު އަންނަ ހަފްތާގައި ގޮތެއް ނިންމޭނެ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިރޭ ގައުމީ ޓީމު ކުޅެން ހަމަޖެހިފައިވާ ޗައިނާގެ ގައުމީ ފުޓުބޯޅަ ޓީމަކީ ވަރުގަދަ ޓީމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ޗައިނާ އަކީ ވަރުގަދަ ޓީމަކަށް ވިޔަސް ދިވެހި ކުޅުންތެރިން މެޗު ކުޅެންވާނީ ވަރަށް ޔަގީން ކަމާއި އިތުބާރާއި އެކު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެންމެ ފަހުން ވޯލްޑްކަޕް ކޮލިފައިންގައި މިދިޔަ ހަފްތާގައި ގައުމީ ޓީމު ބައްދަލު ކުރި ސީރިއާގެ ގައުމީ ޓީމަކީ ޔޫރަޕްގެ މޮޅު ކުޅެންތެރިން ތިބި ވަރުގަދަ ޓީމެއް ކަމަށެވެ. އަދި ރާއްޖެ ކޮޅަށް ހަތަރު ލަނޑު ޖެހި އެ މެޗުގައި ރާއްޖެއަށް އެއްވެސް ލަންޑެއް ނުޖެހޭއިރު މެޗު ކުޅުނީ 45 ޑިގްރީސެލްސިއަސްގެ ހޫނު މިނުގައި ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހި ޓީމަށް މިރޭގެ މެޗަށް ކާމިޔާބީއަށް އެދިވަޑައިގެންނަވާ ކަމަށާއި މޮޅުވިޔަސް ދަށްވިޔަސް އޭނާ ހުންނެވީ ގައުމީ ޓީމާއި އެކު ކަމަށެވެ.
މިދިޔަ ހަފްތާގައި ސީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ އެންމެ މުހިންމު ކުޅުންތެރިޔާ އަލީ އަޝްފާގު "ދަގަނޑޭ" އެއް ނުކުޅެ އެވެ. އޭނާ ކޯވިޑް ޖެހިގެން އޭރު ޓިމާއި ދުރުގައި ހުރި ނަމަވެސް މިރޭގެ މެޗުގައި އަޝްފާގު ގުޅޭނެ އެވެ.
"ދުވަސް" ގެ ޓީމުން އެދެނީ ދިވެހި ގައުމީ ފުޓުބޯޅަ ޓީމަށް ކާމިޔާބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް