އޯލެވެލް އިމްތިހާނު ކާމިޔާބު ކަމާއި އެކު ނިންމާލައިފި އެވެ.
މިދިޔަ ަހުގެ ދެ ވަނަ ދުވަހު ފެށި އޯލެވެލް އައި އެސްއެސްސީ އިމްތިހާނު އެއްކޮށް ނިމިފައިވަނީ މިއަދު އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މިފަދަ ދަނޑިވަޅެއްގައި ކާމިޔާބު ކަމާއި އެކު އިމްތިހާނު ނިންމާލުމުގެ ތައުފީގު ދެއްވީތީ މަތް ﷲއަށް ޝުކުރު ކުރާ ކަމަށެވެ. އިމްތިހާނު ކާމިޔާބު ކަމާއި އެ ނިންމާލެވުނީ ގިނަ ބައެއްގެ އެހީތެރިކަމާއި އެކު ކަމަށެވެ.
އެ މިނިސްޓްރީން ވަނީ ކޯވީޑްގެހާލަތުގައި އެއްވެސް ކުއްޖަކު ބާކީ ނުކޮށް އިމްތިހާނު ހެދުމުގެ ފުރުސަތު ދިނުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާތީ ޑިޕާޓްމެންޓް އޮފް އެގްޒެމިނޭޝަނާއި ޓީޗަރުން އަދި އެޗްޕީއޭއަށް ޝުކުރު އަދާކޮށްފައި އެވެ. ފުލުހުން ރަށްރަށުގެ ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިތުރުން ރަށްރަށުގެ ސިއްޙީ ހިދުމަތްދޭ ތަންތަނުން ފޯރުކޮށްދީފައިވާ އެހީއަށް ޝުކުރު އަދާ ކުރި އެވެ.
އެޑިއުކޭޝަނުން ބުނީ އިންތިހާބު ކާމިޔާބު ކަމާއި އެކު ނިންމާލުމުގައި އެލްޖީއޭ އާއި، އެމްއެންޑީއެފާއި މޯލްޑިވްސް ޕޯސްޓުންވެސް އެހީތެރިވެދީފައިވާ ކަމަށެވެ. އެ ފަރާތްތަކަށްވެސް މިނިސްޓްރީން ޝުކުރު އަދާކޮށްފައިވެ އެވެ.
މިއަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި 235 ސެންޓަރަކުން 5،955 ދަރިވަރުން ބައިވެރިވެފައިވެ އެވެ. އިމްތިހާނު ކުރިޔަށް ގެންގޮސްފައިވަނީ ކޯވިޑަށް ޕޮސިޓިވް ދަރިވަރުންނާއި ކަރަންޓީންގައި ތިބި ދަރިވަރުންނަށް އިމްތިހާނުގައި ބައިވެރިވެވޭނެ ފަސޭހަ އިންތިޒާމްތަކަކާއި އެކު އެވެ.
މިއީ އޯލެވެލް އިމްތިހާނު މެއި/ ޖޫންގައި ބޭއްވި ފުރަތަމަ އަހަރެވެ. މި އިމްތިހާނުގައި ބައިވެރިވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު ނޮވެމްބަރުގައި އޯލެވެލް އިމްތިހާނު ހަދަން ހަމަޖެހިފައި އޮތް ދަރިވަރުންނެވެ.
ކޯވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު ސްކޫލްތައް ބަންދުކޮށް ކިޔަވައިދިނުމަށް ހުރަސް އެޅުމުން އޯލެވެލް އިމްތިހާނު މިއަހަރުގެ މެއި/ ޖޫން މަހަށް ބަދަލު ކުރި އިރު މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖޭގައި އޯލެވެލް އިމްތިހާނު ބާއްވާނީ މެއި/ ޖޫންގައި އެވެ. އަދި ދިރާސީ އަހަރު ފަށާ މަސް ވަނީ ޖެނުއަރީން އޯގަސްޓަށް ބަދަލުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް