ދިވެހި ނޫސްތަކުންނާއި ޓީވީ ރޭޑިޔޯތަކުން ޚަބަރުތައް ވަގުތުން ވަގުތަށް ފަތުރުއްވަމުން، ނޫސްވެރިން އެ ކުރައްވަނީ ވަރަށް ބޮޑު ގައުމީ ޚިދުމަތެއް ކަމަށް ދިވެހިބަހުގެ އެކަޑެމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އަޝްރަފް ވިދާޅުވީ، ދިވެހިބަހުން މައުލޫމާތު ފެތުރުއްވުމުގައި އެތައް ސަތޭކަ ނޫސްވެރިންނެއް ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެބަ ތިއްބެވި ކަމަށެވެ. އަދި ނޫސްވެރިން ރެޔާއިދުވާލު އެ ތިއްބަވަނީ ޚަބަރާއި މައުލޫމާތުގެ ލިޔުންތައް ލިޔުއްވައި އާންމުކުރެއްވުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ގައުމާއި ދުނިޔެ އަޅުގަނޑުމެންގެ އިނިގިލިކުރިތަކާއި ލޮލުގެ ކުރިމައްޗަށް ކުޑަ ހިނދުކޮޅެއްގެ ތެރޭ އެ ގެނެސް ދައްކަވައި ދެއްވަނީ ނޫސްވެރިން." އަޝްރަފްގެ ޕޯސްޓްގައި ވިދާޅުވިއެވެ.
އަޝްރަފް ވިދާލުވީ، ނޫސްވެރިންގެ ބުރަ އަދި ބަރު މަސައްކަތުގެ އަގު ވަޒަންކޮށް ޝުކުރިއްޔާ އަދާކުރުމުގެ ބަދަލުގައި، ލިޔުމެއްގައި ނުވަތަ ޚަބަރެއްްގައި އޮންނަ އަތު ކުށެއްް، ނުވަތަ ލިޔަކުރު ކުށެއްް، ނުވަތަ ކުށްލަފުޒެއް ނަގައިގެން މީސްމީޑިޔާގެ އެކިއެކި މަންސަތަކުގައި ނޫސްވެރިންނަށް މަލާމާތް ނުކުރުމަށެވެ.
"އޭގެ ބަދަލުގައި އެ ފަދަ ކަންކަމުގެ ހެޔޮ ގޮތް ފަތުރައި އާންމު ކުރާ ބަޔަކަށް އަޅުގަނޑުމެން ވަމާތޯ!" އަޝްރަފްގެ ޕޯސްޓަގައި ވެއެވެ.
އަޝްރަފް ވިދާޅުވީ، އޭރުން ނޫސްވެރިންނަކީ ވެސް ދިވެހިބަސް ކުރިއަރާވެ ބަޔަކަށް ވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް