އިންޑިއާގެ ސްޓޭޓްތަކަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގަ ހޮނު އަޅައިގެން މިދިޔަ ހަފްތާގައި 27 މީހުން މަރުވެއްޖެ އެވެ.
ކޮންމެ އަހަރެއްގެ ޖޫން އިން ސެޕްޓެމްބަރުގެ ނިޔަލަށް އިންޑިއާއަށް ބޯކޮށް ވާރޭވެހި ގުގުރުމާއި ހޮނުއެޅުމަކީ އާންމު ކަމެކެވެ. އަދި ވިއްސާރައިގެ ސަބަބުން ކޮންމެ އަހަރަކު އެތައް ސަތޭކަ ބަޔަކު މަރުވެ އިމާރާތްތައް ވެއްޓުމުގެ ހާދިސާތައް ހިނގަ އެވެ.
އިންޑިއާގެ ވެސްޓް ބެންގޯލް އަށް ބޯކޮށް ވާރޭވެހި ގުގުރައި ހޮނު އެޅުމުގެ ހާދިސާތައް ކުރިމަތިވާން ފެށީ މިދިޔަ ހޯމަ ދުވަހުން ފެށިގެންނެވެ.
މިދިޔަ ހަފްތާގައި ހޮނު އަޅައިގެން 27 މީހުން މަރުވި ހާދިސާތައް ހިނގާފައިވަނީ ވެސްޓް ބެންގޯލްގެ ދަނޑުވެރި އަވަށްތަކުގައި ކަމަށް އެ ސްޓޭޓް ގެ ޑިޒާސްޓާ މެނޭޖްމެންޓް މިނިސްޓްރީން ބުނެ އެވެ. މަރުވި މީހުންގެ ގަޔަށް ހޮނު އަޅާފައިވަނީ ދަނޑުވެރިކަމުގެ މަސައްކަތުގައި ތިއްބަ ނުވަތަ ގެއިން ބޭރުގައި އުޅެނިކޮށެވެ.
މީގެ އިތުރުން ހޮނު އެޅިވަގުތެއްގައި މުމްބާއީން ވެސްޓް ބެންގޯލްގެ ވެރިރަށް ކަލްކަތާއަށް ދަތުރު ކުރި ފްލައިޓެއްގައި ތިބި އަށް މީހަކަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވިއިރު އޭގެ ތެރެއިން ހަތަރު މީހަކު ހޮސްޕިޓަލްގައި ވަނީ އެޑްމިޓް ކޮށްފައި އެވެ. އެ ފްލައިޓުގައި ތިބި މީހުންނަށް ހޮނު އެޅުމުން އަސަރު ކުރި އިރު ފްލައިޓު އުޅެނީ ކަލްކަތާއަށް ޖައްސާށެވެ.
ހޮނު އެޅުމުގެ ސަަބަބުން މަރުވި ކޮންމެ މީހަކަށް ދެ ލައްކަ އިންޑިއާ ރުޕީސް ދޭނެ ކަން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އިއުލާނު ކުރައްވާފަ އެވެ. އަދި ހޮނު އެޅުމުގެ ސަބަބުން ގެއްލުންވާ ކޮންމެ މީހަކަށް 50،000 އިންޑިއާ ރުޕީސް ސަރުކާރުން ދޭނެ ކަމަށް ވިދާޅުވި އެވެ.
މިހާތަނަށް އެންމެ ގިނަ މީހުން ހޮނު އަޅައިގެން އިންޑިއާގައި މަރުވެފައިވަނީ 2019 ވަނަ އަހަރު އެވެ. އެ އަހަރު އެ ގައުމުގެ އެކި ސްޓޭޓްތަކުން 2،900 މީހުން ހޮނު އަޅައިގެން މަރުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް