ރާއްޖޭގައި ފިރިހެނުން ގޭތެރޭގެ މަސައްކަތެއް ކޮށްލަނީ ގިނަވެގެން ދުވާލަކު ތިން ގަޑިއިރު އެވެ.
މި އަދަދާއި ވަގުތަކީ އަމިއްލައަށް ކަނޑައެޅި ވަގުތެއް ނޫނެވެ. މިއީ ޖެންޑާ މިނިސްޓްރީން ކޮށްފައިވާ ދިރާސާއަކަށް ފަހު ނެރެފައިިވާ މައުލޫމާތެކެވެ.
އާންމުން ހޭލުންތެރިކުރުމަށް ޖެންޑާ މިނިސްޓްރީން އާންމުކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ އަންހެނަކު ހެނދުނު ތެދުވާ ވަގުތުން ފެށިގެން އެރޭ ނިދާ ވަގުތާއި ހަމައަށް ކުރާ މަސައްކަތްތަކެވެ. އޭގެ ތެރޭގައި ހެނދުނު ސައި ހެދުމާއި، ދަރިފުޅު ގެންގޮސް ޑޭކެއާ ސެންޓަރަށް ލާތަނާއި ބާޒާރަށް ދާ ތަނެވެ.
ބާޒާރަށް ދިއުމުން ފެށިގެން ގޮސް އޮފީސް މަސައްކަތް ނިންމައި ގެއަށް އައިސް ކެއްކުމާއި ދޮވެ އިސްތިރި ކުރުމަކީ ދިވެހި އަންހެނުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ހިނގާ ކަންކަން ކަމަށް ވީޑިއޯގައި ބުނެދީފައިވެ އެވެ. އަދި ފިރިމީހާއަށް ހިދުމަތް ކުރުމާއި ދަރިން ބެލުން އުނި ކުރެވޭކަން ނެތެވެ.
ފިރިހެން ވެރިން ކުރާ ކަންކަމުގެ ތެރޭގައި ގިނައިން ހިމެނެނީ ހެނދުނު ތެދުވެ ސައިބޯލައިގެން އޮފީހަށް ދިއުމެވެ. ދެން ކޮމްޕިއުޓަރު ކައިރީ އޮންލައިންކޮށް މީހުންނާއި ވާހަކަ ދައްކަން އިނުން ހިމެނެ އެވެ.
https://twitter.com/MoGFSSmv/status/1402237189107318785
އެ ވީޑިއޯގައި ބުނެފައިވަނީ ރާއްޖޭގައި ގޭތެރޭގައި މަސައްކަތްތަކުގައި ދުވާލަކު ފިރިހެނުން އެވަރެޖްކޮށް އުޅެނީ ގިނަވެގެން ތިން ގަޑިއިރު ކަމަށެވެ. އެކަމަކު އަންހެނުން ގޭތެރޭ މަސައްކަތްތަކުގައި ހަ ގަޑިއިރު އުޅޭ ކަމަށް ބުނެފައިވެ އެވެ.
އެ މިނިސްޓްރީން ބުނީ ހަރުދަނާ ދިރިއުޅުމެއް ބިނާ ކުރުމަށްޓަކައި ދެ ޖިންސުގެ ހަމަހަމަކަމާއި ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް