ގޭގެ ކޮޓަރީގައި ލޯބިވެރިޔާ ފޮރުވައިގެން 10 އަހަރު !

ކެރެލާގެ އަވަށެއް ކަމުގައިވާ ޕަލައްކަޅުން ގެއްލިގެން އުޅުނު އަންހެނެއް، 10 އަހަރު ފަހުން ވަރަށް ތަފާތު ގޮތަކަށް ފެނިއްޖެއެވެ. އެ ސަރަހައްދުގެ ފުލުހުން، އާދަޔާ ހިލާފު، ލޯބީގެ މި ވާހަކައިގެ ބައެއް މައުލ...

11 Jun 2021 | 05:18

ކެރެލާގެ އަވަށެއް ކަމުގައިވާ ޕަލައްކަޅުން ގެއްލިގެން އުޅުނު އަންހެނެއް، 10 އަހަރު ފަހުން ވަރަށް ތަފާތު ގޮތަކަށް ފެނިއްޖެއެވެ.

އެ ސަރަހައްދުގެ ފުލުހުން، އާދަޔާ ހިލާފު، ލޯބީގެ މި ވާހަކައިގެ ބައެއް މައުލޫމާތު މީޑިއާއަށް ހިއްސާ ކުރަމުން ބުނެފައިވަނީ އެ ޕޮލިސް ސްޓޭޝަނުގެ ތާރީހުގައިވެސް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ދެމީހަކު ކަމަށެވެ. އެއީ މީގެ 10 އަހަރުގެ ކުރިން ގެއްލިގެން ރިޕޯޓުކުރި ސަޖީތާ ނަމަކަށްކިޔާ އަންހެނަކާއި މި އަހަރުގެ މާރިޗްގައި ގެއްލިގެން ރިޕޯޓްކުރި ރަހުމާނުކިޔާ މީހެއްކަމަށެވެ.

ސަޖީތާ ގެއްލިގެން ރިޕޯޓުކުރިއިރު އޭނާގެ އުމުރަކީ 18 އަހަރެވެ.

ކަންކަން ހިނގާދިޔަ ގޮތަކީ ދެ ދީނަކަށް ނިސްބަތްވާ މި ދެ ލޯބިވެރިން، ލޯބީގެ ގޮތުން ގުޅި، މުސްލިމެއް ކަމުގައިވާ ރަހްމާނު އޭނާގެ ހިންދޫ ލޯބިވެރިޔާ ސަޖީތާ، ރަހުމާނުގެ ގޭގައި ހުންނަ އޭނާގެ ކޮޓަރީގައި ފޮރުވީއެވެ. އެއީ މީގެ 10 އަހަރު ކުރިންނެވެ. ރަހުމާނުމެން ގޭގައި އުޅެމުންދިޔައީ ރަހުމާނާއި އޭނާގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއާއި ރަހުމާނުގެ މަންމައާއި ބައްޕައެވެ. ރަހުމާނުގެ އަންހެން ކޮއްކޮއަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެކެވެ. ރަހުމާނުގެ މަންމައާއި ބައްޕައަކީ ކޮންމެ ދުވަހަކުވެސް ވަޒީފާއަށް ގޮސް އުޅޭ ދެމަފިރިންނެވެ.

ރަހުމާނު ކިޔާދީފައިވާގޮތުގައި އެ ދެ ލޯބިވެރިން ދޮރެއްގެ ގޮތުގައި ބޭނުންކުރަނީ ކޮޓަރީގެ ކުޑަދޮރެވެ. ވިޔަފާރިކޮށް، ދުއްވާލާ ހަދަން ރޭގަނޑު ނިކުންނަކަމަށްެވެސް ބުނެފައިވެއެވެ.

10 އަހަރު މިގޮތަށް އުޅުމަށްފަހު ރަހުމާނާއި އޭނާގެ ލޯބިވެރިޔާ ނިންމީ ވަކި ގެއަކަށް ބަދަލުވާށެވެ. ރަހުމާނު ގެއްލިގެން އާއިލާއިން ޕޮލިހަށް ރިޕޯޓު ކުރީ އެ ހިސާބުންނެވެ.

އޭގެ މާ ފަހުން ރަހުމާނުގެ ބޭބެއަށް ރަހްމާނު ފެނުނީ މާ ދުރުނޫން ހިސާބެއްގައި އަންހެނަކާއެކު ދިރިއުޅެމުންދަނިކޮށެވެ. މިދިޔަ އަންގާރަ ދުވަހު ރަހްމާނުގެ ބޭބެއަށް އޭނާ ފެނުމުން، އެކަން ފުލުހުންނަށް އެންގިއެވެ.

ފުލުހުންގެ ހޯދުންތަކުން އެނގިފައިވާ ގޮތުގައި، ރަހްމާނުގެ ގެއިން އާ ގެއަކަށް ރަހްމާނާއި ސަޖީތާ ބަދަލުވިތާ މިހާރު ތިން މަސް ވެފައި ވެއެވެ. އަދި އަލަށް ބަދަލުވި ގޭގައި އުޅެނީ އެދެމީހުން އެކަންޏެވެ.

މިކަންތައްގަނޑަށް ފަހު،10 އަހަރު ފަހުން ސަޖީތާ ފެނުމުން އޭނާގެ ބައްޕަ ހުރީ ވަރަށް އުފަލުންނެވެ. ސާޖިދާގެ ބައްޕަ ބުނީ، ސަޖީތާ މަރުވީކަމަށް ހީކުރެވުނު ކަމަށާއި، އެނބުރި އައުމުން ވަރަށް ހިތްހަމަ ޖެހުނު ކަމަށެވެ. އަދި ސާޖިދާއާއި ރަހްމާނު ގުޅިގެން އުޅުނަސް އެންމެ ރަނގަޅުކަމަށް ސަޖީތާ ބައްޕަ ބުނެފައި ވެއެވެ.

މިހާރު މި ދެ ލޯބިވެރިން ވަނީ ދެ ފަރާތުގެ އާއިލާގެ ރުހުމުގައި ރަސްމީ ސިފައެއްގައި ކައިވެނީގެ ކަންކަން ނިންމާފައެވެ. ފުލުހުން ވަނީ މި ކޭސް ފައިލްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް