އޮސްޓްރިއާ އާ ދެކޮޅަށް ކުޅުނު މެޗު ނޭމާ ސިފަކުރީ ޔޫއެފްސީ މެޗެއްގެ ގޮތުގައި

ވޯލްޑް ކަޕަށް ތައްޔާރުވުމަށް ބްރެޒިލް އިން ރޭ އޮސްޓްރިއާ އާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި އޮސްޓްރިއާ އިން ކުޅުންތެރިންނަށް ފަސޭހައިން އަނިޔާވާފަދަ ފައުލްތައް ގިނަ، ވަރުގަދަ ފިޒިކަލް ގޭމެއް ކ...

11 Jun 2018 | 09:52

ވޯލްޑް ކަޕަށް ތައްޔާރުވުމަށް ބްރެޒިލް އިން ރޭ އޮސްޓްރިއާ އާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި އޮސްޓްރިއާ އިން ކުޅުންތެރިންނަށް ފަސޭހައިން އަނިޔާވާފަދަ ފައުލްތައް ގިނަ، ވަރުގަދަ ފިޒިކަލް ގޭމެއް ކުޅެފައިވާތީ، އޮސްޓްރިއާގެ ޓެކްޓިކްސް ޔޫއެފްސީ މެޗެއްގެ ގޮތުގައި ސިފަކޮށް ނޭމާ ފާޑުކިޔައިފިއެވެ.

އެމެރިކާގައި ބާއްވާ ވަރުގަދަ މިކްސްޑް މާޝަލް އާޓްސް މުބާރާތެއް ކަމަށްވާ އަލްޓިމޭޓް ފައިޓިންގ ޗެމްޕިއަންޝިޕް އާ އޮސްޓްރިއާގެ ކުޅުން އެއްފަދަކޮށް ނޭމާ އެކަމަށް ފާޑުކިޔައި ޖޯކު ޖެހިއިރު، ރޭގެ މެޗުގައި އަނެއްކާ ވެސް އޭނާއަށް އަނިޔާ ވެދާނެކަމުގެ ބިރާ ވެސް ކުރިމަތިވިއެވެ. ރޭގެ މެޗަކީ އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރުމަށްފަހު ނޭމާ ކުޅުނު ފުރަތަމަ މެޗެވެ.

ރޭ ބްރެޒިލް 3-0 އިން މޮޅުވި މެޗުގައި ނޭމާ ވަނީ ލަނޑު ޖަހާފައެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން 55 ވަނަ ލަނޑެވެ. މިއާއެކު އޭނާ ވަނީ ބްރެޒިލްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ތިން ވަނައަށް ޖެހިލާފައެވެ. ނޭމާ ތިން ވަނައިގައި އޮތީ ރޮމޭރިއޯއާ އެއް އަދަދަކަށް ލަނޑު ޖަހައިގެންނެވެ. ބްރެޒިލްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގައި ނޭމާއާއި ރޮމޭރިއޯއަށްވުރެ ކުރީގައި އޮތީ ރޮނާލްޑޯ އާއި ޕެލޭގެ ނަމެވެ.

އެންމެ ފަހުން އޮތް ވޯލްޑް ކަޕްގައި، އަމިއްލަ ފަސްގަނޑުގައި 7-1 އިން ޖަރުމަނު އަތުން ބަލިވެ ސެމީ ފައިނަލާ ހިސާބުން މުބާރާތާ ބްރެޒިލް ހިތްދަތިކޮށް ވަކިވާން ޖެހުނުއިރު، އަނިޔާގެ ސަބަބުން ނޭމާއަށް އެ މެޗުގައި ނުކުޅެވުނެވެ.

ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ނޭމާ އިތުރަށް ބުނީ، ބްރެޒިލް ކުޅުންތެރިންނަށް ވީތީ އެ މީހުން ކުރަން ޖެހޭ އުންމީދާއި ދެކޭ ހުވަފެން ބޮޑު ކަމަށާއި، އެ އުންމީދީ ހުވަފެންތަކަށް އިތުބާރު ކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް