އެލްޖީއޭއިން ކައުންސިލަރުންނަށް އަދަބުދެނީ ނުހައްގުން: އެމްޑީޕީ

ލޯކަލް ގަވަރމަންޓް އޮތޯރިޓީ(އެލްޖީއޭ) އިން ކައުންސިލަރުންނަށް އަދަބު ދެނީ ނުހައްގުން ކަމަށާއި އެކަން ކުށްވެރި ކުރާކަމަށް އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ބުނެފިއެވެ. އެމްޑީޕީން މިހެން ބުނެފައިވަނީ އެ ޕ...

11 Jun 2018 | 06:34

ލޯކަލް ގަވަރމަންޓް އޮތޯރިޓީ(އެލްޖީއޭ) އިން ކައުންސިލަރުންނަށް އަދަބު ދެނީ ނުހައްގުން ކަމަށާއި އެކަން ކުށްވެރި ކުރާކަމަށް އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނެފައިވަނީ އެ ޕާޓީން ނެރެފައިވާ ބަޔާނެއްގައި އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ ތަމްސީލުކުރާނެ ކެންޑިޑޭޓަކު ހޮވުމަށް އެ ޕާޓީގެ އަސާސީ ޤަވާއިދާ އެއްގޮތްވާގޮތުގެމަތީން ބޭއްވި ރިޔާސީ ޕްރައިމެރީގެ މަސައްކަތުގައި ބައިވެރިވި އެމްޑީޕީގެ ކައުންސިލަރުންނަށް އެލްޖީއޭއިން ބިރުދެއްކުމުގެ ގޮތުން ސިޓީ ފޮނުވައި އަދި މިނޫންވެސް އެކިއެކި ކަންކަމާ ގުޅިގެން ސިޔާސީ ބޭނުމަށް ޤާނޫނާ ޚިލާފަށް އެކައުންސިލަރުންނަށް ފިޔަވަޅު އަޅަމުން ގެންދާތީ އެކަން އެންމެ ހަރުއަޑުން ކުށްވެރިކޮށް އެފަދަ ނާތަހުޒީބު ކަންކަން ކުރުން އެލްޖީއޭއިން ހުއްޓާލުމަށް ގޮވާލާކަމަށެވެ.

"ފާއިތުވީ 5 އަހަރުތެރޭ ޢަބްދުﷲ ޔާމީންގެ ސަރުކާރުން ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެތައް ޙައްޤުތަކަށް އަރައިގަނެ، ޤާނޫނުތަކަށް ބޯލެނބުމެއްނެތި ޤަނޫނުގެ ވެރިކަން ވަނީ ނަގާލާފައެވެ. ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދިން އެންމެ ބޮޑު އެއް ފައިދާއަކީ ލާމަރުކަޒީ ނިޒާމެވެ. އެހެންނަމަވެސް މި ނިޒާމު މިއަދު މިވަނީ ފުނޑާލާފައެވެ. މުޅި ލާމަރުކަޒީ ޤާނޫނު ގަޑުބަޑުކޮށް ކައުންސިލްތަކުގެ ބާރުވެރިކަންވަނީ ނަގާލާފައެވެ. ސަރުކާރާ ވާދަވެރި ސިޔާސީ ފިކުރުގެ ކައުންސިލަރުންނަށް ބޭއިންސާފުން ފިޔަވަޅު އެޅުން މިވަނީ އާންމު އުސޫލަކަށްވެފައެވެ." އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެމްޑީޕީން ދެކޭ ގޮތުގައި ދިވެހިރާއްޖެ ތަރައްޤީކުރެވޭނީ ލާމަރުކަޒުކޮށް، ކައުންސިލްތަކަށް ލިބިދޭންޖެހޭ ބާރުވެރިކަން ކަށަވަރުކޮށްދީގެން ކަމަށެވެ.  މަރުކަޒީ ބާރުތަކުން ވީއްލިގެން ކަމަށެވެ. ފާއިތުވީ އަހަރުތަކުގައި ރައްޔިތުންގެ ޙައްޤުގައި ބަސްބުނެ، ކައުންސިލްތަކަށް ޤާނޫނުތަކުން ކައުންސިލްތަކަށް ލިބިދޭ ބާރުތަކުގެ ބޭނުން ކުރުމުގެ ސަބަބުން ސިޔާސީ ބޭނުމަށް ބޭއިންސާފުން އަދަބު ދީފައިވާ ހުރިހާ ކައުންސިލަރުންނަށް އެކަމުގެ ބަދަލު ހޯދައިދިނުމަކީ އެމްޑީޕީގެ އެއް އަމާޒު ކަމަށާއި އަދި ސަރުކާރުގެ ނުފޫޒުން އެލްޖީއޭއިން ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް ކޮށްފައިވާ ހުރިހާ ކަމެއް ތަޙްޤީޤްކޮށް އެކަންކަމުގައި ބައިވެރިވި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ ޔަޤީންކަން އަރުވާކަމުގައި ކަމުގައިވެސް އެ ޕާޓީން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް