ކ. ގުޅިއަށް އުފަން ޔޫޝައު އިބްރާހިމް އަކީ ދަތި ހާލުގައި އުޅެމުން ކިޔެވި ޒުވާނެކެވެ.
މިހާރު ކ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރާ ޔޫޝައުގެ ޅަ އުމުރުގައި ބައްޕަ ފައި ބިންދައިގެން ގޮސް ބަލި އެނދުގައި އޮންނަން ޖެހުމުން ޔޫޝައުގެ އާއިލާ އުޅެން ޖެހުނީ ވަރަށް ހާލުގައި އެވެ. އެކަމަކު މިއަދު ޔޫޝައު އަކީ މަސައްކަތް ކޮށްގެން ރަނގަޅު އާމްދަނީއެއް ލިބޭ ކެރޭ މަސައްކަތެރި ޒުވާނެކެވެ.
ރިސޯޓުގައި މަސައްކަތް ކުރުމުގެ އިތުރުން އޭނާ އަކީ ފޮޓޯ ނަގާ މީހެކެވެ. ފޮޓޯ ނަގަނީ ވަޒީފާގެ ބޭރުން ހޮބީއެއްގެ ގޮތުގައި އެވެ. އެކަމުންވެސް އޭނާއަށް ރަނގަޅު އާމްދަނީއެއް ލިބެ އެވެ. އެކަމަކު ފޮޓޯ ނަގައިގެން ލިބޭ ފައިސާ އޭނާ ހަރަދު ކުރަން ބޭނުންވާ ގޮތް އެހެން ފޮޓޯގްރާފަރުންނާއި ތަފާތެވެ.
ރަނގަޅު އާމްދަނީއެއް ލިބުނަސް ޔޫޝައު އުޅެ ބޮޑުވި ގޮތެއް ހަނދާނެއް ނުނެތެއެވެ. ބޭނުންވަނީ ހާލުގައި އުޅޭ މީހުންނަށް އެހީވުމަށެވެ. އެކަން އޭނާ ދަނީ ސާބިތު ކޮށްދެމުންނެވެ.
ޔޫޝައުއަށް ފޮޓޯ ނަގައިގެން ލިބޭ އާމްދަނީގެ އިތުރުން އާންމުންގެ ފަރާތުން ލިބޭ ފައިސާގެ އެހީ އޭނާ ދަނީ އެހީއަށް ބޭނުންވެފައި ތިބި މީހުންނަށް ހަދިޔާ ކުރަމުންނެވެ. އެގޮތުން މިހާތަނަށް ސިކުނޑީގައި ޓީއުމަރެއް އުފެދިފައިވާ ކުޑަ ކުއްޖެއްގެ އިތުރުން ދެ ކިޑްނީ ފެއިލްވެފައިވާ އަންހެނަކަށް ވަނީ އޭނާގެ ފަރާތުން ފައިސާގެ އެހީ ފޯރުކޮށްދީފަ އެވެ.
"އަޅުގަނޑަށް ލިބިފައިމިވާ ތަނަވަސްކަމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ބޭނުންވަނީ. އަޅުގަނޑު އުޅުނު ހާލުގައި މިއަދު އުޅެމުންދާ މީހުންނަށް ކޮންމެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ އަޒުމެއް،" ޔޫޝައު ދުވަހަށް މައުލޫމާތު ދެމުން ބުންޏެވެ.
ބަލި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން އޭނާ ކުރާ ކެމްޕެއިންގައި މިފަހަރު ކުރަނީ ތަފާތު ކަމެކެވެ. ރަހުމަތްތެރިއެއްގެ ފަރާތުން ޔޫޝައުއަށް ލިބިފައިވާ ދެ މީހެއްގެ ރިސޯޓު ދަތުރެއް އެބަ އޮތެވެ. އެ ދަތުރަށް ފައިސާ ދައްކާނީ ޔޫޝައު އެވެ. ތިބޭފުޅުން ކުރަން ޖެހޭ ކަމަކީ އެ ދަތުރު ހޯދުމަށް 40 ރުފިޔާ މުހައްމަދު ޒުހޫރުގެ އެކައުންޓަށް ފޮނުވުމެވެ.
މުހައްމަދު ޒުހޫރު އަކީ ދެ ކިޑްނީ ފެއިލްވެ، ކިޑްނީއެއް ހޯދުމާއި އޮޕަރޭޝަންގެ ކަންކަމަށް އާންމުންގެ ދީލަތި އެހީ ބޭނުންވެފައިވާ މީހެކެވެ. ޒުހުރީގެ އެކައުންޓަށް 40 ރުފިޔާ ފޮނުވި ކަމުގެ ސްލިޕް ކޮޅު އިންސްޓަގްރާމް ނުވަތަ ފޭސްބުކް މެދުވެރިކޮށް ޔޫޝައުއަށް ފޮނުވުމުން ގުރުއަތުގައި ބައިވެރިވެވުނީ އެވެ.
މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ޔޫޝައު ހުޅުވާލާފައިވާ މި ފުރުސަތުގައި ރިސޯޓު ދަތުރު ހޯދުމަށް އާންމުން ފޮނުވާ ހުރިހާ 40 ރުފިޔާ އަކީ ޔޫޝައު އާއި އާންމުންގެ ފަރާތުން ޒުހޫރުއަށް ވެދެވޭ އެހީއެވެ.
ޔޫޝައުގެ ހުވަފެނަކީ ހާލުގައި ޖެހިފައިވާ މީހަކަށް އެހީވުމާއި އާންމުންގެ ފަރާތުން އެހީތެރިކަން ހޯދައި ދިނުމަށް ކެމްޕެއިން ކުރުމެވެ. ތިޔަ ފަރާތްތަކަށް ލިބިގެން އެދަނީ ދެމީހަކަށް ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރުމުގެ ރަނުގެ ފުރުސަތެކެވެ.
އެހީ ދެއްވުމަށް:
މުހައްމަދު ޒުހޫރު: ދިވެހި ރުފިޔާ އެކައުންޓު – 7701126425101
ފައިސާ ފޮނުވި ކަމުގެ ސްލިޕް ފޮނުވާނީ "ޔޫ-ޝައުސް ގްރަފީ" އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް