ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެކަމުގެ އިޝާރާތެއް މެސީ ދީފި

ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމާއެކު އިތުރަށް ކުރިއަށް ދިއުމާމެދު ޔަގީންކަމެއް ނެތް ކަމަށާއި، އެކަން ބިނާ ވާނީ ވޯލްޑް ކަޕްގައި ނެރެވޭ ނަތީޖާއެއްގެ މައްޗަށް ކަމަށް ބުނެ، ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެކަ...

10 Jun 2018 | 20:55

ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމާއެކު އިތުރަށް ކުރިއަށް ދިއުމާމެދު ޔަގީންކަމެއް ނެތް ކަމަށާއި، އެކަން ބިނާ ވާނީ ވޯލްޑް ކަޕްގައި ނެރެވޭ ނަތީޖާއެއްގެ މައްޗަށް ކަމަށް ބުނެ، ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެކަމުގެ އިޝާރާތެއް މެސީ ދީފިއެވެ.

އުމުރުން މިހާރު 30 އަހަރުގެ މެސީ މީގެ ކުރިން 2016 ވަނަ އަހަރު ރިޓަޔަރ ކުރިކަން އިއުލާނު ކުރުމަށްފަހު އަލުން އެނބުރި އަހިސްފައިވާއިރު، އޭނާ މި ވަނީ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ދާއިމީކޮށް ހުއްޓާލަން ވިސްނާކަން ދޭހަވާފަދަ މޭރުމުން އަނެއްކާ ވެސް ވާހަކަ ދައްކާފައެވެ.

މެސީ މީގެ ކުރިން ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަމަށް އިއުލާނު ކުރީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގެ އިތުރުން، ކޮޕާ އެމެރިކާގެ ފައިނަލުން ޖެހިޖެހިގެން 2 ފަހަރަށް ބަލިވުމުންނެވެ.

"އަހަންނަކަށް ނޭނގެ. އެކަން ބިނާވާނީ އަހަރެމެންނަށް ދެއްކޭ ކުޅުމާއި، ނިމޭ ގޮތަކުން" ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ ގުޅޭގޮތުން މެސީ ބުންޏެވެ.

މީގެ އިތުރުން ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ވަނީ އާޖެންޓީނާގެ ގައުމީ ޓީމު ކުރާ މަސައްކަތާއި ނެރޭ ނަތީޖާ ދައްކާ، އަގު ވަޒަންކުރުމުގެ ބަދަލުގައި އެ ގައުމުގެ މީޑިޔާތަކުން ނޭދެވޭ ގޮތަށް ފާޑުކިޔާކަމަށް ބުނެފައެވެ.

މިގޮތުން 3 ފައިނަލުން ބަލިވުމުން، ފައިނަލަކާ ހިސާބަށް ދިއުމަށް ކުރި ބުރަ މަސައްކަތުގެ އަގު ވަޒަން ނުކުރެވިފައިވާކަމަށް ބުނެ މެސީ ވަނީ މީޑިޔާއަށް ފާޑުކިޔާފައެވެ.

މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެކަމުގެ އިޝާރާތެއް ކޮށްފައިވާއިރު، އާޖެންޓީނާއިން ވޯލްޑް ކަޕްގައި އެ ޓީމުގެ ކުޅޭ ފުރަތަމަ މެޗަށް މި މަހުގެ 16 ވަނަ ދުވަހު އައިސްލޭންޑާ ދެކޮޅަށް ނުކުންނާނެއެވެ. އައިސްލޭންޑްގެ އިތުރުން، ނައިޖީރިއާ އާއި ކްރޮއޭޝިޔާ ހިމެނޭ، މަރުގެ ގްރޫޕްގެ ގޮތުގައި ބަލާ ގްރޫޕް ޑީ ގައި އާޖެންޓީނާ އޮތްއިރު، އެ ޓީމަށް ރަނގަޅު ކާމިޔާބީއެއް ހޯދުމަށް އޮތީ ފަސޭހަ މަރުހަލާއެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް