ހަމަހިމޭން ކަމެކެވެ.އަޖައިބެއް ކަހަލަ ހިމޭންކަމެކެވެ. ބިރުން ހިތްތައް ވިރޭ ފަދަ ހިމޭންކަމެކެވެ. އެތަނުގައި ތިބޭނީ ހުސް މަރުވެފައިވާ މީހުންނާއި ޤަބުރުތަކެވެ. ޒަމާންތައް ވޭތުވަމުންދާނެއެވެ. ވަޤުތު ފާއިތުވަމުންދާނެތެއެވެ. ވަރުގަދަ ބިރުވެރި އަޑެއް އަންނާނެތެއެވެ. އެ ހިނދު އެ ހަމަހިމޭން ކަމަށް ނިމުމެއް އަންނާނެއެވެ. އެ އަޑު ތިން ފަހަރު އިވިގެން ދާނެތެއެވެ. އެ އަޑު ޖައްވުގެ ތެރެއަށް ފެތުރިގެން ދިޔުމާއި އެކު މަރުވެފައިވާ މިހުން ހޭއަރާފާނެއެވެ. މީސްތަކުން ޤަބުރުތަކުން ތެދުވާނެއެވެ. އޭރުގައި ދުނުޔޭގައި މަރުނުވެ ތިބޭ މީހުންމެ އެ ދުވަހުން މަރުވެގެންދަނެއެވެ. މި ދުނިޔެމަތީގައި އެއްވެސް މަޚުލޫގެއް ނުވާނެއެވެ. ބިންގަނޑު ފަޅަފަޅައިގެން ދާނެއެވެ.
މީސްތަކުން އެ ބިންތަކުން ނިކުންނަން ފަށާނެއެވެ. ހުސްފަޔާ ކަށްވަޅުގެ ހިރަފުހުގެ ޢަލާމަތްތައް އެމީހުންގެ ހަށިގަނޑުން ފެންނަން ހުންނާނެއެވެ. އެ އެންމެންމެ އަވަސްވެ ގަންނާނީ ތާލަފިލީގެ އަޑަށެވެ. އެ ދުވަހު އެ ބިމުގައި އުފާވެރިކަމުގެ މޫނުތަކެއް ވާނެއެވެ. އަދި ހަމަ އެއާއިއެކު ބިރުން ސިހިސިހި ވާ މޫނުތަކެއްވެސް ވާނެއެވެ. އެއީ ސުވަރުގެ ވަންތަ ވެރިންނާއި ނަރަކަ ވަންތަ ވެރިންނެވެ.
އަޚުންނާއި އުޚުތުންނޭވެ. މިހާރު މި ދައްކަނީ ކޮން ވާހަކައެއްކަން އެނގިލައްވައިފިއެއް ނޫންތޯއެވެ. އާދެ! މިދައްކަނީ ޤިޔާމަތް ދުވަހުގެ ވާހަކައެވެ.
އެ ދުވަސް އަހަރެމެންނާ ވަރަށްވެސް ކައިރިވެއްޖެއެވެ. ފަހު ޒަމާނުގައި ޤިޔާމަތް ދުވަސް އައުން ކައިރި ކޮށްދޭ ކަމުގެ އެންމެ ފަހުގެ ހެކިތަށް މިހާރު ފެންނަން ފަށައިފިއެވެ. ވިސްނާށެވެ! ހޭލާށެވެ. މި ދުވަހަށް ވިސްނައި ތިމާގެ ޢަމަލްތައް ސިދާ ކުރާން އުޅޭށެވެ. ހަމަ ޔަޤީނަށްވެސް ޤިޔާމަތް ދުވަހަކީ އަންނާނެ ދުވަހެއްކަން އަހަރެމެން އެންމެނަށް މެ އެނގެއެވެ.
ކީރިތި ޤުރުޢާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. " ޤިޔާމަތް ދުވަސް ގާތްވެއްޖެއެވެ. ﷲ، މެނުވި އެދުވަސް ހާމަކުރާނޭ އެއްވެސްފަރާތެއް ނުވެއެވެ. ފަހެ ތިތަބައިމީހުން އަޖައިބު ވަނި އަދި ނުރޮއި ހެނީ މިވާހަކަތަކާއި މެދު ހެއްޔެވެ؟ (އެބަހީ: ޤުރުޢާނާއި މެދުގައި ހެއްޔެވެ؟ ) ފަހެ، ތިޔަބައިމީހުން ހަމައެކަނި ﷲއަށް ސަޖިދަ ކުރާށެވެ! އަދި ހަމައެކަނި އެނކަލާންގެއަށް އަޅުކަން ކުރާށެވެ.
ކަން މިހެން ހުރިއިރު ﷲއަށް ތަޤުވާވެރިވާށެވެ. ﷲ ނޫން އެހެން ފާރަތަކަށް އަޅުކަން ނުކުރާށެވެ. އެނކަލާންގެ އެއީ އެންމެ ކުޅަދުންވަންތަ މަތިވެރި ވަންތަ ރަސްކަލާންގެއެވެ.
އެހެންނަމަވެސް އަހަރެމެންގެ މުުޖުތަމަޢުގެ ތެރެއިން މިފެންނަނީ މި މަންޒަރު ތޯ އެވެ.؟ މާތް ރަސްކަނލާންގެ ކިބަފުޅަށް ބިރު ގަނެ އެނކަލާންގެ އެންގެވި ގޮތަށް އުޅެނީ ކިތަށް މީހުންތޯ އެވެ. ރެޔާއި ދުވާލު މަސްތުގެ ހާލަތުގައި ތިމާގެ އަމިއްލަ މައިންބަފައިންނާއި އާއިލާގެ މީހުންނާއި ގުލުން ކަނޑާލައިގެން އުޅެނީ އަޅުގަނޑުމެންގެ ތެރެއިން ކިތަށް ޒުވާނުން ހެއްޔެވެ؟ މާތް ﷲ ގެ ދީން ( އިސްލާމްދީން) ދޫކޮށް ލައި ފާޅުގައާއި ވަންހަނާ ކަންމަތީ އުޅެނީ އަޅުގަނޑުމެންގެ ތެރެއިން ކިތަށް މީހުން ބާވައެވެ.
މި ކަންކަމަކީ ޤިޔާމަތް ގާތް ވެއްޖެކަން އަޅުގަނޑުމެންނަށް އަންގައިދޭ ހެކިތަކެކެވެ. ނުނީ އެ ދުވަސް ކައިރިވެއްޖެ ކަން ހަނދާން ކޮށްދޭ ހަނދުމަ ތަކެކެވެ.
ވިސްނާށެވެ! އަޅުގަނޑުމެން މިއުޅެނީ މިހާރު މި ދުނިޔެމަތީގައިވާ އަލިފާނާ ކައިރި ނުވެވިގެންނެވެ. އެ އަލިފާން ގައިގައި ޖެހިއްޖެނަމަ އެ އަލިފާން ޖެހޭ ތަނުން ނަގާ ދިލައަށް ކެތް ނުވެވޭ ޙާލު އަހަރެމެންގެ ތެރެއިން ބައެއް މިހުން މި ފަނާވަނިވި ދުނިޔެއާއި ވަކިވެގެން އެބަދެއެވެ. ދެން ވިސްނާށެވެ! ދުނިޔެ މަތީގައި ނުބައި ޢަމަލްތައްކޮށް އެނކަލާންގެ އެންެވި ގޮތާއި ޚިލާފަށް މި ދުނިޔެ މަތީގައި އުޅޭ އިންސީންނާއި ޖިންނީންނަށް އެނކަލާންގެ ތައްޔާރުކޮށްފައިވާ ނަރަކައިގައި ވާ އަލިފާނަކީ ދުނިޔެ މަތީގައި ލައްވާފައި މިވާ އަލިފާނަށް ވުރެން އެތަށް ގުނަ ހޫނުކަން ގަދަވެގެންވާ އަލިފާނެކެވެ.
އެފަދަ އަލިފާނެއްގެ ހޫނަށް ކެތްކުރެވޭހާ ހިތްވަރު އަހަރެމެންގެ މި ނިކަމެތި ހަށިގަނޑުގައި ވޭ ހެއްޔެވެ؟ މި ފަނާވަނިވި ދުމިޔޭގައި އިންސާނާގެ ޢުމުރަކީ ކުރު އެއްޗެކެވެ. ދުނިޔޭގައި ވުމަށް އެދިއެދި ހުއްޓައި މަރު އައިސް ޖެހިދެއެވެ. ތިމާ އެންމެ ލޯބިވާ އަނބިދަރިންނާއި އެކުވެެރިންނާއި ވަކިވާން ޖެހިދެއެވެ. އެއްވެސް އިންސާނަކަށް މި ކަންކަމުގެ މައްޗަށް ބާރު ފޯރުވުމުގެ ކުޅަދާނަކަމެއް ލިބިގެނެއް ނުވެއެވެ. އިންސާނާއަށް ފައިދާ ކުރުވަނިވި އެއްޗަކަށް އޮންނާނި ހަމައެކަނި އެ އިންސާނާ ކުރި ހެޔޮ ޢަމަލެކެވެ.
ހަމަ ޔަޤީނަށްވެސް ޤިޔާމަތް ދުވަހަކީ ބިރުވެރިވެގެންވާ ދުވަހެކެވެ. އެ ދުވަހުން މާތް ރަސްކަނލާންގެ ވަހީ ކުރައްވާނެއެވެ. "އޭ އިންސީންނާއި ޖިންނީންގެ ޖަމާޢަތެވެ. ތިޔަބައިމީހުން ހެއްދެވީއްސުރެ މިއަދާއި ހަމަޔަށް ތިމެން ރަސްކަލާނގެ ވަނީ ހަމަހިމޭންކަން އިޚުތިޔާރު ކުރައްވާފައެވެ. ތިމެން ރަސްކަލާނގެ ތިޔަބައި މީހުންގެ ބަސްތައް އަޑުއައްސަވާ ޢަމަލުތައް ބައއްލަވާ ވޮޑިގެންވީމެވެ. މިއަދު ތިޔަބައި މީހުން ހަމަހިމޭންކަމާއެކު އަޑުއަހާށެވެ. މިއީ ތިޔަބައިމީހުންގެ ޢަމަލުތަކުގެ ފަތެވެ. މި ކިޔާށެވެ. މީގައި ހެއުކަންވާމީހާ ﷲއަށް ޙަމްދުކުރާށެވެ. އެއާއި ޚިލާފަށް އެފަތުގައިވާ މީހާ (އެބަހީ ނުބައިކަންތައް) އޭނާގެ އަމިއްލަ ނަފުސަށް މަލާމާތް ކުރާށެވެ. ދެން އިރު މީސްތަކުންގެ ބޮލާއި އެއްމައިލަށް ކައިރި ވެދާހުއްޓެވެ.އަދި އެދުވަހުގެ ހޫނުކަން ވާހުށީ ދެގުނަޔަށް އިތުރުވެފައެވެ. އަހަންނާއި ތިބާވެސްވާހުށީ ބިރުވެރިކަމާއިއެކު ކަރުނައަޅާ ރޯޙާލުގައި އެބައިމީހުންނާ އެކުގައެވެ. އެންމެން ތިބޭނީ ދިގު އިންތިޒާރެއްގައެވެ. އިންތިޒާރު ފަންސާސްހާސް އަހަރަށް ދެމިގެންދާނެތެވެ."
އެއްވެސް މިހަކަށް ތިމާގެ މަންޒިލަކީ ސުވަރުގެ ކަމެއް ނުވަތަ ނަރަކަކަމެއް އެއްވެސް މީހަކަށް އެނގިގެނެއް ނުވެއެވެ. އެ ދުވަހުން އަނގަ ތެއްމާލާނެ ފޮދެއް ފެނެއް ނުލިބޭނެއެވެ. ނަމަވެސް ދަންނާށެވެ. އެ ދުވަހުވެސް ޚާއްޞަ އިމްތިޔާޒު ތަކެއް ލިބިފައިވާ ބަޔަކު ތިބޭނެއެވެ. އެމީހުން ތިބޭހުށީ ޢަރުޝީގެ ހިޔާވަހިކަމުގައެވެ. އޭގެތެރޭގައި ﷲގެ އަމުރަށް ތަބާވެ ތިބެ ހެދިބޮޑުވި ޒުވާނުންނާއި މިސްކިތްތަކަށް ހިތްޖެހުނު (އެބަހީ އެބަހީ މިސްކިތުގައި ނަމާދުޤާއިމުކޮށް މިސްކިތްތައް އާބާދުކުރި) މީހުންނާއި ﷲ ހަނދުމަކުރުމުގައި އޭނާގެ ލޮލުން ކަރުނަ ފައިބައިގެން ދިޔަ މީހުންނެވެ.
މީގެންވެސް ޢިބުރަތް ޚާސިލް ކޮށްގެން ތިބާގެ ޢަމަލްތައް ސިދާކޮށް އަންނަން އޮތް ބިރުވެރި ދުވަހަށް ތައްޔާރުވާށެވެ. އަހަރުމެން ކޮންމެ މީހަކަށް ވެސް އޭނާގެ ޙަޔާތުގައި ކުރީ ކޮންކަމެއްކަން އެނގޭއެވެ. ތިބާ ﷲއާއި ރަސޫލާއަށް ކިޔަމަންތެރިކަން އަދާކުރިން ހެއްޔެވެ.؟ ތިބާ ޤުރުއާންކިޔަވައި އޭގައިވާ ޙުކުމްތަކަށް ޢަމަލުކުރިން ހެއްޔެވެ.؟ ތިބާ ރަސޫލުﷲގެ ފާނުންގެ ސުންނަތަށް ޢަމަލުކުރިން ހެއްޔެވެ.؟ ތިބާ ނަމާދު އޭގެ ވަޤުތުގައި ޤާއިމުކުރީން ހެއްޔެވެ؟ ތިބާ އީމާންކަމާއި ޘަވާބުގެ ނިޔަތުގައި ރަމުޟާން މަހުގެ ރޯދަހިފިން ހެއްޔެވެ.؟ ތިބާ މީސްތަކުންގެ ކުރިމަތީގައި މަޝްހޫރުވުމަށްޓަކައި ނިފާޤުން އެއްކިބާވިން ހެއްޔެވެ.؟ ތިބާ ޙައްޖުގެ ފަރުޟު އަދާކުރިން ހެއްޔެވެ.؟ ތިބާ މުދަލުގެ ޒަކާތް ދިން ހެއްޔެވެ.؟ ތިބާގެ މުދަލުގެ ޒަކާތް އަދާކުރިން ހެއްޔެވެ؟ ތިބާގެ މައިންބަފައިންނަށް އިޙުސާން ތެރިވިން ހެއްޔެވެ؟ ތިބާ އަމިއްލަ ނަފުސަށާޢި އެހެންމީހުންނަށް ތެދުވެރި ވިންހެއްޔެވެ.؟ ތިބާ ރިވެތި އަޚުލާޤީ ޞިފަތަކުން ޒީނަތްތެރި ވިންހެއްޔެވެ.؟ މި ދެންނެވި ސުވާލުތައް ތިބާ އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ.
ޤިޔާމަތްވާނެ ވަޤުތަކީ އެއްވެސް މިހަކަށް އެނގިގެން ވާ ވަގުތެއް ނޫނެވެ. އަންގަވާފައި ވަނީ ހަމަކަށަވަރުން ޤިޔާމަތްވާނެ ކަމެވެ. އަދި އެދުވަސް ކައިރި ވަމުން އަންކަމުގެ ޢަލާމަތް ތަކެވެ.
އޭއަޚާއެވެ. އޭއުޚުތާއެވެ! އެދުވަހަށްޓަކައި ޢަމަލުކުރާށެވެ. ސުވަރުގެ ވަދެވި ﷲއާއިބައްދަލުވެ ޙިސާބު ބެއްލެވޭދުވަހުން ތިބާގެ މޫނު އަލިވާފަދަ ޢަމަލުތައްކުރާށެވެ. އެހެން ނޫންނަމަ ތިބާގެ ތަނަކީ ނަރަކައެވެ. ދަންނާށެވެ ﷲއީ ގިނަގިނައިން މަޢާފުކުރައްވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ. ހަމައެފަދައިން އެކަލާނގެ ޢަޒާބުވެސް ގަދަފަދވެގެންވެއެވެ. ދުޢާއަކީ އަޅަމެންނަށް ހިދާޔަތުގެ އަލިމަގުދައްކަވައި އީމާންކަންމަތީ އަޅަމެންގެ މަރުގެންނެވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް