އައިޝާ ސިއްދީޤީ: ފުރަތަމަ ރޯދަ ހިފިއިރު އަހަންނަކީ މުސްލިމެއް ނޫން !

މީގެ ތިން އަހަރު ކުރީގެ ރޯދަމަހަކީ އުމުރުން 29 އަހަރު އިންޑިއާގެ އަންހެނެއް ކަމަށްވާ އައިޝާ ސިއްދިޤީ އިސްލާމްދީން ޤަބޫލުކުރި ދުވަހެވެ. 2013 ވަނަ އަހަރުގެ ރަމަޟާން މަހު އޭނާ ފުރަތަމަ ފަހަރަށް ރޯދަހިފި ...

11 Jun 2017 | 01:28

މީގެ ތިން އަހަރު ކުރީގެ ރޯދަމަހަކީ އުމުރުން 29 އަހަރު އިންޑިއާގެ އަންހެނެއް ކަމަށްވާ އައިޝާ ސިއްދިޤީ އިސްލާމްދީން ޤަބޫލުކުރި ދުވަހެވެ.

2013 ވަނަ އަހަރުގެ ރަމަޟާން މަހު އޭނާ ފުރަތަމަ ފަހަރަށް ރޯދަހިފި އެވެ. އޭރު އޭނާއަކީ މުސްލިމެއް ނޫނެވެ. އޭނާ އެކަންކުރީ، އެނާ ވަޒީފާއަދާކުރަން ދުބާއީއަށް ގޮސްހުރިއިރު އޭނާއާއެކު އެއް ގެއެއްގައި އުޅުނު މުސްލިމު ރައްޓެހިންތަކެއް ރޯދައަށް ހުންނަ މަންޒަރު ފެނުމުން ޓެސްޓުކޮށްލުމުގެ ގޮތުންނެވެ.

"ރޯދަ މަހަކީ އަހަރެންނަށް ވަރަށް ޚާއްޞަ މަހެއް. އެއީ މި މަހަކީ އަހަރެން އިސްލާމް ދީނަށް ލޯބިޖެހުމަށް މެދުވެރިވި ސަބަބައްވާތީ. ރޯދަމަސް އައިރު އަހަރެން ދިރިއުޅެމުންދިޔާއީ އަހަރެންގެ ރަހުމަތްތެރިންނާއެކު. އެމީހުން ހާރުކައި، މުޅިދުވަހު އެއްވެސް އެއްޗެއް ނުކައި ރޯދަޔަށް ހުންނަތަން ފެނުމުންނާއި، އަދި އެންމެން އެއްކޮށް އިރުއޮއްސުމުން ރޯދަވިއްލާތަން ފެނުމުން އަހަރެންވެސް ކަން ބަލާލުމުގެ ގޮތުން އެކަން ކުރީ."

އައިޝާ ބުނީ ރޯދަމަހަކީ އޭނާގެ މުޅި ދިރިއުޅުން އެއްކޮން ބަދަލުކޮށްލި މަސް ކަމަށެވެ. "އެހެން ރޯދަޔަށް ހުންނަން ފެށިފަހުން އަހަރެންގެ ހިތުގައި އިސްލާމް ދީނަށް ލޯބިޖެހެން ފެށި. އޭރު ރޯދަހިފި ނަމަވެސް އަހަރެން އަދި އިސްލާމެއް ނުވަން."

އައިޝާއަށް އެންމެ ފުރަތަމަ އައި ބަދަލަކީ އޭނާ ހެދުންއަޅާއި އުޅުނު އުސޫލަށް އައި ބަދަލެވެ. "އިސްލާމްދީނަށް ވަދުމުގެ ކުރިންވެސް، އަހަރެން މުސްލިމެއް ނޫންގޮތައް ރޯދަ ހިފަން ފެށިއުރުއްސުރެވެސް އަހަރެން ކުރިން ލީ ގޮތަށް، ކުރުހެދުން ލުން ހުއްޓާލިން. އަދި ބޮޑަށް ނިވާވާގޮތައް ހެދުން އަޅަން ފެށިން."

"އަހަރެން ރަހުމަތްތެރިންނާއެކު ފުރަތަމަ ފަހަރަށް މުސްލިމަކަށްނުވެހުރެ ޢީދުވެސް ފާހަގަކުރިން. އެމީހުންނާއެކު ޞޮލަވާތް ފާތިހާ ކިޔަވަންގޮސް އަހަރެން އިނީ ކިޔާނެ އެއްޗެއް ނޭނގިފަ."

އައިޝާ ބުނީ އެނާ އެފަހަރު ރޯދަހިފަން ފެށިފަހުން އޭނާގެ އަޙުލާޤުވެސް ކުރިއަށްވުރެ ރަނގަޅުވަމުންއައިކަން އަމިއްލައަށް ފާހަގަކުރެވުނު ކަމަށެވެ.

އެ އަހަރު ރޯދަމަސް ނިމުމާއެކު އިސްލާމްދީނާއި ބެހޭގޮތުން މަޢުލޫމާތު ހޯދަން ފެށި އެވެ. އިސްލާމީ ޢިލުމް އުނގެނި ދަސްކުރަން ފެށި އެވެ. އޭނާ އިސްލާމްވީ އޭގެ ދެމަސް ފަހުންނެވެ.

"އޭގެ ފަހުން ހުރިހާ ކަމެއް ބަދަލުވެއްޖެ. އަހަރެން ޤުރުއާން ކިޔެވުމާއި ﷲ އަށް އަޅުކަން ކުރުމުގައި ގިނަ ވަގުތު ހޭދަކުރަން ފެށުނު. އަދި ކިޔާވާ އަޅުކަންކުރި ވަރަކަށް އެ ފަރާތާއި އޮތް ގުޅުން އިތުރަށް ގާތްވާމުން ދިޔަކަން އިޙުސާސްކުރެވުނު."

ރޯދަމަހަކީ މާތް މަހެއްކަމަށާއި، އަދި އެމަހުގައި އޭނަ ކުރި ހުރިހާ ހެޔޮ ދުޢާއެއް މާތް ﷲ އިޖާބަކުރެއްވި ކަމަށް އައިޝާ ބުންޏެވެ. އެގޮތުން އިންޑިއާގައި ދިރިއުޅޭ އޭނާގެ އާއިލާއަށް އޭނާ އިސްލާމްވިކަން އެންގުމުން އާއިލާގެ މެމްބަރުން އޭނާދެކެ އައި ރުޅި ދުރުކޮށްދެއްވުމަށް އެދި ދުޢާ ދެންނެވުމުން އެ ދުޢާ މާތް ﷲ އިޖާބަކޮށްދެއްވި ކަމަށް އޭނާ ބުންޏެވެ.

އޭގެ ފަހުން އައިޝާ ބުނީ އޭނާ އެދުނީ ރަނގަޅު ފިރިޔެއް ދެއްވުމަށް ކަމަށެވެ. އެ ދުޢާ އިޖާބަކުރެއްވިކަމަށް ބުނަމުން އައިޝާ ބުނީ މިހާރު އޭނާ މުހައްމަދު އުމޭރު ކިޔާ ޕާކިސްތާނުގެ މީހާކާއި ކައިވެނިކޮށް ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެމުންދާ ކަމަށެވެ. އެ ދެމީހުން ކައިވެނި ކުރީ މިއަހަރު ރަމަޟާން މަސް ފެށުމުގެ ކުރިންނެވެ.

"އަޅުކަމުގައި މިހެން މަސްޢޫލުވެ އުޅެވެން ފެށުމުން އަހަރެންނަށް އަހަރެންގެ ތިލަފަތް މައްޗަށް ބަރުވެފައި އޮތް ފާފަތައް ފުހެވޭކަން އިޙުސާސްކުރެވޭ ކަހަލަ. މިއީ އަހަރެންނަށް އަހަރެން ހެއްދެވި ފަރާތުގެ ރުއްސެވުން ހޯދުމަށް ލިބޭ ބަރަކާތްތެރި މަހެއް." އައިޝާ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް