މަ ހާދަ ލޯބި ވެއޭ -- ފަހުބައި

ކުރީގެ އަދަދާއި ގުޅޭ... ޒިޔާން ކެތްތެރިކަމެއް ނެތި އިންތިޒާރުގެ ވަގުތުތައް ގުނަން ފެށިއެވެ. ނައުޝީންގެ ލޯބިވެތި މޫނު އެންމެ ހިނދުކޮޅަކަށް ވެސް އޭނާގެ ހިތުން ފިލައިގެން ނުދެއެވެ. ނައުޝީންގެ އަޑު އަހާލާ...

11 Jun 2017 | 01:14

ކުރީގެ އަދަދާއި ގުޅޭ...

ޒިޔާން ކެތްތެރިކަމެއް ނެތި އިންތިޒާރުގެ ވަގުތުތައް ގުނަން ފެށިއެވެ. ނައުޝީންގެ ލޯބިވެތި މޫނު އެންމެ ހިނދުކޮޅަކަށް ވެސް އޭނާގެ ހިތުން ފިލައިގެން ނުދެއެވެ. ނައުޝީންގެ އަޑު އަހާލާ، ވާހަކަދައްކާހިތުން އޭނާގެ ހިތް ތެޅިފޮޅެނީ އެވެ. އެއީ އެންމެ ފުރަތަމަ އަފްޝީންއާ ބައްދަލުކުރަން އުޅުނު ރޭ ވެސް ވީ ގޮތެވެ. ހަމަ އެ އިހުސާސްތަކެވެ. ހަމަ އެ ނުތަނަވަސްކަމެވެ.

ސްކޫލުގައި އުޅެފައި ޒިޔާން ގެއަށް އައީ ހަތަރެއްޖެހި ފަހުންނެވެ. ނައުޝީން ފިޔަވައި އިތުރު އެހެން ކަމެއް އޭނަގެ ވިސްނުމަކު ނެތެވެ. ފެންވަރައި، ރީތިވުމަށް އަވަސްގެތެވެ. ހަލުވި ފިޔަވަޅުތަކެއް އަޅަމުން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލި ވަގުތު ލަމްހާ ފެނުމުން ޒިޔާންގެ ފިޔަވަޅު ހުއްޓުނެވެ.

"ލަމް އައީތަ؟" ޝުކުރުވެރި ބެލުމަކުން ލަމްހާގެ މޫނަށް ބަލައިލަމުން ޒިޔާން މަޑުމަޑުން ލަމްހާއާ ކައިރިއަށް ޖެހިލިއެވެ. ލަމްހާ އެނބުރި އާދޭތޯ ޒިޔާން ވަރަށް އާދޭސްކުރިއެވެ. މަންމަ ފޮނުވައިގެން ވެސް ދެތިންދުވަހު ލަމްހާ އަށް ވަސްނައިދެވޭތޯ މަސައްކަތްކުރިއެވެ. އެކަމަކު ލަމްހާ ހުރީ ގޮތްދޫކުރާކަހަލަ ގޮތަކަށް ނޫނެވެ.

"އަހަރެން މިއައީ އަހަރެމެންގެ ދަރިފުޅަށްޓަކާ" ނިދާފައި އޮތް ޒައިނީ އަށް ބަލައިލަމުން ލަމްހާ ބުންޏެވެ. އަދިވެސް އެ މޫނުގައި ވަނީ ނުރުހުންވުމާއި ރުޅިވެރިކަމެވެ.

"އަހަރެން ވަރަށް އުފާވެއްޖެ! ވަރަށް ބޮޑަށް އުފާވެއްޖެ! ލަމް އަށް ވިސްނުނީތީ. އަހަންނަށް މަޢާފުކުރީތީ" ޒިޔާން ލަމްހާގެ ދެ އަތްތިލައިގައި ހިފާލިއެވެ. ލަމްހާގެ އެނބުރިއައުން އޭނާ މާނަ ކުރީ މަޢާފުގެގޮތުގައެވެ.

"އަހަރެން އަދިވެސް ޒިޔާން ދެކެ ވަރަށް ލޯބިވޭ! އެކަމަކު އިތުބާރު ގެއްލިއްޖެ!" ޒިޔާނާ ހަތަރުކަޅި ހަމަކުރަން ބޭނުންނުވާތީ ލަމްހާ ވާހަކަ ދެއްކީ ދުރަށް ބަލަންހުރެ އެވެ. ޒިޔާނަށް މަޢާފުކުރާކަށް އޭނާ އަކަށް ފަސޭހައެއް ނޫނެވެ. އެކަމަކު އިންތިހާއަށް ލޯބިވާ މީހަކު ހިތުގެ އަޑިން މަޢާފަށް އެދުމުން އެކަން ގަބޫލުކޮށް، މަޢާފު ދިނުމަށްވުރެ ހެޔޮކަމެއް އޮންނާނެ ހެއްޔެވެ؟ ނައުޝާދުގެ ފޯނުކޯލު އޭނާގެ ވިސްނުން ބަދަލުކުރުވައިފި އެވެ. ނައުޝާދުގެ ފަރާތުން މަޢާފަށް އެދޭނެ ފުރުސަތެއް ނުލިބި އަފްޝީން ވަކިވެގެންދިޔަ ގޮތް އެނގުމުން އޭނާގެ ހިތުގައި ޒިޔާންގެ މައްޗަށް ހަމްދަރުދީ އުފެދުނީ އެވެ.

"ތިކަން އަހަރެން ގަބޫލުކުރަން. އަހަރެން ލަމްގެ އިތުބާރު އަދި ހޯދާނަން. މީ ވަޢުދެއް!" ޒިޔާން ވަޢުދު ވިއެވެ. ލަމްހާގެ ހަށިގަނޑު ގަޔާ ކައިރިކޮށްލަމުން ބާރަށް ބައްދާލިއެވެ. އޭނާގެ ނަސީބާމެދު ޝުކުރުކުރިއެވެ.

ކުޅީގެ ވަށައިގެން ހެދިފައިވާ ދިގު ވިނަގަނޑު ކައިރީގައި ޒިޔާން ހުރީ ފެންގަނޑަށް ފުރަގަސްދީގެންނެވެ. ނައުޝާދުގެ އަތުގައި ހިފައިގެން ނައުޝީން ހިނގާފައި އަންނަތަން ދެކެން އޭނާ ހުރީ ހިނިތުންވެފައެވެ. ވަކި ހިސާބަކުން ނައުޝާދު ހުއްޓުނެވެ. އަތުގެ އިޝާރާތުން ނައުޝީން އަށް ޒިޔާން ދައްކާލުމަށްފަހު ކައިރިއަށް ދިޔުމަށް ބުންޏެވެ. ވިނަގަނޑުތެރޭގައި ހެދިފައިވާ ހަނިމަގުގައި ދުވެލާފައި ނައުޝީން އައި ގޮތުން ޒިޔާންގެ ހިތަށް ފެނުނީ އަފްޝީން އެވެ. ނައުޝީން ލައިގެން ހުރީ ވެސް އެންމެ ފުރަތަމަ އެ ދެމީހުން އެތަނުން ބައްދަލުކުރި ރޭ އަފްޝީން ލައިގެން ހުރި ކުލައިގެ ހެދުމެކެވެ. ލައިލަކް ކުލައިގެ ހަވީރީ ހެދުމަކާ އެކު ބޮލުގެ ފަން އިސްތަށިކޮޅު ވަނީ މިނިވަންކަމާއެކު ދޫކޮށްލާފައެވެ.

"ޑެޑީ ބުނި ތީ އަޅުގަނޑުގެ ވަރަށް ސްޕެޝަލް އަންކަލް އެކޭ!" ޒިޔާންގެ ކުރިމައްޗަށް ހުއްޓުމަށްފަހު ނައުޝީންގެ ތުއްތު އަޑުން ބުންޏެވެ.

"އެއީ ތެދެއް! މީ ވަރަށް ސްޕެޝަލް އަންކަލް އެއް! އެނގޭތަ އެއީ ކީއްވެ ކަން؟" ޒިޔާން ކުޑަކަކޫޖަހައިގެން ނައުޝީންގެ ކުރިމަތީގައި އިށީނެވެ. "އެއީ މީ ދަރިފުޅު ދެކެ ވަރަށް ލޯބިވާ އަންކަލް އެއް!"

"އަޅުގަނޑު ދެކެ އެންމެ ބޮޑަށް ލޯބިވަނީ ޑެޑީ. އަޅުގަނޑު ވެސް އެންމެ ބޮޑަށް ލޯބިވަނީ ޑެޑީ ދެކެ!" ނައުޝީން ބުނެލިއެވެ.

"އެހެންތަ؟" ޒިޔާން ނައުޝީންގެ ކުޑަކުޑަ އަތުގައި ހިފާލަމުން ކައިރިއަށް ގެނައެވެ.

"ބައްޕަގެ ދޫނި. ބައްޕަ ވެސް ދަރިފުޅު ދެކެ ވަރަށް ބޮޑަށް ލޯބިވޭ!" ނައުޝީންގެ ގައިގައި ބައްދާލަމުން ބޭއިޚުތިޔާރުގައި ޒިޔާޔަށް ބުނެވުނެވެ. އެ ވަގުތު އެއްވެސް ހިފެހެއްޓުމެއް ނެތި އޭނާގެ ދެ ލޮލުން ކަރުނަ އައެވެ. އެއީ އޭނާގެ އަލަތު ދަރިފުޅެވެ. އޭނާ އެންމެ ބޮޑަށް ލޯބިވި ފަރާތްދެކެ ވެވުނު ލޯބީގެ ނިޝާނެވެ. އެކަމަކު ދުނިޔޭގެ ކުރިމަތީގައި އޭނާ އަށް އެ ދަރިފުޅުގެ ބައްޕަ އަކަށް ވުމުގެ ހައްޤެއް، އިޚުތިޔާރެއް ނެތެވެ. އަފްޝީން ބުނީ ތެދެކެވެ. މިންވަރަށް ޝުކުރުކުރަންވާނެ އެވެ. ދުނިޔޭގައި އުޅޭ އިރު އެހާ އަމިއްލަ އެދުން ބޮޑުވާކަށް ނުވާނެ އެވެ. ނައުޝީން އަށް ލިބުނު ބައްޕައަކީ ނައުޝާދު ކަހަލަ ހިތްތިރި، ދީލަތި މީހަކަށް ނުވިނަމަ އޭނާ އަށް މިއަދު އެ ދަރިފުޅާ ބައްދަލުވުމުގެ ނަސީބު ވެސް ނުލިބޭނެ އެވެ.

"މި އަންކަލް ދަރިފުޅަށް ޝީން ކިޔަސް އެންމެ ރަނގަޅު ތަ؟" ޒިޔާން ނުހަނު ލޯބިން އެހިއެވެ.

"ހުރިހާ ކުދިން ވެސް ކިޔަނީ ނައުކޮ. ޑެޑީ ކިޔަނީ ޕްރިންސެސް" ޒިޔާންގެ މޫނަށް ބަލަން އިނދެ ނައުޝީން ކިޔައިދިނެވެ.

"ސްޕެޝަލް އަންކަލް ކިޔަން ޖެހޭނީ އެއްވެސް ކުއްޖަކު ނުކިޔާ ސްޕްޝަލް ނަމެއްނު؟" ނައުޝީން އުރާލަމުން ޒިޔާން ކޮޅަށް ތެދުވިއެވެ.

"ބޭނުންތަ ބޮއްކުރާ ދުއްވާލަން ދާން" ފެންގަނޑުގައި އޮތް ބޮއްކުރާ ނައުޝީން އަށް ދައްކާލަމުން ޒިޔާން އެހިއެވެ.

"އަންކަލް އަށް އެނގޭތަ ދުއްވަން؟" ނައުޝީން ހުރީ އުފަލުން ފޮޅިފައެވެ.

ޒިޔާން އޭނާ އުރާލައިގެން ގެންގޮސް ބޮއްކުރާގައި ބޭންދިއެވެ. އަދި ބޮއްކުރާގެ ވާ މޮހާލުމަށްފަހު މަޑުމަޑުން ފަލި ޖަހަން ފެށިއެވެ.

ނައުޝީން އުފަލުން ހެމުން، އެކިއެކި ވާހަކަ ދައްކަމުން ދިޔައިރު ޒިޔާން އިނީ އިންތިހާ އަށް އުފާވެފައެވެ.

"މި އުފާވެރި މަންޒަރު ދެކެން ޝީން ހުރި ނަމަ. . ." ޒިޔާނަށް ހިތާހިތުން ބުނެވުނެވެ. އޭނާގެ އަލަތު އަނތްބަކަށް ޝީން ވީނަމަ އެވެ. ނައުޝީން އަކީ އެ ދެ މީހުންގެ ކައިވެނީގެ ފޮނި މޭވާ ކަމުގައި ވީނަމަ އެވެ. އޭނާ ދަރިފުޅު ގޮވައިގެން ބޮއްކުރާ ދުއްވާ މަންޒަރު ދެކެން ޝީން ހުރި ނަމަ އެވެ. ނަމަވެސް 'ނަމަ' އަކުން ކުރެވޭނެ ކަމެއް ނޯންނާނެ އެވެ. އެއީ ހަމަ އެކަނި ހީ ތަކެކެވެ. ރީތި ހިޔާލީ މަންޒަރު ތަކެކެވެ. އޭނާ ކުރިން ބުނި ފަދައިން ރީތި ހުވަފެނެކެވެ. އޭނާ އިންތިހާ އަށް ޝީން ދެކެ ލޯބިވިއެވެ. އެކަމަކު އެ ލޯބި ލިބުމަށް ތަޤުދީރުގައި ލިޔެވިފައި ނެތީ އެވެ.

(ނިމުނީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް