ބޭންކް އޮފް މޯލްޑިވްސްގެ ސްކޮލާޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސްއިން ބޭންކިންގ އަދި ފައިނޭންސް ދާއިރާގައި މަސައްކަތްކުރާނެ ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމުގެ އަމާޒުގައި ބޭންކުން ހިންގާ ސްކޮލަރޝިޕް ފަންޑަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވ...

11 May 2025 | 08:10

ބޭންކް އޮފް މޯލްޑިވްސްއިން ބޭންކިންގ އަދި ފައިނޭންސް ދާއިރާގައި މަސައްކަތްކުރާނެ ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމުގެ އަމާޒުގައި ބޭންކުން ހިންގާ ސްކޮލަރޝިޕް ފަންޑަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ބީއެމްއެލްއިން ބުނެފައިވާގޮތުގައި މި ސްކޮލާޝިޕަކީ ބޭންކިންގ އެންޑް ފައިނޭންސްގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރަން ޝައުގުވެރިވާ ދިވެހި ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން މި ދާއިރާއިރާއިން ބޭނުންވާ ކޮންމެ އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ހުރިހާ ހަރަދެއް ބޭންކުން ހަމަޖައްސައިދޭ ސްކޮލާޝިޕެކެވެ. މި ސްކޮލާޝިޕަކީ މާލީ ދާއިރާގައި ދިވެހި ތަޖުރިބާކާރުން ބިނާކޮށް، ޤާބިލުކަން އިތުރުކުރުމަށް ބޭންކުން ކުރާ މަސައްކަތްތަކުގެ ތެރެއިން ބޭންކުން ކުރަމުން އަންނަ މުހިންމު އެއް މަސައްކަތެވެ.

މި ފަންޑުގެ ދަށުން ސްކޮލާޝިޕް ލިބޭ ދަރިވަރިންނަށް ޓިއުޝަން ފީ، މަހު އެލަވަންސް، ވިސާ ފީ، ފޮތާއި އެސްޓަބްލިޝްމަންޓް އެލަވަންސް އިތުރުން ދަތުރުފަތުރުގެ ޚަރަދު ބޭންކުން ހަމަޖައްސައިދޭނެއެވެ. އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެހިންނަށް މި ސްކޮލާޝިޕަށް ކުރިމަތިލެވޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ "މާލީ ދާއިރާއަށް ގާބިލު މީހުން އުފެއްދުމުގައި ބީއެމްއެލް ސްކޮލާޝިޕް ފަންޑުން ވަރަށް މުހިންމު ދައުރެއް އަދާކުރޭ. ޒުވާން ދިވެހިންނަށް ދުނިޔޭގެ ފެންވަރު ރަނގަޅު މަތީ ތައުލީމު ހޯދުމަށް އެހީތެރިވެދިނުމުން އަޅުގަނޑުމެން މި އިންވެސްޓްކުރަނީ ދިވެހިރާއްޖޭގެ ބޭންކިންގ އަދި ފައިނޭންސް ދާއިރާގެ ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް."

2022 ވަނަ އަހަރު ބީއެމްއެލް ސްކޮލާޝިޕް ފަންޑް ތައާރަފްކުރުމަށް ފަހު މިހާތަނަށް 9 ދަރިވަރަށް ސްކޮލާޝިޕް ފޯރުކޮށްދީފައިވެއެވެ. މި ދަރިވަރުން ޔޫކޭ އަދި އޮސްޓްރޭލިއާގައި ތައުލީމު ހާސިލުކުރަމުން ދަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޔުނިވާސިޓީތަކުގައެވެ.

މިއަހަރުގެ ސްކޮލާޝޮޕް ފަންޑަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ 10 ޖޫން 2025 އެވެ. ފަންޑަށް ކުރިމަތުލުމުގެ ޝަރުތުތަކުގެ މައުލޫމާތާއި ފަންޑަށް އެދި ހުށަހަޅާނެ ގޮތް https://www.bankofmaldives.com.mv/bml-scholarship-fund، މި ލިންކުން ފެންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް