ޓިނު ނަގައިގެން ވަދެ ގއ. މާމެންދޫ ފިހާރައެއް ފަޅާލައިފި

ޓިނު ނަގުމަށްފަހު ސީލިންގު ފަޅާލައިގެންވަދެ ގއ. މާމެންދޫ ފިހާރައަކުން ވައްކަން ކޮށްފިއެވެ. ރޭ އިރާކޮޅު ހިންގި މި ވައްކަން ހިންގާފައިވަނީ މަޣްރިބް ނަމާދާއި އިޝާ ނަމާދާއި ދޭތެރޭގެ ވަގުތެއްގައެވެ. ދުވަހަ...

11 May 2024 | 01:51

ޓިނު ނަގުމަށްފަހު ސީލިންގު ފަޅާލައިގެންވަދެ ގއ. މާމެންދޫ ފިހާރައަކުން ވައްކަން ކޮށްފިއެވެ.

ރޭ އިރާކޮޅު ހިންގި މި ވައްކަން ހިންގާފައިވަނީ މަޣްރިބް ނަމާދާއި އިޝާ ނަމާދާއި ދޭތެރޭގެ ވަގުތެއްގައެވެ.

ދުވަހަށް މައުލޫމާތު ހިއްސާކުރަމުން އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެވަގުތު ފިހާރައިގެ ކައުންޓަރުގައި ހުރި ހަ ހާހަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި ސިނގިރޭޓު ދެ ކާޓޫނާއި ބައެއް އެހެނިހެން ތަކެތި ވަގަށް ގެންގޮސްފައިވާކަމަށާއި ފިހާރައިގެ ސީސީޓީވީ ފުޓޭޖުން ބަލާއިރު އެމީހަކު އުޅުނީ މޫނު ބުރުގާ އަޅައިގެން ކަމަށެވެ.

އެ ރަށަކީ ކުރިންވެސް ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް ގިނަ ރަށެއްކަން ފާހަގަކުރަމުން، ދުވަހަށް މައުލޫމާތު ހިއްސާކުރި މީހާ ބުނީ ރަށުގައި މިކަހަލަ ކަމެއް ނުހިނގާތާ ދުވަސްކޮޅެއް ވެފައިވާތީއާއި އަދި ޓިނު ނަގައި ސީލިންގު ފަޅާލައިގެން މިހާތަނަށް ވައްކަމެއް ކޮށްފައިނުވާތީ މިއީ ރަށަށް ތައާރަފްވެގެންދިޔަ އާ ވައްތަރެއްގެ ވައްކަމެއްކަމަށް ބެލުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ރަށުގައި ވައްކަން ކުރިން އިތުރުވެފައިވާތީ އާއްމު ފިހާރަތަކުގައިވެސް ދޮރުތަކުގެ ބޭރުން ދަގަނޑު ޖަގައި ވަރުގަދަކޮށްފައި ހުންނަކަންވެސް އޭނާ ފާހަގަކުރިއެވެ.

މި މައްސަލަ ޕޮލިހަށް ހުށަހަޅާފައިވާއިރު އެ ރަށަކީ ޕޮލިސް ސްޓޭޝަނެއް ހުންނަ އަދި ގިނަ އަދަދެއްގެ ފުލުހުން ގާއިމުވެތިބޭ ރަށެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް