އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދިޔަސް އެ މައްސަލަ ފާސް ކުރެވޭނެކަން އެކަން ހުށަހެޅި އިދިކޮޅު ކޯލިޝަނަށް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ޗާގޮސް މައްސަލައިގަ ސަރުކާރާއި ދެކޮޅަށް އުފައްދާފައިވާ ކޯލިޝަނުންނެވެ. އެ ކޯލިޝަންގައި ހިމެނެނީ، ޖޭޕީ، ފިކުރެއްގެ ދިރުން، ޕީޕީއެމް، ޕީއެންސީ އަދި އެމްއެންޕީ އެވެ.
މިއުވާން މިއަދު ވިދާޅުވީ އެކަން އިއުލާނު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން އެ މައްސަލަ މަޖިލީހުން ފާސްވާނެކަން އެބޭފުޅުންނަށް ޔަގީންނުވާކަން ހާމަވާ ކަމަށެވެ. އެގޮތުން ސޮއި ކުރެއްވި މެމްބަރުންގެ އަދަދާއި ގުޅޭގޮތުން އެއްބޭފުޅަކު އަނެއްބޭފުޅަކާއި ސުވާލު ކުރެއްވި ކަމަށް މިއުވާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުށަހަޅައިގެން އުޅެނީ އެބޭފުޅުންނަށް ފާސްވާނެކަން ޔަގީން ނުވާ މައްސަލައެއް ކަމަށެވެ.
އެ ކޯލިޝަނުން ބުނީ މި މައްސަލައިގަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންވެސް މަޖިލީހަށް ހުށަހަޅާނެ ކަަމަށެވެ.
މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.
މިހާރު މަޖިލީހުގައި މެމްބަރުން ތިއްބެވި ސިޔާސީ ފިކުރަށް ބަލާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ55 މެމްބަރުން އެބަތިއްބެވި އެވެ. ޗާގޮސް މައްސަލައިގަ އުފެއްދި ކޯލިޝަންގައި ތިއްބެވީ28 މެމްބަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް