އެމްޕީއެލް ކޮމިއުނިޓީ ފަންޑަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ކޮމިއުނިޓީ ފަންޑަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެ ކުންފުނިން ބުނީ މި ފަންޑަކީ މުޖުތަމައުގެ އެކި މަސައްކަތް ކރުާ ފަރާތްތަކަށް ދޫކުރާ ފައިސާ ކަމަށެވެ...

11 May 2023 | 11:33

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ކޮމިއުނިޓީ ފަންޑަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ކުންފުނިން ބުނީ މި ފަންޑަކީ މުޖުތަމައުގެ އެކި މަސައްކަތް ކރުާ ފަރާތްތަކަށް ދޫކުރާ ފައިސާ ކަމަށެވެ. މި ފަންޑު މެދުވެރިކޮށް މިފަހަރު ހަ ލައްކަ ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

އަހަރަކު 2 ފޭސްއަކަށް ބަހާލައަގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާއިރު، ފުރަތަމަ ފޭސްގެ ދަށުން ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު މިދިޔަ އޭޕްރީލް މަހު ވަނީ ހުޅުވާލާފައި އެވެ. އެމްޕީއެލްއިން ބުނީ މިމަހުގެ ނިޔަލަށް ހުޅުވާލާފައިވާ އެ ފުރުސަތުގައި މިހާތަނަށް ދެ ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ.

ފަންޑުގެ ދަށުން އެހީވުމުގައި އދ. ގެ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ހިމެނޭ ކަންކަން ހާސިލް ކުރަން ހުށަހަޅާ މަޝްރޫއުތަކަށް އެހީވުމުގައި އިސްކަންދޭނެ އެވެ. ޕޮއިންޓް ދިނުމުގައި ވެސް ޔޫއެން ލަނޑުދަނޑިތައް ހާސިލްވާ ގޮތަށް ހުށަހަޅާ ޕްރޮޖެކްޓްތަކަށް 40 ޕަސެންޓް ދޭނެ އެވެ.

އަދި އުފެއްދުންތެރި ޕްރޮޖެކްޓްތަކަށް 20 ޕަސެންޓު ދިނުމުގެ އިތުރުން ޕްރޮޖެކްޓް ޕްލޭން އަދި އިމްޕްލިމެންޓް ކުރާ ގޮތަށް 30 ޕަސެންޓު ދޭނެ ކަމަށް އެމްޕީއެލްއިން ބުނެ އެވެ. މީގެ އިތުރުން ހުށަހަޅާ ޕްރޮޕޯސަލްގެ ޕްރޮފައިލްއަށް 10 ޕަސެންޓު މާކްސް ދޭނެ އެވެ.

އެމްޕީއެލްއިން ބުނީ މި މަސައްކަތުގެ ދަށުން އަހަރަކު 10 މަޝްރޫއަށް އެހީ ދޭން ވަނީ ނިންމާފަ އެވެ. އެގޮތުން 50،000 ރުފިޔާގެ ކުދި 8 މަޝްރޫއު، 100،000 ރުފިޔާގެ ބޮޑު ދެ މަޝްރޫއަށް އެހީ ދިނުމަށް ނިންމާފައިވާ ކަމަށް މައުލޫމާތުދެ އެވެ.

މި ފަންޑަށް ކުރިމަތިލެވެނީ ކައުންސިލްތައް، ހިލޭ ސާބަހަށް މަސައްކަތް ކުރާ ސަރުކާރު އަދި އަމިއްލަ ޖަމިއްޔާތަކާއި ކްލަބްތައް އަދި ސްކޫލްތަކަށެވެ.

މިއަހަރު އަލަށް ކޮމިއުނިޓީ ފަންޑެއް ހުޅުވާލި ނަމަވެސް މީގެ ކުރީ އަހަރުތަކުގައި އެމްޕީއެލްއިން ވަނީ ސީއެސްއާރު ބަޖެޓުގެ ދަށުން، މުޖުތަމައުގެ ފައިދާއަށް ޖަމިއްޔާތަކުން ކުރާ މަސައްކަތަކަށާއި، ތައުލީމީ ދާއިރާއަށާއި، ކުޅިވަރުގެ ދާއިރާއަށްވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް