ކޭ ޕާކުގެ މަންޑޭއާ އެކު ވިޔަފާރި ކުރާ އާބަންކޯ މުވައްޒަފު ސަސްޕެންޑުކޮށްފި

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ ޕާކް ރެސިޑެންސްގެ އެއް ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) އާއި އެކު ވިޔަފާރި ކުރާ އާބަންކޯގެ މުވައްޒަފަކު ސަސްޕެންޑު ކޮށްފި އެވެ. މި މައްސަލައިގަ ސަސްޕެންޑު ކުރީ އ...

11 May 2023 | 11:14

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ ޕާކް ރެސިޑެންސްގެ އެއް ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) އާއި އެކު ވިޔަފާރި ކުރާ އާބަންކޯގެ މުވައްޒަފަކު ސަސްޕެންޑު ކޮށްފި އެވެ.

މި މައްސަލައިގަ ސަސްޕެންޑު ކުރީ އަބްދުއް ނާފިއު މުހައްމަދެވެ. އެ ކުންފުނީގައި މަސައްކަތް ކުރާތާ ނުވަ އަހަރުވެފައިވާ ނާއިފަށް ކުރާ ތުހުމަތުތަކާއި ގުޅިގެން އޭނާ ސަސްޕެންޑު ކުރީ 14 ދުވަހަށެވެ.

އާބަންކޯއިން މިއަދު ބުނީ ޕްރޮގްރެސިވް ޑިސިޕްލްނަރީ އެކްޝަން ޕޮލިސީގެ ދަށުން، ކޭޕާކް މައްސަލައިގެ ތަހުގީގު ކުރިއަށް ދާ މުއްދަތުގައި ކުރާ ތުހުމަތުތަކަށް ރިއާޔަތްކޮށް، މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. ފުލުހުންނާއި އެ ކޯޕަރޭޝަންގެ އިންޓާނަލް އޮޑިޓުން މި މައްސަލަ ތަހުގީގުކޮށް ނިމުމުން ނާފިއުއަށް އިތުރު ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ އެ ފިޔަވަޅު އަޅާނެ ކަމަށް އާބަންކޯއިން ބުނެފައިވެ އެވެ.

އޭނާ އަކީ ރިއަލް އެސްޓޭޓްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރުމަށް ދޫކުރާ ބިންތައް އިވެލުއޭޓްކޮށް، އެއްބަސްވުންތަކުގައި ސޮއިކުރުމާ ގުޅޭ ކަންތައްތަކުގައި ހަރަކާތްތެރިވާ މުވައްޒަފެކެވެ.

ނާފިއުއަކީ މަންޑޭގެ ހިއްސާ އޮންނަ އެހެން ކުންފުންޏެއް ކަމަށްވާ ދިކޯރު އިންވެސްޓްމަންޓް އެންޑް ކޮންސަލްޓިން ގްރޫޕް ޕްރައިވެޓް ލިމިޑެޓްގެ އެއް ޕާޓްނަރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުންފުނިން ދަނީ ނާފިއުއާ ގުޅިގެން އާބަންކޯގެ ތެރެއިން ކަންކަން ކުރުމަށް މަގުފަހި ކުރަމުންނެވެ.

ކޭޕާކު މައްސަލައިގަ ކޮރެއާގެ މައި ހިއްސާދާރު ދަނީ މަންޑޭ، އޭނާގެ ސޮއި ފޯޖުކޮށްގެން ކުރިން ވިއްކާފައި ހުރި އެޕާޓްމެންޓުތަކެއް އެހެން ބަޔަކަށް ވިއްކައި ފައިސަ ނެގި ކަމުގެ ތުހުމަތު ކުރަމުންނެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މި ޕްރޮޖެކްޓުން ގެއްލުންވި މީހުން ޝަކުވާ ހުށަހަޅަން ވަނީ ހުޅުވާލާފައި އެވެ.

ފުލުހުން ވަނީ މަންޑާއި އިތުރު ދިވެއްސަކާއި ބިދޭސީއެއްގެ ޕާސްޕޯޓު ހިފަހައްޓާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް