ރައީސް މައުމޫން ޖަލަށް ލާން ނިންމީ ސީދާ ޔާމީން، އެކަމުން ރެކެން އުޅުމަކީ ފިނޑިކަން: އެމްއާރްއެމް

ރައީސް މައުމޫން ޖަލަށްލާން ނިންމި ނިންމުމަކީ ސީދާ ރައީސް ޔާމީންގެ ނިންމެވުމަކަށް ނުވެ ހިނގައިދާނެ ހަމަ އެއްގޮތެއްވެސް ނެތްކަމުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ. އެމްއާރް...

11 May 2022 | 14:59

ރައީސް މައުމޫން ޖަލަށްލާން ނިންމި ނިންމުމަކީ ސީދާ ރައީސް ޔާމީންގެ ނިންމެވުމަކަށް ނުވެ ހިނގައިދާނެ ހަމަ އެއްގޮތެއްވެސް ނެތްކަމުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

އެމްއާރްއެމްއިން މިހެން ބުނެފައިވަނީ އެމްއާރްއެމްގެ ޒައީމް، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްއަށް ބޮޑެތި ތުޙުމަތުތަކެއް ކުރައްވައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާއި ގުޅޭގޮތުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ މިދިޔަ އަންގާރަ ދުވަހު ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނަށް ބޮޑެތި ތުޙުމަތުތަކެއް ކުރައްވައި ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް ފެބުރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން އަމުރެއް ނެރުނު ކަމަށް ވިދާޅުވި ނަމަވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ ތާރީޚުގައި ސަރުކާރު ވައްޓާލުމަށް، ނުވަތަ ސަރުކާރުގެ ޤާނޫނީ ޙައިސިއްޔަތު ގެއްލޭގޮތަށް އެއްވެސް އަމުރެއް ނެރުއްވާފައެއް ނުވާކަމަށެވެ.

"އެ ތާރީޚުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރެއް ނެރުއްވާފައިވަނީ، އޭރުގެ ސަރުކާރުން ސިޔާސީ ޖައްބާރުކަމުގައި އެއްވެސް އަސާސެއް ނެތް ތުހުމަތުތައްކޮށް، ޝަރުޢީ ދާއިރާއަށް ނޫފޫޒުފޯރުވައިގެން އެކި ގޮތްގޮތަށް ބަންދުކޮށްފައި ތިބި އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ޤައިދީއަކު ދޫކޮށްލުމަށެވެ. ދެން އެ އަމުރުގައި ކަނޑައަޅުއްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު ކަނޑައަޅުއްވާފައިވާ 12 މެމްބަރުން އެ މަގާމުން ވަކި ނުވާ ކަމަށެވެ." އެމްއާރްއެމްގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ނެރުއްވި އެ ޢަމުރު ތަންފީޒުކުރަން ސީދާ ދެކޮޅު ހަދައި އޭރު ތަންފީޒީ އިދާރާތަކުގައި ތިބި އެތައް މުވައްޒަފުންނެއް ޤާނޫނާއި ޚިލާފަށް އަމަލުކުރުމަށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން މަޖުބޫރު ކުރިކަމަށާއި އަދި އެ އަމުރު ތަންފީޒު ނުކުރުމަށްޓަކައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަގައި، ޤާޒީން ހައްޔަރުކޮށް ޖަލައްލައި އަދި އޭރު ޖަލަށް ނުލެވި ތިބި އެތައް ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުން ހައްޔަރުކޮށް ޖަލަށްލި ކަމަށެވެ.

"މީގެ ތެރޭގައި މި ޕާޓީގެ ޒައީމް، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އާއި މި ޕާޓީގެ ރައީސް އަޙުމަދު ފާރިސް މައުމޫން އާއި މި ޕާޓީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު މުޙައްމަދު ނަދީމް އާއި މި ޕާޓީގެ އޮފީހުގެ މުވައްޒަފުން ހިމެނެއެވެ." އެމްއާރްއެމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް އެ ޕާޓީގެ ޒަޢީމް އެއްވެސް އިރަކު މަސައްކަތް ކުރައްވާފައެއް ނުވާކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ސަރުކާރަކީ، ރައީސް މައުމޫންގެ ތާއީދާއިއެކު އެމަނިކުފާނު ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިގެން ގެންނެވި ސަރުކާރެއް ކަމުން، ރައީސް ޔާމީންގެ ސަރުކާރުގެ އެތެރޭގެ ކަންކަން ހަމަމަގަށް ރުޖޫޢަކުރެއްވުމަށް ސަރުކާރާއި ޕާޓީގެ އެތެރެއިން، އަދި ފަހުން ޕާޓީގެ ބޭރުން މަސައްކަތް ކުރެއްވި ކަމަށް ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ 2018  ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މައުމޫން، ރައީސް ޔާމީން އާއި ދެކޮޅަށް އެހެން ސިޔާސީ ލީޑަރުންނާއިއެކު ކޯލިޝަން ހައްދަވައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަތީ، ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ ބާރު ކަނޑުވާލައި، ކޮރަޕްޝަނާއި އަނިޔާވެރިކަން އިސްކޮށް، ޤައުމު ހަމަ މަގުން ކައްސާލައިގެން ދާން ފެށުމުން އެކަންކަން އިސްލާޙު ކުރެއްވުމަށް އެތައް ގޮތަކުން މަސައްކަތް ކުރެއްވުމަށްފަހު، އެ މަސައްކަތްތައް ނާކާމިޔާބު ވުމުން ކަމަށެވެ.

"ރައީސް މައުމޫން ހައްޔަރުކޮށް ޖަލަށްލުމަށް އަމުރުކުރީ ރައީސް ޔާމީން ނޫން ކަމަށް ވިދާޅުވެ އެ ކަމުން ރެކިވަޑައިގަތުމަށްވެސް އަންގާރަ ދުވަހު އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މި ޕާޓީއިން ދެކޭގޮތުގައި އޭރު ސަރުކާރުގެ ބާރުތަކާއި، ނުފޫޒު އޮތް ގޮތުން އެ ކަމަކީ ސީދާ ރައީސް ޔާމީންގެ ނިންމެވުމަކަށް ނުވެ ހިނގައިދާނެ ހަމަ އެއްގޮތެއްވެސް ނެތެވެ. އެހެންކަމުން މިއަދު އެ ކަމުން ރެކިވަޑައިގަތުމަށް ދައްކަވާ ވާހަކަފުޅަކީ ހަޤީޤީ ލީޑަރުންގެ ފަރާތުން ފެންނަ ތިމާގެ ބާރުން ހިނގާ ކަންކަމުގެ ޒިންމާ ނެގުމުގެ ސިފަޔާއި ނުހަނު ބީރައްޓެހި، ފިނޑި ވާހަކަފުޅުތަކެކެވެ." އެމްއާރްއެމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވިއިރު ވެސް ކަން ކުރެއްވި ފަދައިން، ދެންވެސް ވެރިކަން ލިބިއްޖެ ނަމަ އަނިޔާވެރިކަން އިސްކޮށް، ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވައި، ކޯޓުތަކުގެ ޙުރުމަތް ކަނޑާލައި، ފަނޑިޔާރުންނާއި މުއައްސަސާތަކުގެ ވެރިންނާއި ސިޔާސީ ލީޑަރުންނާއި އާންމު ރައްޔިތުން ދިގުމުއްދަތައް ޖަލައް ލާނެކަމަށް ދޭހަވާ ފަދައިން އަންގާރަ ދުވަހު ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތައް އެ ޕާޓީއިން ކުއްވެރިކުރާކަމަށާއި އަދި މިވާހަހަކަތައް ފުލުހުންނާއި ކަމާބެހޭފަރާތްތަކުން ތަޙުޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށްވެސް އެ ޕާޓީއިން ގޮވާލާކަމަށެވެ.

ރައްޔިތުންގެ ކުރިމަތީ، ހުރިހާ ރައްޔިތުންނަށް ފެންނާނެހެން ހިނގާފައި ހުރި ކަންކަމުގައި ދޮގުހަދައި، ހަޤީޤަތް އޮޅުވާލަން މަސައްކަތްކޮށް އަނިޠާވެރިކަން އިސްކުރާނެ ކަމުގެ އިންޒާރުދިނުމަކީ ރައްޔިތުންނަށް އެއްވެސް މިންވަރަކަށް އިޙްތިރާމް ނުކުރާ ކަމުގެ ހެއްކެއް ކަމަށާއި އެފަދަ ކަންކަން ކޮށްއުޅެނީ ރައްޔިތުންނަކީ ތަންދޮރު ނުދަންނަ ބަޔަކު ކަމަށް ދެކިގެން އަނިޔާވެރި ވެރިކަން ހިންގާ ވެރިން ކަމަށާއި އެހެންކަމުން އެފަދަ ވާހަކަތަކަށް ނުހެއްލުމަށާއި، ސިޔާސީ ދަހިވެތިކަމުގައި ދައްކާ އެފަދަ ވާހަކަތަކުގެ ދަޅައިގައި ނުޖެހުމަށް މި ޕާޓީއިން ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރާކަމަށްވެސް އެމްއާރްއެމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް