ދިވެހިބަހުގެ އެކެޑަމީން އައިފޯނަށާއި އެންޑްރޮއިޑް ފޯނުތަކަށް ބޭނުންކުރެވޭގޮތަށް ފަރުމާކުރި ދިވެހި ބަހުގެ ރަދީފް އެޕްލިކޭޝަން ރޭ އިފްތިތާހުކޮށްފިއެވެ.
ދިވެހި ބަހުގެ އެކަޑަމީން ރޭ ނެރުނު އެ ރަދީފު އެޕްލިކޭޝަންގައި 36،637 ލަފުޒު ހިމެނޭނެކަމަށް އެ އެކަޑަމީން ހާމަކޮށްފައި ވެއެވެ.
މި އެޕްލިކޭޝަން އިފްތިތާހު ކޮށްދެއްވާފައި ވަނީ ރޭ ބޭއްވި ވާހަކަ ދެއްކުމުގެ 35 ވަނަ ޤައުމީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.
އެގޮތުން އެ އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ ތަރިކަ އާއި ސަގާފަތާއި ތާރީޚާ ބެހޭ ވަޒީރު ޔުމްނާ މައުމޫނެވެ.
ދިވެހި ބަސް މި އެޕްލިކޭޝަން ނެރެދެއްވުމަށްފަހު އެކަމަނާ ވިދާޅުވީ ދިވެހި ބަސްފޮތުގެ އެޕްލިކޭޝަނަކީ ޓެކްނޮލޮޖީއާ ރައްޓެހިކޮށް ޓެކްނޮލޮޖީގެ އިތުރު މަންސަތަކަށް ގެންދިއުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ މަސައްކަތެއް ކަމަށެވެ.
މީގެ އިތުރުން އެ އެޕްލިކޭޝަންގެ އާ އަޕްޑޭޓެއް ވަރަށް އަވަހަށް ތަޢާރަފްކުރެވޭނެ ކަމަށާއި، އެ އަޕްޑޭޓަކީ ދިވެހި ބަސް އެހެން ހަރުފަތަކަށް ގެންދިއުމަށް މި ކުރާ މަސައްކަތް ރަނގަޅަށް ދައްކުވައިދޭނެ ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މިގޮތުން ކުރިއަށް އޮތްތާގައި މި އެޕްލިކޭޝަންގެ އަޕްޑޭޓް ކުރާއިރު ދެ މާނަ ދޭހަވާ ބަސްބަހާއި، އިދިކޮޅު މާނަ ދޭހަވާ ބަސް އަދި އެއް ބަހުން ކުރި ފަޅާފައި ހުންނަ ބަސްބަސް ވެސް އަންނާނެ ކަމަށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް