ކޮވިޑު-19 އާއި ގުޅުވައި އަނެއްކާވެެސް ޗައިނާއަށް ތުހުމަތުތަކެއް ކޮށްފިއެވެ.
މި ތުހުމަތު މިފަހަރު ކޮށްފައިވަނީ އޮސްޓްރޭލިއާގެ މަޝްހޫރު މަޖައްލާއެއް ކަމަށްވާ 'ދަ އޮސްޓްރޭލިއަން"އިންނެވެ. ތުހުމަތު ކުރަނީ ސާރސް ކޮރޯނާ ވައިރަސްއަކީ ޗައިނާގެ ސިއްޙީ އޮފިޝަލުންނާއި އެ ޤައުމުގެ ސައިންސްވެރިން ރާވައިގެން ވުޖޫދު ކޮށްފައިވާ ވައިރަސްއެއް ކަމުގެ ހެކި ލިބިފައިވާ ކަމަށް ބުނެއެވެ.
'ދަ އޮސްޓްރޭލިއަން' މަޖައްލާއިން ބުނެފައިވަނީ، ސާރސް ކޮރޯނާ ވައިރަސްއާއި ގުޅޭ ގޮތުން 2015ވަނަ އަހަރު ޗައިނާގެ ސައިންވެރިންނާއި ސިއްޙީ އޮފިޝަލުން މަޝްވަރާ ކޮށްފައިވާ ކަަމަށެވެ. 'ދަ އަން ނެޗުރަލް އޮރިޖިން އޮފް ސާރސް އެންޑ ނިއު ސްޕީޝީޒް އޮފް މޭންް މޭޑް ވައިރަސަސް އޭޒްް ޖެނެޓިކް ބަޔޯ ވެޕަންސް' ގެ ނަމުގައި ތައްޔާރު ކޮށްފައިވާ އިލްމީ ލިޔުމެއްގައި، ސާރސް ކޮރޯނާ ވައިރަސް ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރާނެ ގޮތުގެ މައްޗަށް ގިނަ މަޝްވަރާ ތަކެއް ކޮށްފައިވާ ކަމަށް އެ މަޖައްލާއިން ބުނެއެވެ.މި ލިޔުން ނެރެފައިވަނީ ކޮވިޑު 19ގެ ކޭހެއް ފެނުމުގެ ފަސް އަހަރު ކުރިން ކަމަށް ވާއިރު، މަސްނޫއީ ގޮތުން މި ވައިރަހަށް ބަދަލުތަކެއް ގެނެސްގެން އިންސާނުންނަށް ވައިރަސް ޖެއްސުމަށްފަހު، ކުރިން ފެނިފައި ނުވާފަދަ ބަޔަލޮޖިކަލް ހަތިޔާރު އުފައްދާނެ ގޮތްތަކަށްވެސް މި ލިޔުމުގައި އަލިއަޅުވާފައި ވެއެވެ.
އޮސްޓްރޭލިއާގެ ސްޓްރެޓީޖިކް ޕޮލިސީ އިންސްޓިޓިއުޓް (އޭއެސްޕީއައި)ގެ އެގްޒެކެޓިވް ޑިރެކްޓަރ، ޕީޓަރ ޖެނިންގ މި ލިޔުމާއި ގުޅޭ ގޮތުން، ނިއުސް ޑޮޓް ކޮމްއާއި މައުލޫމާތު ބަދަލު ކުރައްވަމުން ވިދާޅުވެފައިވަނީ، މި ލިޔުމަކީ ސައްޙަ މައުލޫމާތާއި ހަމައަށް ގެންގޮސްދޭނެ އެންމެ ގާތް ވަޞީލަތް ކަމަށެވެ.އަދި މިކަމުގެ ބޮޑުކަން އޮޅުންް ފިލުވައި ދެއްވަމުން ޖެނިންގ ވިދާޅުވީ، މި ލިޔުންތަކުން ކަނޑައެޅިގެން ޗައިނާ ސައިންސް ވެރިންނާއި ސިއްޙީ އޮފިޝަލުން ކޮރޯނާ ވައިރަސް ބޭނުން ކޮށްގެން، އަސްކަރީ މަންފާތަކެއް ހޯދާނެ ގޮތްް ދެނެ ގަންނަން މަސައްކަތް ކޮށްފައިވާ ކަން ސާބިތުވާ ކަމަށެވެ. މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަންވެސް ޖެނިންގ ފާހަގަ ކުރެއްވިއެވެ.އަދި މި ލިޔުމުގެ އަލީގައި، މިހާރު މުޅި ދުނިޔެއަށް ކުރިމަތި ވެފައިވާ ކޮރޯނާ ވައިރަސްގެ އާލަމީ ވަބާއަކީ، ބަޔަލޮޖިކަލް ހަތިޔާރު ތައްޔާރު ކުރުމަށް ހަދަމުން ދިޔަ ޓެސްޓުތަކެއްގެ ސަބަބުން އޮޅިގެން ތައްޔާރު ކުރެވިފައިވާ ވައިރަހެއް ކަމަށް ޔަޤީން ކުރުމުގެ ބޮޑު ފުރުސަތެއް އެބޮތް ކަމަށް ޤަބޫލު ކުރައްވާ ކަމަށްވެސް ޖެނިންގ ވިދާޅުވެއެވެ.
ފެންމަތި ވެފައިވާ ލިޔުމުގެ އަލީގައި، ޗައިނާއިން ބޭރުގެ ތަޙްޤީޤީ ޓީމުތައް އެޤައުމަށް ދިއުމާއި ތަކުރާރުކޮށް އިންކާރު ކުރަމުން ދިޔައީ މި ސަބަބާއި ހުރެ ކަމަށްވެސް ކަމާއި ބެހޭ މާހިރުން ދެކެ ލައްވައެވެ.އަދި ކޮވިޑަކީ ޗައިނާގެ މާރުކޭޓުން ވުޖޫދު ވެގެން އައި ވައިރަހެއް ކަމުގައި ވީނަމަ، އެ ޤައުމުގެ މަސްލަހަތުވެސް އޮތީ އެހެން ޤައުމުތަކާއި ގުޅިގެން ތަޙްޤީޤުތައް ކުރިއަށް ގެން ގޮސް އަވަސް ހައްލެއް ހޯދުމުގައި ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. މިއާއި ޚިލާފަށް، ޗައިނާއިންވަނީ ބައިނަލްއަޤްވާމީ ޓީމްތައް އެ ޤައުމަށް ނުގެނެއުމަށް ގަދައަޅާ މަސައްކަތް ކޮށްފައެވެ.
މި ލިޔުންތަކުގެ މުސައްނިފުންގެ ގޮތުގައި 18 މީހަކު ލިސްޓު ކޮށްފައި ވާއިރު، މީގެ ތެރޭގައި ހިމެނެނީ މުޅިންވެސް ޕީޕަލްސް ލިބަރޭޝަން އާރމީގެ ސައިންވެރިންނާއި ހަތިޔާރާއި ބެހޭ މާހިރުންނެވެ. ޕީޕަލްސް ލިބަރޭޝަން އާރމީއަކީ ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ދަށުގައި އޮންނަ، އެ ޤައުމުގެ ސިފައިންގެ ލަޝްކަރުކަން ފާހަގަ ކޮށްލެވެއެވެ.
'ދަ އޮސްޓްރޭލިއަން' މަޖައްލާއިން މި ލިޔުންތަކުގެ ސައްޙަކަން ދެނެ ގަތުމަށްޓަކައި، ސައިބަރ ސެކިއުރިޓީ ގެ ސްޕެޝަލިސްޓު ރޮބާރޓް ޕޮޓަރއާއި ސުވާލު ކުރުމުން، ޕޮޓަރ ވަނީ މިއީ ޔަޤީނުންވެސް ދޮގު ލިޔުންތަކެއް ނޫން ކަމުގެ ޔަޤީންކަން ދީފައެވެ. އެގޮތުން، ކަމާއިބެހޭ ގިނަ ބަޔަކު މި ލިޔުންތަކުގެ ސައްޙަ ކަމާއިމެދު އެއްބަސް ވާއިރު، ކަމުގެ ސީރިއަސްކަން ދެނެގަތުމަކީ އެހެން ބަޔެއްގެ މައްސޫލިއްޔަތެއް ކަމަށް ޕޮޓަރ ބުނެފައި ވެއެވެ. އަދި މި ލިޔުންތައް ފެންމަތި ވެފައިވާތާ މަދު އަހަރެއް ވެފައި ވީނަމަވެސް،ލިޔުންތައް ގެއްލުވައިލާ ސިއްރު ކުރަން ޗައިނާއިން އަދިވެސް މަސައްކަތް ކުރާނެ ކަމަށް ބެލެވޭ ކަމަށް ޕޮޓަރ ބުނެފައި ވެއެވެ. ނަމަވެސް، ޗައިނާއަކީ އާދައިގެ މަތިންވެސް އެ ޤައުމުން ކުރި އަރުވަން ބޭނުންވާ ކަންކަން މިފަދަ އިލްމީ ލިޔުންތަކުގައި މަޝްވަރާ ކުރާ ބަޔަކަށް ވުމާއިއެކު، އެ ޤައުމުން ކަނޑައެޅިގެން މި ލިޔުންތަކުގައި ވާ ގޮތަށް ކަން ކޮށްފައިވެއޭ ބުނަން ދަތި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ޗައިނާގެ މި ލިޔުމާއި ގުޅޭ ގޮތުން ގިނަ ތަފްޞީލުތަކެއް ހިމެނޭ ފޮތެއް،'ދަ އޮސްޓްރޭލިއަން" މަޖައްލާގެ ތަޙްޤީޤީ ލިޔުންތެރިޔާ ޝަރީ މާރކްސަން އަންނަ ސެޕްޓެމްބަރު ނެރުމަށްވަނީ ހަމަޖެހިފައެވެ. 'ވަޓް ރިއަލީ ހެޕަންޑް އިން ވޫހާން'، (ޙަޤީޤަތުގައި ވޫހާންގައި ވީ ކިހިނެއްް؟) މި ނަމުގައި އޭނާ ނެރެން ޤަސްދު ކުރާ މި ފޮތުގައި، ޗައިނާގައި ހިނގާފައިވާ ގިނަ ކަންކަމާއި، ކޮރޯނާ ވައިރަސް ވުޖޫދުވެ އާލަމީ ވަބާއަކަށް ވީ ގޮތުގެ އައު މައުލޫމާތު ތަކެއް ހުންނާނެ ކަމަށް ބެލެވެއެވެ.
ދުނިޔޭގެ ސިއްޙަތާއި ބެހޭ ޖަމިއްޔާ (ޑަބްލިއު އެޗު އޯ)ގެ ދިރާސާތަކުން ނިންމާފައިވަނީ، މި ވައިރަހަކީ އެންމެ ފުރަތަމަ ކޮންމެވެސް ބާވަތެއްގެ ހައިވާނެއްގެ ޒަރިއްޔާއިން ވާލަށް ޖެހިގެން، ވާލުގެ ކިބައިން އިންސާނުންނަށް ވާސިލް ވެފައިވާ ބައްޔެއް ކަމަށެވެ.އޮސްޓްރޭލިއާގެ ޕަބްލިކް ހެލްތު ޕެތޮލޮޖީގެ ޑިރެކްޓަރު، ޑޮމިނިކް ޑްވާޔަރ މިއަހަރުގެ ޖަނަވަރީ މަހު ވޫހާންއަށް ކުރެއްވި ދަތުރުފުޅު ގައިވަނީ، އެންމެ ފުރަތަމަ ހީކުރެވުނު ގޮތާއި ޚިލާފަށް، ވުހާންގައި ދިރޭ ޖަނަވާރުތައް ގެންގުޅުނު މަސްމާރު ކޭޓަކީ، ކޮރޯނާ ވައިރަސް ވުޖޫދުވި ތަން ނުވަތަ ގްރައުންޑް ޒީރޯ ކަމުގައި ޤަބޫލު ނުކުރެވޭ ކަމަށް ވިދާޅުވެފައެވެ. ޑްވަޔާރ ވުހާންއަށް ޒިޔާރަތް ކުރެއްވީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޚާއްސަ ތަޙްޤީޤީ ޓީމުގައި އޮސްޓްރޭލިއާ ތަމްސީލު ކުރެެއްވުމަށެެވެ.
ޑަބްލިއު އެޗުއޯގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް، ޑރ. ޓެޑްރޮސް އަދާނޮމް ވިދާޅުވެފައިވަނީ، އެ ޖަމިއްޔާއިން އެއްވެސް ކަހަލަ ހައިޕޮތެސިސްއެއް ( ތަޙްޤީޤެއް އަލަށް ފެށުމަށްޓަަކައި ސައިންސް ވެރިން ގެންގުޅޭ، އިލްމީ އަދި ސައިންސްގެ ހެއްކަށް ބިނާވެފައި އޮންނަ ނިންމުމެއް) ޑަބްލިޔުއެޗުއޯއިން ދޫ ނުކުރާނެ ކަމަށެެވެ. އެއީ މިހާތަނަށް އައި އިރުވެސް ކޮރޯނާ ވައިރަހުގެ އަސްލު މަސްދަރެއް ދެނެގަނެވިފައި ނުވާތީއެވެ. އެހެން ކަމުން، ސައިންސްގެ އަލީގައި ކުރަން ޖެހުނު ކޮންމެ ތަޙްޤީޤެއް ކުރަމުން ގެންދިއުން މުހިންމު ކަމަށް ޑރ.ޓެޑްރޮސްވަނީ ވިދާޅުވެފައެވެ.
ކޮރޯނާ ވައިރަހުގެ ޙަޤީޤަތް ދެެނެ ގަތުމަށް ދުނިޔޭގެ އެންމެހައި ތަޖުރިބާކާރުންދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް މިކަން ކާމިޔާބު ވެފައި ނުވާއިރު، 'ދަ އޮސްޓްރޭލިއަން' މަޖައްލާއިން ހޯދާފައިވާ ޗައިނާގެ ލިޔުމުގެ އަލީގައި ކޮންމެވެސް ވަރެއްގެ އެހީއެއް މި މަސައްކަތަށް ލިބޭނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރަމުން ދެއެވެ.މިހާތަނަށް މުޅި ދުނިޔެއިން 156 މިލިއަން މީހުން ކޮވިޑު 19އަށް ފައްސި ވެފައި ވާއިރު، މި ބަލީގައި 3.26 މިލިއަން މީހުންވަނީ މަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް