ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލައިގެން ޓެރަރިސްޓު ހަލަމާ ދިން ސަރަހައްދު އާންމުކޮށް ހުޅުވާލައިފި އެވެ.
ނަޝީދަށް ހަމަލާދީފައިވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ހުންނަ ނޯލޯފަރު މަގުން ހިންގަވައި މަޖީދީ މަގަށް ނުކުމެ ކާރަށް އަރާވަޑައިގެންނަވަނިކޮށެވެ. މި ހަމަލާގައި އެމަނިކުފާނަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފަ އެވެ.
މި ހާދިސާ އާއި ގުޅިގެން ނީލޯފަރު ހިނގުމާއި މަޖީދީ މަގުގެ އެއްކޮޅުން އަލިކިލެގެފާނު މަގު ގުޅޭ ހިސާބުން އަދި އަނެއް ކޮޅުން ރައްދެބައި މަގުން މަޖީދީ މަގު ގުޅޭ ހިސާބު އެރެއިން ފެށިގެން އޮތީ ބަންދުކޮށްފަ އެވެ. އެތަން ހުޅުވާލާފައި މިވަނީ ހާދިސާ ހިނގިތާ ހަތަރު ދުވަސް ފަހުންނެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބަދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، ރެއިން ފެށިގެން އެ ސަރަަހައްދު ހުޅުވާލާފައި ވަނީ ކުށުގެ ވެށިން ތަހުގީގަށް ބޭނުންވާ ހުރިހާ ސާމްޕަލްއަކާއި އެތަނުން ނަގަންޖެހޭ ހުރިހާ ސާމާނެއް ނެގުމަށްފަހުގައި ކަމަށެވެ. އަދި ބޮން ގޮވުމުގެ ސަބަބުން ބުރައިގެން ދިޔަ އެތިކޮޅުތައްވެސް ޖުމުލަ ގޮތެއްގައި ނަގާފައިވާ ކަމަށް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ އަދިވެސް އެ ސަރަހައްދުގެ ބައެއް ގޭގޭގެ ބެލްކަނީފަދަ ތަންތަނުން އެ ބޮމުގައި ހިމެނޭ ރޭޒާ ފުއްތަށް ފެނިެގެން ރިޕޯޓު ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ސަރަހައްދު ހުޅުވާލި ނަމަވެސް އެއްވެސް ގެއަކުން މި ހާދިސާއާ ގުޅުން ހުރި އެއްވެއް އަދިވެސް ފެނިއްޖެނަމަ ފުލުހުންނަށް އަންގައި ދިނުމަށް އެދިފަވެ އެވެ.
އަދިވެސް މިފަަދަ އިތުރު އެއްޗެއް އޮތުމަކީވެސް އެކަށީގެންވާ ކަމަކަށް ވާތީ އެފަދަ އެއްޗެއް ފެނިއްޖެ ނަމަ ފުލުހުން ގާއިމުކޮށްފައިވާ ހޮޓްލައިން 9704000 މިނަންބަރަށް ގުޅަން އެދިފަވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް