ވަގުތު ދީފައި ނޫނީ ލޮކްޑައުން ނުކުރާނެ: މަބްރޫކް

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ފަހު ފިޔަވަޅެއްގެ ގޮތުގައި ލޮކްޑައުން އަށްދާނީ އާންމުންނަށް ދުރާލާ އަންގައި ވަގުތު ދީފައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާލުވެއްޖެ އެވެ. ބައެއް ...

11 May 2021 | 09:38

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ފަހު ފިޔަވަޅެއްގެ ގޮތުގައި ލޮކްޑައުން އަށްދާނީ އާންމުންނަށް ދުރާލާ އަންގައި ވަގުތު ދީފައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާލުވެއްޖެ އެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ފިތުރު އީދަށް ފަހު ދެ ހަފްތާއަށް މާލެ ލޮކްޑައުން ކުރަން ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނާއި އާއި ސަރުކާރައި ކަމާ ގުޅޭ ފަރާތްތަކާއި ގުޅިގެން މަޝްވަރާ ކުރުމަށް ފަހު ނިންމާފަ ވާކަމަށެވެ. އެކަމަކު އެކަން ސަރުކާރުން ޔަގީނެއް ނުކޮށްދެ އެވެ.

ކޯވިޑް ކޭސްތައް އިތުރުވުމާއި މާލެ ކޯވިޑްގައި ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާތީ މާލެ ލޮކްޑައުން ކުރުމާއި ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް އަންނަނީ ކުރަމުންނެވެ. އެކަމަކު މިހާތަނަށް މަޝްވަރާތަކަށް ފަހު ވަކި ގޮތެއް ނިންމޭނެ ކަން ނޭނގޭއިރު ގިނަ ބަޔަކު ދަނީ އަލުން ލޮކްޑައުނަކަށް ހިނގައިދާނެތީ ބައެއް ކަންކަމާއި ކަންޑޮވުން ފާޅު ކުރަމުންނެވެ.

މިކަމާއި ގުޅިގެން "ދުވަސް" އަށް މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ ލޮކްޑައުނަކަށް ދާނަމަ ދެން ދާނީ އެކަމަށް ތައްޔާރުވުމަށް ރައްޔިތުންނަށް ވަގުތު ދިނުމަށް ފަހު ކަމަށެވެ. މަބްރޫކްގެ ވާހަކައިގަ ވަނީ މިހާރު އޮތް ހާލަތުން ފުރިހަމަ ލޮކްޑައުނަކަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް ދެއްވާފަ އެވެ.

އެކަމަކު އެކަން ޔަގީން ކޮށެއް ނުދެއްވައެވެ. އަދި ފުރިހަމަ ލޮކްޑައުން މާނަ ކުރައްވަނީ މުޅި ރާއްޖެ ލޮކްޑައުންއަކަށް ދިޔުންތޯ ނުވަތަ މާލޭ ސިޓީ ލޮކްޑައުން ކުރުންތޯވެސް ސާފުކޮށް ވިދާޅުވެފައެއް ނުވެ އެވެ.

މާލެއިން އެންމެ ފުރަތަމަ ކޯވިޑް ކޭހެއް ފެނުމާއެކު، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މާލެ ލޮކްޑައުން ކުރި އެވެ. އެކަމަކު ގޭގައި ބަންދުވެ ތިބެން ޖެހުންވީ، ގިނަ ބަޔަކަށް ބޮޑު ވޭނަކަށެވެ.

ގިނަ ބައެއްގެ ވަޒީފާ ގެއްލި، އާމްދަނީ ނުލިބި އަދި ނަފްސާނީ މައްސަލަތައް ވެސް އިތުރުވި އެވެ. އެހެންވެ، ކޭސްތައް އިތުރުވެ، ރާއްޖެ ނުރައްކާތެރި ހާލަތެއްގައި އޮތް ނަމަވެސް ލޮކްޑައުންއަކަށް ދާން ގިނަ ބަޔަކު މިހާރު ދެކޮޅު ހަދަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިއްހީ މުއައްސަސާތަކުން ބާރު އަޅަނީ މާލެ ލޮކްޑައުން ކުރުމަށެވެ. ހާލަތު ކޮންޓްރޯލް ނުވާ ނަމަ، ލޮކްޑައުން ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކޯވިޑާއި ގުޅިގެން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް) އިން މި ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް