ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހޮސްޕިޓަލްގައި ބަލި އެނދުގައި އޮންނަވާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެދުން ފޮނުއްވައިފި އެވެ.
އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ހޯއްދަވަމުން ގެންދަވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާގައި ލިބުނު ޒަހަމް ތަކާއި ގުޅިގެންނެވެ. މިި ހާދިސާގައި އެމަނިކުފާނަށް ސީރިއަސް އަނިޔާތަކެއް ލިބުނު އިރު ހަމަލާ ދިނީ އާއިލީ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން ހިންގަވާފައި ގޮސް މަޖީދީ މަގުގައި ޕާކުކޮށްފައި އޮތް ކާރަށް އަރާވަޑައިގެންނަވަނިކޮށެވެ.
ނަޝީދަށް ލިބުނު އަނިޔާތަކާއި ގުޅިގެން ގިނަ އޮޕަރޭޝަންތެއް ކޮށްފައިވާއިރު މިހާރު ހާލުކޮޅު އަންނަނީ ރަނގަޅުވަމުންނެވެ. އަދި އެމަނިކުފާނުގެ އާއިލާ އާއި ޕާޓީގެ އިސްވެރިންގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނަޝީދުގެ ހާލު ކޮޅު ބެއްލެވުމަށް އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފަ އެވެ.
ނަޝީދު އަރިހައް ޒިޔާރަތް ކުރެއްވުމަށް ފަހު ކުރެއްވި ޓުވީޓެއްގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ރައީސް ނަޝީދާއި ވާހަކަ ދައްކާލުމުގެ ފުރުސަތު މިއަދު އޭނާއަށް ލިބުނު ކަމަށެވެ.
އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކާއި ގުޅޭގޮތުން ހަސަން ވިދާޅުވެފައިވަނީ ރައީސް ނަޝީދު އެންމެހާ ރައްޔިތުންނަށް ވެދުން ދެންނެވި ކަމަށެވެ. އަދި އަބަދުވެސް އެންމެހާ ރައްޔިތުންނާއި އެކު ހުންނަވާނެ ކަމަށް ވިދާޅުވި ކަމަށް ހަސަންގެ ޓުވީޓުގައި ވިދާޅުވެފަ ވެ އެވެ.
https://twitter.com/HassanLatheef/status/1392036135958810626
ނަޝީދަށް ހަމަލާދިން މައްސަލައިގަ ހިމެނޭ ތިން މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ވ. ތިނަދޫ ހިޔާ އުމުރުން 25 އަހަރުގެ އަހުމަދު އަދުހަމް އާއި، މއ. ފޭރުގެ، އުމުރުން 21 އަހަރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ، ފޮޅޭމާ، އުމުރުން 32 އަހަރުގެ ތަހުމީނު އަހުމަދު އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ނަޝީދަށް ހަމަލަ ދިނުމަށް ބޭނުންކުރި އައިއީޑީ ހަރުކޮށްފައިވާ ސައިކަލަކީ މީގެ ތެރެއިން ތަހުމީނުގެ ސައިކަލެވެ.
ހަމަލަދިނުމުގެ ބޭނުމުގައި އޭނާގެ ސައިކަލްގެ ނަމްބަރު ބަދަލުކޮށް، އިންޖީނުގެ ނަމްބަރު ހުރީ ފޮހެލައިފަ އެވެ. އެކަމަކު ފުލުހުންގެ ފޮރެންސިކް ޓީމުގެ މަސައްކަތުން އިންޖީނުގެ ނަމްބަރު ދެނެގަނެ ސައިކަލްގެ ވެރިމީހާ އަކީ ވެސް ތަހުމީނުކަން ވަނީ ހޯދައިފަ އެވެ.
އައި ބޮން ގޮއްވާލީ އަދުހަމް އަތުގައި އޮތް ރިމޯޓަކުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް