ކޯވިޑް-19 ކޭސްތައް އިތުރުވެ ރާއްޖެއަށް ހާއްސަކޮށް މާލެއަށް ނުރައްކާތެރިކަން ބޮޑުވެފައި ވީނަމަވެސް މާލެ ލޮކްޑައުނަކަށް ދިއުމާއި މެދު އަދިވެސް ގޮތެއް ނުނިންމޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ދެ ހަފްތާއަށް މާލެ ލޮކްޑައުން ކުރަން ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނާއި އާއި ސަރުކާރައި ކަމާ ގުޅޭ ފަރާތްތަކާއި ގުޅިގެން މަޝްވަރާ ކުރުމަށް ފަހު ވަނީ ނިންމާފަ އެވެ. އެ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި މާލެ ލޮކްޑައުން ކުރަން ނިންމާފައިވަނީ އަންނަ ފިތްރު އީދު ނިމުމުންނެވެ.
މިކަމާއި ގުޅޭގޮތުން "ދުވަސް" އަށް މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ ކޯވިޑް ކޮންޓްރޯލް ކުރުމަށް މާލެ ލޮކްޑައުން ކުރުމާއި ގުޅޭގޮތުންނާއި އިތުރަށް ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އަޅާފެ ފިޔަވަޅުތަކާއި ގުޅޭގޮތުން ކަމާ ބެހޭ ފަރާތްތަކާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ. އެކަމަކު ސިއްހީ ދާއިރާ އާއި އެހެނިހެން މުއައްސަސާތަކާއި ދެމެދު ވަކިގޮތަކަށް މިހާތަނަށް އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށެވެ.
ރޭ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ރައީސާއި ކަމާބެހޭ ފަރާތްތަކާއި އެކު ގޮތެއް ނިންމުމަށް ރޭ ބައްދަލުވުމަށް އޮންނާނެ ކަމަށާއި އެ ބައްދަލުވުމުގައި ލޮކްޑައުން ކުރުމާއި މެދު ގޮތެއް ނިންމުން އެކަށީގެންވާ ކަމަށެވެ. އެކަމަކު މިއަދު މަބްރޫކް ވިދާޅުވީ ރޭގެ ބައްދަލުވުމުގައިވެސް ވަކި ގޮތެއް ނިންމިފައި ނުވާ ކަމަށެވެ.
އަދި މިއަދުވެސް ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
މާލޭގެ ކޯވިޑްގެ ހާލަތު ކޮންޓްރޯލުން ނެއްޓި 900 އަށްވުރެ ގިނަ މީހުން ޕޮސިޓިވްވާތާ ދެ ދުވަސްވީ އެވެ. އަދި 1،000 އިން މަތީގައި ރާއްޖޭގެ ޕޮސިޓިވް ކޭސްތައް ހުންނަތާވެސް ދެ ދުވަސް ވަނީވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް