ސިލްސިލާ ވާހަކަ: ޒާރާ – ނުވަދިހަ ހަވަނަބައި

''ތިހެން ތުއިވެގެން މާ ނަލަވެގެން އިމްރާނާ އެކު މާގިނައިން މަށަށް ނުފެންނައްޗޭ.......... މާ ކަންތައް ބޮޑުވަންޏާ އިމްރާނަށް ހުރިހާ ފޮޓޯތަކެއް ފޮނުވާލަން ޖެހިދާނެ...........އޭރުން އޭނާއަށްވެސް އެނގޭނެ ކ...

11 May 2021 | 07:36

''ތިހެން ތުއިވެގެން މާ ނަލަވެގެން އިމްރާނާ އެކު މާގިނައިން މަށަށް ނުފެންނައްޗޭ.......... މާ ކަންތައް ބޮޑުވަންޏާ އިމްރާނަށް ހުރިހާ ފޮޓޯތަކެއް ފޮނުވާލަން ޖެހިދާނެ...........އޭރުން އޭނާއަށްވެސް އެނގޭނެ ކަލޭ ގަނެފަ ހުރި ގަނޑު........ މަށާއެކީ ހާވާފަ ހުރި ހަޑި.............. އޭރުން ތިހެން މަހާ ރާނީ ހެދިގެން މިގޭގައި ހުންނާނީ އުޅެވިފަ............'' ދެވަނަ ފަހަރަށް ފަހުދު ޒާރާގެ ގާތަށް ޖެހިލަމުން މަޑުމަޑުން ބުންޏެވެ. މަޑުން ބޫންޏަސް އެ އަޑުގައިވަނީ ހަރުކަށިކަމެވެ. ރާގުގައި ވަނީ އަމުރުވެރިކަމެވެ. ޒާރާގެ އަތްފައި ފިނި ވަމުން ދިޔައެވެ. އޭނާ ބޭނުންވީ ހަޅޭއްލަވައި ގަންނާށެވެ. ވަގުތުން އިމްރާނަށް ގޮވަން އޭނާ ބޭނުންވިއެވެ. ޒާރާ ހިނގައިގަތީ އެތަނުން ދުރަށް ދާށެވެ.

އެހެންނަމަވެސް ހުޝިޔާރުކަމާއެކު ފަހުދު ޒާރާގެ އަތުގައި ހިފެހެއްޓިއެވެ. ލައިގެން ހުރި ދިގު މެކްސީއާއެކުގައެވެ. އެހެން އެއްވެސް މީހަކަށް އެމަންޒަރު ފެނުނަ ނުދިނުމަށްޓަކައެވެ.

ޒާރާގެ ހިތް ތެޅިގަތެވެ. ރުޅި އިންތިހާއަށް ދިޔައެވެ. ސިޓިން ރޫމުގައި ތިބި އޭނާގެ މައިދައިތަ އާ ބަފައިބެއަށް ފެނިދާނެތީ ކަންބޮޑުވިއެވެ. ތަށިތައް ފޮހުމުގައި އަވަދިނެތި އުޅުނު ޖީނާ ގެ ސަމާލުކަން އެކަމަށް ނުލިބުނީތީ ޒާރާ އުފާކުރިއެވެ. ފަހުދު ހިފަހައްޓައިގެން ހުރީ އެހެން މީހުނަށް ނޭނގޭ ގޮތަށް ކަމަށް ވިޔަސް ޒާރާގެ މޫނު ފެނުނު މީހަކަށް އޭނާ ހާސްވެ ކަންބޮޑުވެފައިވާ ވަރު އެނގޭނެއެވެ.

''މިރޭ އަހަރެންނަށް ފުރުސަތެއް ލިބެން ޖެހޭނެ......... އެއްބަސް ވޭ......... އެހެން ނޫނީ އެންމެން ތެރޭގެ ފަޟީހަތް ވާނީ ހަމަ ޒާރާ.............'' ފަހުދު ސިއްރު ސިއްރުން އިންޒާރު ދެމުން ދިޔައެވެ. ޒާރާގެ އަތަށް ފިއްތަމުންގޮސް އިނގިލިތައް މުގުރޭ ވަރު ވެއްޖެއެވެ. ލިބެމުންދާ ވޭނަށް ކެތް ކުރަން ދަތިވެ ލޮލުން ކަރުނަ ނީރާލީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ފަހުދުގެ އަތު ތެރެތެރެއިން އަތް ދަމައިގަންނަން ޒާރާ ކުރި ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ.

''ބުނޭ ..... އާނއެކޭ............. އެއްބަސްވޭ................'' ފަހުދު ޒާރާގެ އިނގިލިތަކަށް ނިކަން ބާރަށް ފިއްތާލިއެވެ.

''އާހް......'' ޒާރާއަށް ހަޅޭއްލަވައިގަނެވުނެވެ. ބޭއިޚްތިޔާރުގައި އަނގައިން ނިކުން ''އާހް'' ގެ އަޑާއެކު އެންމެންގެ ސަމާލުކަން ޒާރާއަށް ހުއްޓުނެވެ. ފަހުދު ވަގުތުން ދުރަށް ޖެހިލިއެވެ. މާ ނޫން ކަމަށް ހަދާފައި ފުރިޖްގެ ދޮރު ހުޅުވައިގެން ހާވަން ފެށިއެވެ.

'' ކިހިނެތްވީ ދަރިފުޅާ.............'' ސަރިފާއާއެކު އަލިބެއަށްވެސް އަހާލެވުނީ އެއް ސުވާލެކެވެ. އެންމެންގެ ނަޒަރު ޒާރާއާ ދިމާލަށް ހުއްޓިފައިވާކަން އެނގުމުން ޒާރާ ކަންބޮޑުވާ ގޮތްވިއެވެ.

''މެޑަމް އަތުގަ ޓޯސްޓަރު ޖެހެނީނު..........ހޫނުވީނު........... ދީ ޖީނާ ކުރާނީ......... މެޑަމް ދަނީ އެކޮޅު..............'' ޖީނާ އަވަސް އަވަހަށް ޒާރާގެ ގާތަށް ޖެހިލާ އަތުގައި އަތުގައި އޮތް ޕާން ފޮތި އަތުލިއެވެ.

ޖީނާ ބުނި އެއްޗެއް އެބުނީ އޭނާއަށް މަންޒަރު ސިފަވި ގޮތަށް ވިސްނާފައެވެ. ކުރެވުނު ހީއެއްގެ މައްޗަށް ބުނެވުނު އެއްޗެއް ނަމަވެސް އެ ބުނުމާ މެދު ޒާރާ ހިތާހިތުން އުފާކުރިއެވެ. ލޮލަށް ޖަމާވެފަ ހުރި ކަރުނަތިކި ހިންދާލުމަށްޓަކައި އެސްފިޔަތައް ތަޅުވާލިއެވެ.

''ކިހިނެތް ވެފަ އެންމެން ތިތިބީ...........'' ބޭސް ކަރުދާސް ތައް ހިފައިގެން ކޮޓަރިން ނިކުތް އިމްރާނަށް އަހާލެވުނެވެ. އެންމެންގެ ނަޒަރު ޒާރާއަށް ހުއްޓިފައިވާތަން ފެނުމުން އޭނާގެ ހިތުގެ ހިނގުންވެސް އަވަސްވިއެވެ. އަވަސް ވަށައިގެން ނަޒަރު ހިންގާލެވުނެވެ. ފަހުދު ކޮބާތޯއެވެ. އައިސް އަލަމާރި ތެރެއަށް ބޯ ކޮއްޕައިގެން ގުދަށް އޮތް ފަހުދު ފެނުމުން އިމްރާން ބަލާލީ ޒާރާގެ މޫނަށެވެ.

ޒާރާގެ މޫނުން ފެންނަންހުރި ކަންބޮޑުވުމާ ހާސްކަމުގެ އަސރުތައް އިމްރާނަކަށް ސިއްރެއް ނުވިއެވެ. ހިނިތުން ވާން މަސައްކަތް ކުރިނަމަވެސް ޒާރާގެ ތުންފަތް މައްޗަށް ހިނިތުން ވުމެއް ނުގެނެވުނެވެ. ހާސްކަން ކަނޑުވާލާ ހަށިގަނޑު ހަމައަކަށް އަޅުވާލަން ކުރި މަސައްކަތްވެސް ދިޔައީ ބޭކާރުވަމުންނެވެ.

ހަރަކާތެއް ނެތި ހުއްޓުން އަރާފައި ހުރި ޒާރާއާ ދިމާއަށް އިމްރާނު ހިނގައިގަތެވެ. ކަމެއް ގޯސްވެއްޖެކަން  އޭނާއަށް އެނގުނެވެ. އަތުގައި ހުރި ބޭސް ކަރުދާސްތައް ކާމޭޒުމަތީ ބެހެއްޓުމަށްފަހު ކިހިނެތް ވީހޭ އަހާކަހަލަ ގޮތަކަށް ނިތް އަރުވާލަމުން އިޝާރާތް ކޮއްލިއެވެ.

''އަތަށް ހޫނުވީ........... ޓޯސްޓަރު ތެރެއަށް އިނގިލި ވަނީ......'' ޒާރާ ހެދީ ދޮގެކެވެ.

''މެޑަމް .......އައިސްފެން ޖައްސަން ބޭނުން........ ބޮސް އަހަރެން ބުނަނީ......... އެވައްތަރު ............'' އިމްރާނުގެ މޫނަށް ބަލާލަމުން ޖީނާ ވާހަކަދެއްކިއެވެ.

''ތެދެއް......... އައިސް ޖައްސަންވީނު............ އާދޭ............ އިށީނދޭ............ '' ޒާރާގެ ބުރަކަށީގައި އަތް ޖައްސާލަމުން އިމްރާނު އެންމެ ގާތަށް ހުރި ގޮނޑި ދަމާލިއެވެ. ލޮލުގެ ކުޑަކޮޅުން ފަހުދު އެމަންޒަރުވެސް ބެލިއެވެ. ޒާރާއާ އެހާ ގާތުގައި އިމްރާން ހުންނަތަން ދެކޭކަށް އޭނާގެ ހިތެއް ނޭދެއެވެ.

އައިސް އަލަމާރިން އައިސް ޕެކް ނަގަން އިމްރާން އަތް ދިއްކޮއްލިއެވެ. އެވަގުތު ފަހުދު އިމްރާނަށް ވުރެ ކުރިން އައިސްޕެކް ނެގިއެވެ.

''ބަލަ ޑޮކްޓަރުން ތިއްބަ އެހެން މީހުނަކާ ޖެހިގެން ނުވާނެ ބަލި މީހާއަށް ފަރުވާކުރާކަށް.............. ނޫންތަ ބޯއްތާ........'' އައިސް ޕެކް ހިފައިގެން ޒާރާއާ ދިމާއަށް ފަހުދު ހިނގައިގަތެވެ. ސަރީފާއަށް ދޯދެމުންނެވެ. އިމްރާނު ހުރީ ހަރަކާތް ހުއްޓިފައެވެ. ފަހުދުގެ އަތުން އައިސްޕެކް އަތުލަން އޭނާ ކިތައްމެ ހާވެސް ބޭނުމެވެ. އެހެން ނަމަވެސް އޭނާގެ އަނގަޔަކުން ބަހެއް ބޭރެއް ނުވިއެވެ.

''އެބުނާހެން........ ޑޮކްޓަރުން އެތިބީ ވިއްޔަ ދޯ ޚިދުމަތުގަ.............'' އަލިބެ ސަމާސަ ކޮއްލިއެވެ. އެއީ ސަމާސާއެއް ނަމަވެސް ފަހުދަށް އެ ސަމާސާގެ ސަބަބުން ހިތްވަރު ލިބުނެވެ.

ވަގުތު ނަގާލާކަށް ފަހުދު ބޭނުމެއް ނޫނެވެ. އޭނާ ޒާރާއާ ދިމާއަށް ހިނގައިގަތެވެ. ޒާރާގެ ހިތް ހީވީ މޭ ފަޅާލާފައި ބޭރަށް ފުންމާލަފާނެ ހެންނެވެ. އިމްރާނުގެ މޫނަށް އޭނާއަށް ބަލާލެވުނެވެ. އެބެލުން ބުނާކަހަލައެވެ. ފަހުދު އަތުން އެ އައިސްޕެކް އަތުލާށެވެ....... އޭނާ އަހަރެން ގައިގައި އަތްލިޔަ ނުދޭށެވެ...... ފިރިއެއްގެ ވާޖިބު އަދާކުރުމުގައި ފަސް ނުޖެހޭށެވެ.......

އިމްރާނެކޭ ބަހައްޓާފައި ހުރި ބުދެކޭ ތަފާތެއް ނެތެވެ. އެސްފިޔަ ޖަހާލަންވެސް އޭނާ ހަނދާން ނެތިފައި ހުރިކަހަލައެވެ. ވާނީ ވެސް އެހެންނެވެ. އޭނާގެ ކުރިމަތީގައި ފަހުދު ޒާރާގެ އަތުގައި އައިސްޕެކް ޖައްސާތަން ބަލަން އިމްރާނުގެ ހިތަށް ކެތް ނުވާތާނގައި، އެކަން ހުއްޓުވުމަށް ކުރެވޭނެ ކަމެއްވެސް އޭނާއަކަށް ނުވިސްނުނެވެ. މަންމަ އާ ބައްޕައަށް ހުރިހާ ކަމެއް އަންގަން ބޭނުން ނުވާއިރު ފަހުދާ ދިމާއަށް ބުނެވެން އޮތީވެސް ފަހެ ކީކޭ ހެއްޔެވެ. އިންސާނާއަށް ބައެއް ފަހަރު މަޖުބޫރީ ހާލަތު މެދުވެރިވަނީ އޭނާގެ އިޚްތިޔާރުގައި ނުވާ ކަންކަމުންނެވެ.

''ދައްކާ........... ކޮން އިނގިއްޔެއް.........ފަހަރީ..............'' ޒާރާ އިން ގޮނޑިކައިރިއަށް ހުއްޓި ފަހުދު ސުވާލު ކޮއްލިއެވެ. ޒާރާ ޖަވާބު ނުދިން ތާނގައި، އިސްއުފުލާ ބަލާވެސް ނުލިއެވެ.

''މި އަތް ތަ........'' ގުދުވެ، ޒާރާގެ އުނގުމަތީގައި އޮތް އަތުގައި ފަހުދު ހިފަހައްޓާލިއެވެ. ޒާރާއަށް ހީވީ އޭނާގެ އަތަށް ތޫނު އެއްޗެއް ހެރުނު ހެންނެވެ. ތެޅިގަނެވުމާއެކު ފަހުދުގެ އަތު ތެރެއިން އަތް ދަމައިގަތެވެ.

އެ މަންޒަރު ބަލަން ހުރި އިމްރާނުގެ ހިތުގައި ރިއްސާލިއެވެ. އެތެރެއިން އަނދައިގަތް ނަމަވެސް މޫނުމަތިން އެކަން ފެނުނަކަ ނުދެއެވެ.

''ފަހުދު ދަރިފުޅާ ދައްކަބަލަ ތި އައިސްޕެކް...........'' އަލިބެ އުނގުގައި ޒިލީ ބޭންދުމަށްފަހުގައި ސަރީފާ އިންތަނުން ތެދުވިއެވެ. ފަހުދާ މުޚާތަބު ކުރުމުގައި ގިނަފަހަރަށް ސަރީފާ މުޚާތަބު ކުރަނީ ދަރިފުޅުގެ ނަމުންނެވެ. އިމްރާނެކޭ ފަހުދެކޭ ތަފާތު ކުރުމެއް ނުގެންގުޅެއެވެ. އެންމެ ތުއްތު އިރުއްސުރެ ވެސް އެއީ އެކަން އޮތް ގޮތެވެ.

ފަހުދުގެ އަތުން އައިސްޕެކް އަތުލުމަށްފަހު ޒާރާގެ ގާތުގައި ހުރި ގޮނޑީގައި ސަރީފާ އިށީނދެލިއެވެ.

''ތީ އެހާވަރު ކަމެއް ނޫނޭ ދަރިފުޅާ..........ގެނޭ މަންމަ އަތަށް.............. މަންމަ އަށް އެނގޭ ފަހުދު ވީމަ ދަރިފުޅު ލަދުގަތީކަން.............'' ޒާރާގެ އިނގިލިތަކުގައި އައިސްޕެކް ޖައްސަމުން ސަރީފާ ވާކަދެއްކިއެވެ. ނުހަނު ލޯބިންނެވެ. ނުހަނު އޯގާތެރިކަމާއެކުގައެވެ.

އައިސް ޕެކް ޖައްސަމުން ދިޔައީ އަތުގައި ކަމަށް ވިޔަސް ފިނިކަން ލިބި ހަމަޖެހުން ލިބުނީ އޭނާގެ ހިތަށެވެ. ޝުކުރުވެރި ކަމާއެކު މައިދައިތަގެ މޫނަށް ޒާރާ ބަލާލިއެވެ. އެއީ ޒާރާގެ މައިތައިތައެވެ. މަންމަ އަކަށް ވުރެވެސް ހެޔޮ މައިދައިތަ އެކެވެ. ޒާރާއަށް ނުލިބުނު މަންމަގެ ލޯބި އެ މައިދައިތަގެ ފަރާތުން އެންމެ ފުރިހަމައަށް ޒާރާއަށް ލިބިއްޖެއެވެ.

އިސްއުފުލާ ޒާރާއަށް ބަލާލެވުނީ އިމްރާނުގެ މޫނަށެވެ. ލޯބިން ފުރިފައިވާ ބެލުމަކުންނެވެ. އޭރު އިމްރާނުވެސް ހުރީ ޒާރާގެ މޫނަށެވެ. އިމްރާނުގެ ލޮލާ ލޯ ސީދާވުމުން ހިއްސުތަކަށް ދިރުން ގެނުވައިފިއެވެ. ހީވީ އެތައް ދުވަހަކަށްފަހު ދެ ލޯބިވެރިނަށް އެކަކު އަނެކަކު ފެނުނު ހެންނެވެ. ދެމީހުންގެ ލޮލުން އެތައް ވާހަކައެއް ބުނެދެމުން ދިޔަ އެވެ.  ލަދުވެތި ހިނިތުން ވުމެއް ޒާރާގެ ތުންފަތްމައްޗަށް ވެރިވިއެވެ. އެ މަންޒަރު ބަލަންހުރި ފަހުދުގެ ހިތުގައި އުފެދި ބޮޑުވަމުން ދިޔަ ހަސަދަވެރިކަމުގެ އަލިފާންގަނޑު ހުޅުފަޅާ އަނދައިގަތެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 13 މެއި ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް