މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް1.41 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު ދައުލަތަށް ލިބިފައިވާ އާމްދަނީ އަކީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު 173.8 ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ. އަދި މިއީ މިދިޔަ މަހު ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީއަށްވުރެ82.6 ޕަސެންޓު އިތުރު އަދަދެކެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، އެޕްރީލް 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު އެޕްރީލް 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީޖީއެސްޓީ، ޖީއެސްޓީ، ގްރީން ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، އެއަރޕޯޓް ސަރވިސް ޗާޖް، އާމްދަނީން ނަގާ ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުމެވެ.
މީގެ އިތުރުން، ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާގެ ބޮޑު އަދަދެއް މި މަހުގެ ތެރޭގައި ބަލައިގަނެފައިވާކަމަށް މީރާއިން ހާމަކުރެއެވެ. އަދި މި އަދަދު އެޕްރީލް މަހު ލިބިފައިވާ އާމްދަނީގެ 20 ޕަސެންޓު ހިއްސާކުރާކަމަށް މީރާއިން މައުލޫމާތުދެއެވެ.
މީގެ އަނެއް ސަބަބެއްގެ ގޮތުގައި މީރާއިން ފާހަގަކުރާ ސަބަބަކީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ކޯވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ފުރަބަންދުކޮށްފައިވުމުގެ ސަބަބުން އެ މަހުގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރި ދަށްވެފައިވުމުން، އެ މުއްދަތާ އަޅައިބަލައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް