ކޯވިޑް-19ގެ ބަލިމަޑުކަމުން ސަލާމަތް ކޮށް ދެއްވުން އެދި ފަރުޟު ނަމާދުތަކުގައި ގުނޫތު ނާޒިލާ ކިޔަން އިސްލާމިކް މިނިސްޓްރީން މިސްކިތްތަކުގެ އިމާމުންނަށް އަންގައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ރޭ ވިދާޅުވީ ފަރުޟު ހުރިހާ ނަމާދެއްގެ ފަހު ރަކުއަތުގައި ގުނޫތު ނާޒިލާ ކިޔުމަށް ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ އިމާމުންނަށް އަންގާފައިވާ ކަމަށެވެ.
ދިވެހިރާއްޖެއަށް ފުރަތަމަ މި ރޯގާ ފެތުރެން ފެށި ހިސާބުން ފެށިގެން މާލޭ ސަރަހައްދުގެ މިސްކިތްތައް ބަންދުކުރުމާއި ހަމައަށް ފަރުޟު ނަމާދުތަކުގައި ގުނޫތު ނާޒިލާ ކިޔަމުން އައެވެ. އަދި މިސްކިތްތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވި ފަހުން ވެސް ގުނޫތު ނާޒިލާ ކިޔަމުން އައެވެ. ނަމަވެސް ވަކި ހިސާބަކުން ކޯވިޑް-19 ފެތުރޭ މިންވަރު މަދުވާން ފެށުމުން ގުނޫތު ނާޒިލާ ފަރުޟު ނަމާދުތަކުގައި ކިޔެވުން އޮތީ ހުއްޓާލާފައެވެ.
އަނެއްކާ ވެސް ރާއްޖެ އިން ކޯވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. މިމަހު މިހާތަނަށް އިއުލާން ނުކުރެވި އޮތް ވޭދަނަތާއިއެކު އިއްޔެ އެކަނި ވެސް ވަނީ 1204 މީހަކު މި ބައްޔަށް ފައްސިވިކަން އިއުލާން ކޮށްފައެވެ. މިހާރު ރާއްޖޭގައި 10376 ބަލި މީހުން އެބަތިއްބެވެ. އޭގެތެރެއިން 244 މީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް