އެމްއެމްޕީއާރުސީ ހިޔާނާތުން މަންފާ ލިބުނު މީހުންގެ ލިސްޓު ދިރާސާކުރަމުން އަންނަ ގައުމީ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން އަމިއްލައަށް ވަކިވެވަޑައިގެންނެވީ އެ ލިސްޓުގައި ނަން އޮތްކަން އެނގިވަޑައިގެން ނޫން ކަމަށާއި، އެކަމާމެދު ޝައްކު އުފައްދަމުންދާތީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓެވުމަށް ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
241 ކޮމިޓީން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ނައިބު މުގައްރިރު އާޒިމް ކޮމިޓީން ވަކިވެފައިވާތީ، އެ މަގާމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހަމަޖައްސަން ވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
އާޒިމް ކޮމިޓީން ވަކިވެފައިވަނީ ހިޔާނާތުގެ ލިސްޓު ދިރާސާކުރަމުންދާއިރު، މަސްލަހަތު ފުށުއަރާ އެއްވެސް މެމްބަރެއް ފާހަގަކުރެވިއްޖެ ނަމަ އެ މެމްބަރަކަށް ކޮމިޓީގެ އެ މަސައްކަތުގައި އިތުރަށް ބައިވެރިނުވެވޭގޮތް ހެދުމަށް ހޮނިހިރު ދުވަހުގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނިކޮށެވެ.
އޭނާ އިސްތިއުފާ ދިން ސަބާބާ ގުޅޭ ގޮތުން އާންމުންގެ ތެރޭގައި ގިނަ ވާހަކަތަކެއް ދެކެވެމުންދާއިރު، އޮންލައިން ނޫސް "އަދަދު"އަށް ދެއްވި ބަސްދީގަތުމެއްގައި އާޒިމް ވިދާޅުވީ އެއް ކޮމިޓީން އަނެއް ކޮމިޓީއަށް ބަދަލުކުރެވޭނީ މެމްބަރަކު އަމިއްލައަށް ސޮއިކޮށް ފޮނުވުމުން ކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތުން ވަގުތީ ގޮތުން ދުރަށް ޖެހިވަޑައިގެންނެވީ ރައްޔިތުން ތަމްސީލްކުރާ މީހަކަށްވެފައި، ޝައްކެއް ވެސް އުފެދޭ ތަނެއްގައި އިންނަވަން ބޭނުންނުވާތީ ކަމަށެވެ.
އާޒިމް ވިދާޅުވި ގޮތުގައި ހިޔާނާތުގެ ލިސްޓުގައި އޭނާގެ ނަން އޮތް ކަމަށް ތުހުމަތުކުރާއިރު، މިހާތަނަށް އެސެޓް ރިކަވަރީ ކޮމިޝަނުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް އެއްވެސް ސުވާލެއް ކޮށްފައި ނުވެއެވެ.
ރާއްޖޭގެ ތާރީޚްގައި ވެސް ހިނގި އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީގެ ހިޔާނާތް ރާވާ ހިންގުމުގައި އެންމެ އިސްކޮށް ތިބީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއެވެ.
މި ހިޔާނާތް ހިނގާފައި ވަނީ ކުރީގެ ރައީސް ޔާމިން ގެ ސަރުކާރުގައި އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް