އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގުކުރާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241) ން އެ ކޮމިޓީގެ ނައިބު މުގައްރިރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިސްތިއުފާ ދެއްވައިފި އެވެ.
އާޒިމް އިސްތިއުފާ ދެއްވާފައި މިވަނީ ހިޔާނާތުގެ މައްސަލަ ބަލަމުންދާ ކޮމިޓީއަށް އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި މީހުންގެ ލިސްޓު މިދިޔަ ބުރާސްފަތި ދުވަހު ލިބިފައިވަނިކޮށެވެ.
އާޒިމް މީޑިއާގައި ވިދާޅުވީ 241 ކޮމިޓީން މިވަގުތަށް ދުރަށް ވަޑައިގަތީ އިންޓެގްރިޓީ ހިފަހައްޓަވަން ކަމަށެވެ. އެކަމަކު އޭނާ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގަވާފައި އަދި ބައިވެރިވެފަ ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީކޮމިޓީއަށް ލިބިފައިވާ ލިސްޓުގައި އޭނާގެ ނަން އޮތް ކަމަށް ވާހަކަ ދެއްކެވޭ ކަމަށާއި ނަަމަވެސް އެ ލިސްޓުގައި ނަން އޮންނަން ޖެހޭ ސަބަބެެއް ނެތް ކަމަށެވެ. އެކަމަކު، އެގޮތަށް އަޑު ފެތުރޭ ނަމަ އެންމެ ރީތި ގޮތަކީ އޭނާ ކޮމިޓީގެ މަސައްކަތުން އެެއްފަރާތްވެ، ފުރިހަމަ ތަހުގީގަކަށް ޖާގަ ދެއްވުން ކަމަށް ވިދާޅުވި އެވެ.
ރޭ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މެމްބަރު އަލީ އާޒިމްގެ ބަދަލުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ 241 ކޮމިޓީއާ ގުޅިވަޑައިގަންނަވާނެ ކަން މަޖިލީހުގެ އިދާރާއިން ކޮމިޓީއަށް އަންގާފައިވާ ކަމަށެވެ. އެހެންވީމާ ކޮމިޓީގައި ދެން އަލީ އާޒިމްގެ ބަދަލުގައި އިންނަވާނީ އީވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އަލީ އާޒިމް ކޮމިޓީއިން ވަކިވުމާ ގުޅިގެން ނައިބު މުގައްރިރުގެ މަގާމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ ނަގައިފަ އެވެ. އެއީ ކޮމިޓީގައި ބައިވެރިވި 13 މެމްބަރުންގެ ވޯޓާ އެކު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް